ތައިވާނު އަތުލުމަށްޓަކައި ޗައިނާއިން އެންމެ އުންޑައެއްވެސް ޖަހާކަށް ނުޖެހޭނެ

Loading

Facebook
Twitter
WhatsApp

ކިއުންތެރިންނަށް މިގެނެސްދެނީ ތައިވާނުގެ މައްސަލާގައި ޗައިނާގެ ސިޔާސަތުގެ މައްޗަށް ސީ އެން އެން ގެ މުޙައްލިލު ބްރެޑް ލެންޑަން ކުރައްވާފައިވާ ދިރާސާއެކެވެ.
ޗައިނާއިން ތައިވާނާ ދިމާއަށް އެންމެ އުންޑައެއްވެސް ފޮނުވާ ލުމަކާ ނުލައި ޗައިނާއިން ބޭނުންވާ ގޮތަކަށް ބޭނުންވާ މިންވަރަކަށް ތައިވާން ކަކޫ މައްޗަށް ތިރިކުރެވިދާނެއޭ ބުނުމަކީ ޙަގީގަތާ ދުރަށް ދިއުން ކަމަކަށް ނުބެލެވޭނެއެވެ. ތައިވާނުގެ މުޅި އިގްތިސާދު ފޫދުއްވާލުމަކީ ޗައިނާއަށް އުދަނގޫ ކަމަކަށް ނުވާނެތީއެވެ.


