ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އަންނަ ހޮނިހިރު ދުވަހު 1029 ބައިވެރިންނާއެކު ފަށަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާ ކަމަށާއި އެއީ 52 ސިޓީ ސްކޫލުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިން ކަމަށެވެ.
މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައި ކަމަށެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލްގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 10:30 އަށް މުބާރާތުގެ ކިޔެވުން ކުރިއަށްދާނެ ކަމަށެވެ. އަދި ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑު ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖަޢާކޮށް ގެނެވެން ހުރި ހެޔޮބަދަލުތައް ގެނައުމަށްފަހު ކަމަށެވެ.
މިގޮތުން ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލެވޭނެ ގޮތަށް ކިޔެވުން ތާވަލް ކުރެވިފައިވާ ކަމަށާއި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނައަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލު ކުރެވިފައި ކަމަށެވެ.
މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ޤާރީންނާއި ޙާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.