ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިންޝުއަރެންސް ކަނޑާލަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޝުޖާއު ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ޤައުމީ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލަން ތާއީދު ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ލިބޭ އާސަންދަ އެކަނި ލިބޭ ގޮތަށް ބަދަލު ކުރައްވަން ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ޝުޖާއު މިހެން ވިދާޅުވެފައި ވާއިރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މަޖިލިސް މެމްބަރުންނަށް ދޭ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާންވެސް ވަނީ ގޮވާލައްވާފައެވެ. އަދި އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ހަރަދުކޮށްގެން މަޖިލިސް މެމްބަރުންނަށް ލިބެން ނުޖެހޭކަމަށްވެސް އަޒާން ވަނީ ވިދާޅުވެފައެވެ.