ތައިވާން ޗައިނާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވެ މިފަހަކަށް އައިސް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްވަމުން ގެންދަވާ ހޫނު އިންޒާރުތަކަކީ މާނައެއް ނެތް ބޭކާރު ވާހަކަފުޅުތަކެއް ކަމުގައި ބަލާކަށް ނުވާނެއެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުން ޗައިނާއިން ކުށްވެރި ނުކުރުމަކީ ތައިވާނުގެ މައްސަލާގައި ޗައިނާގެ ވިސްނުން ހުރިގޮތުގެ ވަރަށް ސާފު ދަލީލެކެވެ.
ދުނިޔޭގެ ވަރަށް ފުންނާބު އުސް މިލިޓްރީ ތަޖްރިބާކާރުންނާއި މުޙައްލިލުންގެ ހާމަކޮށްފައިވާ ރައުޔުތަކަށް ބަލާއިރު މައިގަނޑުގޮތެއްގައި ތައިވާނު އަތުލުމަށްޓަކައި ޗައިނާއިން ބޭނުންކުރާނެ 2 ވަސީލަތެއް އެނގިގެންދެއެވެ. އެ 2 ވަސީލަތަކީ މިލިޓްރީގޮތުން ތައިވާނަށް އަރައިގަތުމާއި މިލިޓްރީގެ ބާރުގައި ތާއިވާނު އެކަހެރި ކޮށްލުމެވެ.
ވޯޝިންގޓަނުގެ ސެންޓަރ ފޯރ ސްޓްރާޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް އިން ބުފައިވަނީ އެމެރިކާއާއި ޑިމޮކްރެޓިކް ގައުމުތަކުން ފަސޭހައިން ވަދެނުގަނެވޭނެ 3 ވަނަ ވަސީލަތެއްވެސް ޗައިނާއަށް ހުޅުވިފައިވާ ކަމަށެވެ. އެއީ ތައިވާން ކަރަންޓީނު ކޮށްލުމެވެ.
މާނައަކީ އެރަށަށް އަރާފައިބާ އައިސް ގޮސް އުޅުމަކީ ސިއްޙީގޮތުން ބިރުވެރިކަމެއް ކަމުގައި ކަނޑައެޅުމެވެ. ސަރަޙައްދުގެ ބިޔަ ބާރުގެ ނަމުގައި އަދި ސަރަޙައދުގެ ބައިވެރިންގެ އެއްބާރުލުމާއި އެކު ޗައިނާއަށް މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އަދި އެފަދަ ކަރަންޓީނެއް ނެތިކޮށްލުން އެމެރިކާއަކަށްވެސް ފަސޭހައެއް ނުވާނެއެވެ. ނުރައްކާތެރި ބަލި ފަތުރާގޮތް ދާދި ފަހުންވެސް އޮތީ އެނގި ހާމަވެފައެވެ.
ވޯޝިންގޓަނުގެ ސެންޓަރ ފޯރ ސްޓްރާޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ރިޕޯރޓް ދިރާސާ ކުރެއްވި ތަޖްރިބާކާރުން ސީ އެން އެން އަށް ކިޔާދީފައިވަނީ އެ ރިޕޯރޓުގައި ހާމަކޮށްފައިވާ 3 ވަނަ ވަސީލަތް ބިނާކޮށްފައި އެވަނީ ތަޢުރީފުކުރަންޖެހޭ ދިރާސާއެއްގެ މައްޗަށެވެ. އެހެންނަމަވެސް ރަނގަޅަށް ތަންފީޒު ނުކުރެވިއްޖެނަމަ ނުރަނގަޅު ނަތީޖާއަކާއި ކުރިމަތިލާން ޖެހުމުގެ ފުރުސަތު ނެތްކަމަށް ބަލައިގެންވެސް ނުވާނެއެވެ.
ޔޫ އެސް ޕެސިފިކް ކޮމާންޑުގެ ޖޮއިންޓް އިންޓެލިޖެންސް ސެންޓަރުގެ ކުރީގެ ޑިރެކްޓަރ ބުނެފައިވަނީ ކަރަންޓީނު ކޮށްގެން ގިނަ ދުވަސްތަކެއް ވާންދެން ބެލެހެއްޓުމަކީ ވަރަށް ބޮޑު ޚަރަދެއް ކަމަށެވެ. މިވަރުގެ ބޮޑު ޚަރަދެއް ބޮލުގައި އެޅުމަކީ ޗައިނާއަށް ބުރައަކަށް ވާނެއެވެ.
މިފަދަ ޙާލަތެއްގައި ޗައިނާގެ ކޯސްޓް ގާރޑާއި މެރިޓައިމް ސޭފްޓީ އޭޖެންސީ ގުޅިގެން ތައިވާނުގެ ބަނދަރުތަކަށް ވަދެ ނިކުތުން “ އަތްނުލައި އައްދޯތް “ ގޮއްވާގޮތަށް ކަރަންޓީނެއްގެ ދަށަށް ގެނެވިދާނެއެވެ. އޭރުން ތައިވާނުގެ އިގްތިސާދު އިނދަޖެހުމަށް ގިނަ ވަގުތެއް ނުނަގާނެއެވެ.
ދުނިޔޭގައި އޮތް އެންމެ ބިޔަ މިލިޓްރީއަކީ ޗައިނާއެކެވެ. ކޯސްޓް ގާރޑުންނާއި މެރިޓައިމް ސޭފްޓީ އޭޖެންސީގެ ހަރަކާތްތަކަށް ޗައިނާގެ މިލިޓްރީން އެހީވެދޭނަމޭ ބުނެލުމުންވެސް ފުދޭނެއެވެ. ކޮންމެހެން ބައިވެރިވާކަށް ނުވެސް ޖެހޭނެއެވެ.
ގައުމެއް ބަންދު ކޮށްލުން ހަނގުރާމައާބެހޭ ބައިނަލް އަގްވާމީ ގާނުނުތައް ހުއްދައެއް ނުކުރެއެވެ. އެކަމަކު ކަރަންޓީނު ކޮށްލެވިދާނެއެވެ. ގާނޫނުތައް ހަދަނީ މައިގަނޑު ގޮތެއްގައި އެމެރިކާއާއި ހުޅަނގުން ބޭނުންވާ ގޮތަށް އަމާޒު ކޮށްފައެވެ. އެކަމަކު ބައެއްފަހަރު ބައިކޮޅަށްވެސް ގޯލް ވަންނަނީ އެވެ.
އެމެރިކާގެ ރައީސްއަށް ގާނޫނުން ހުއްދަ ދީފައިވާ މިންވަރަށްވުރެން ތައިވާނުގެ މައްސަލާގައި މިހާރުވެސްވަނީ އިމުން ބޭރުވެފައެވެ. އެމެރިކާގެ ގާނޫނުގައި ބުނެފައިވަނީ ތައިވާނުގެ ދިފާއަށްޓަކައި އެހީވެ ދެވިދާނެ ކަމަށެވެ. އެހެންނަމަވެސް ބައިޑްން ވިދާޅުވަމުން ގެންދަވަނީ އެމެރިކާ ސިފައިން ފޮނުވައިގެންވެސް ތައިވާން ދިފާއު ކުރައްވާނެ ކަމަށެވެ.
އެމެރިކާއިން ޗައިނާ-ތައިވާނުގެ ހަނގުރާމައެއްގެ ތެރެއަށް ވަނުމަކީ ބޮޑުވެގެންވާ ނުރައްކަލެއް ކަމަށް ތަޖްރިބާކާރުން ގެންދަނީ އިންޒާރު ދެމުންނެވެ. ޗައިނާއިން ގަބޫލުކުރާ ގޮތުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. އެމެރިކާގެ ގާނޫނުގެ ކުރިމަތީގައިވެސް އަދި މިހާތަނަށް އެކަންއޮތީ އެގޮތަށެވެ.
ތައިވާން ކަރަންޓީނު ކޮށްފައިވާ ހާލަތެއްގައި ޗައިނާގެ ކޯސްޓްގާރޑުންގެ 150 ބޮޑެތި އުޅަނދު ފަހަރާއި 400 ކުދި އުޅަނދުގެ ކުރިމަތީގައި ތައިވާނުގެ ކޯސްޓްގާރޑުންގެ ބޭރުކަނޑަށް ނިކުމެވޭ ވަރުގެ 10 އުޅަނދާއި 160 ކުދި އުޅަނދުން ހެދޭނީ ކޮން ގަދައެއް ހެއްޔެވެ؟ ތައިވާނުގެ ބަނދަރުތަކަށް ދަތުރުކުރާ ހަމައެކަނި މަދު އަދަދެއްގެ ބޯޓުފަހަރަށް ޗައިނާގެ ކޯސްޓު ގާރޑުންއަރާ ނުސީދާގޮތުން އުދަނގޫ ކުރަން ފެށިޔަސް އެ ބަނދަރުތަކަށް ދަތުރު ނުކުރުމާމެދު ބޯޓުފަހަރުގެ ވެރިފަރާތްތަކުން ވިސްނަން ފަށާނެއެވެ.

ޗައިނާއިން ތައިވާން ކަރަންޓީން ކުރުން ނުވަތަ ތައިވާނުގެ ބަނދަރުތަކަށް ދަތުރުކުރާ ބޯޓުފަހަރު ޗައިނާގެ ކަސްޓަމްސް އިން ބަލާޗެކް ކުރަން ފަށައިފިނަމަ ކުރިމަތިލާން ޖެހޭނެ ގިނަގުނަ ހުރަސްތަކުގެ ސަބަބުން ތައިވާނުގެ އެންމެ މުހިންމު ސެމީކޮންޑަކްޓަރ އުފެއްދުމުގެ އިންޑަސްޓްރީއިން ދުނިޔަށް އެކްސްޕޯރޓް ކުރަމުންގެންދާ އެޑްވާންސްޑް ސެމީކޮންޑަކްޓަރ ގެ ބަޒާރު ހުއްޓުމަކަށް އަންނާނެއެވެ. މިއީ ތައިވާނުގެ އިގްތިސާދުގެ މައިނާރު ބުރިކޮށްލުން ފަދަ ކަމެކެވެ.
ކަރަންޓީނު ކުރުމުގައި ޗައިނާއަށްމަގު ހުޅުވޭނެ އަނެއް ފައިދާއަކީ އެޙާލަތުގައި އުޒުރެއް އުފައްދައިގެންވިޔަސް އެމެރިކާއާއި ބައިވެރިންނަށް ޗައިނާއާއި ދެކޮޅަށް ތައިވާން-ޗައިނާ ހަނގުރާމައިގެ ތެރެއަށް ވަނުމަށް ބައިނަލް އަގްވާމީ ގާނޫނު ތަނެއް ނުދޭނެއެވެ. ޗައިނާއާއި ދެކޮޅަށް ހަނގުރާމައަށް ނިކުތުމަކީ އެމެރިކާއިންވެސް އެތައް ހާސްފަހަރަކު ވިސްނާނެ ކަމެކެވެ.
ޗައިނާއިން ބޭނުން ވެއްޖެ ހިނދެއްގައި ކަރަންޓީނު ކުރުން ތައިވާނުގެ ވައިގެ ބަނދަރުތަކަށްވެސް ދަންމާލެވިދާނެއެވެ.
ކަރަންޓީނު ކުރުމުގެ ނިޒާމެއް ތަޢާރުފް ކުރުމުގައި ގާނޫނީ ގޮތުން ބާރު ލިބުން ބޭނުންވާނެއެވެ. ޗައިނާއިން ގަބޫލުކުރާ ގޮތުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. އެހެންވީމާ ކަރަންޓީނު ކުރުމުގެ ބަދަލުގައި ތައިވާނަށް ދިއުމުގެ ކުރިން އެ ބޯޓުފަހަރުގައިހުރި މުދާ ޗައިނާ ކަސްޓަމަށް ޑިކްލަރ ކުރަންވެސް ޖެއްސިދާނެއެވެ. މިކަހަލަ ގިނަގުނަ އުދަނގޫތަކެއް ކުރިމަތި ކުރުވިދާނެއެވެ. މިއީވެސް ތައިވާނުގެ އިގްތިސާދު ފުނޑާލެވިދާނެ ގޮތްތަކެކެވެ.
ވޯޝިންގޓަނުގެ ސެންޓަރ ފޯރ ސްޓްރާޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ރިޕޯރޓުގައި ބުނެފައިވާގޮތުން ޗައިނާއިން ތައިވާންގެ މިނިވަންކަމާއި އިގްތިސާދު ފުނޑުފުނޑު ކޮށްލުމަށްޓަކައި ކުރެވިދާނެ ބާރުގަދަ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެކަންތައްތައް ފޫއަޅުވާލާފައި ތައިވާނަށް ހެޔޮއެދޭ އެމެރިކާފަދަ ގައުމުތަކުން ޗައިނާގެ ސިފައިންނާ ކުރިމަތި ލުމަކަށް ދާން ބޭނުން ވެދާނެއެކޭވެސް ނުބުނެވޭނެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް