އީސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އާ ރައީސަށް މަރުޙަބާ ކިޔަން ތައްޔާރުވަނީ

Loading

Facebook
Twitter
WhatsApp

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ރައީސަކު އިންތިޚާބުކުރަން ބާއްވާ އާންމު އިންތިޚާބުގައި މާދަމާ ވޯޓުލުން އޮންނާނެއެވެ. އޭގެތެރޭގައި އިސްލާހީ ފިކުރުގެ ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވައެވެ. ދެން ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް އިސްލާމީ ފިކުރުގެ ބޭފުޅުންނެވެ.

އީރާނުގެ ރިޔާސީ އިންތިޚާބު ގާނޫނީ ގޮތުން ބޭއްވޭނީ 2025 ވަނަ އަހަރުގައެވެ. އެހެންނަމަވެސް ކުރިން ހުންނެވި ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރ މި ހުސްވި މަހު ކްރޭޝްވުމާ ގުޅިގެން އެމަނިކުފާނު އަވަހާރަވެފައިވާތީ އަލުން ރައީސަކު އިންތިޚާބު ކުރަން ގާނޫނު އަމުރުކުރެއެވެ.

އީރާނުގެ ރައީސްކު އިންތިޚާބުކުރަން ޖެހިފައިވާ މިދަނޑިވަޅަކީ މެދުއިރުމަތީގައި ހަމަނުޖެހުން ބޮޑު އަދި އެމެރިކާއާއި ހުޅަނގުގެ ފިއްތުންތަކާހުރެ އީރާނުގެ އިގްތިސާދުވެސް ވަރަށް ހީނަރުވެފައިވާ ދުވަސްވަރެކެވެ.

ދިމިޝްގުގައި ތިއްބަވާ އީރާނުގެ އިންގިލާބީ ގާޑުންތަކެއް އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި މަރާލުމާ ގުޅިގެން 300 އަށްވުރެން ގިނަ މިސައިލުން އީރާނުން ވަނީ އިސްރާއީލަށް ހަމަލާދީފައެވެ. އެއާ ވިދިގެން އިސްރާއީލުންވެސް ވަނީ އީރާނުގެ އިސްފަހާނަށް ރައްދު ހަމަލާ ދީފައެވެ.

އީރާނުގެ ވޯޓުލުން މި ބޭއްވެނީ އެމެރިކާގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވުމުގެ ފަސް މަސްދުވަސް ކުރިންނެވެ. މިއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ އަދާވާތްތެރި ދެ ގައުމޭވެސް ބުނެވިދާނެއެވެ.

އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުން އެންމެގާތް ބޭފުޅަކީ މަޖިލިސްގެ ރައީސް މުހަންމަދު ބާގިރު ޣާލިބަފް އެވެ. ދެން އެންމެ ގާތުން ވާދަކުރައްވާނެކަމަށް ބެލެވެނީ ދީނީ ފިކުރުގެ ބޭފުޅެއް ކަމުގައި ބެލެވޭ ކުރީގެ ނިއުކްލިއަރ ނެގޯޝިއޭޓަރ ސައީދު ޖަލީލީއާއި އިސްލާހީ ފިކުރުގެ މަސްއޫދު ޕެޒެސްކިއާނެވެ. ދެން ތިއްބެވީ ވެސް އިސްލާމީ ފިކުރުގެ 3 ބޭފުޅުންނެވެ. އެއީ ތެހެރާނުގެ މޭޔަރ އަލީ ރިޒާ ޒަކާނީއާއި ދީނީ އުސްތާޒު މުސްތަފާ ޕޯރް މުހަންމަދީ އާއި އަދި މިހާރުގެ އެއް ނާއިބު ރައީސް އަމީރް ހުސައިން ގާޒީ ޒާދާ ހާޝިމީއެވެ.

ރިޔާސަތަށް ކުރިމަތި ލައްވާފައިވާ 6 ބޭފުޅުންގެ ރިޔާސީ ބަހުސް ވެސް މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ އީރާނުގެ އިގްތިސާދު ހަމަމަގަށް އެޅުވުމާއި ހުޅަނގުގެ ގައުމުތަކާއެކު ގުޅުން ރަނގަޅު ކުރުމުގެ މައްޗަށެވެ.

އިންޓަރނޭޝަނަލް ކްރައިސިސް ގުރޫޕުގެ އަލީ ވާއިޒް ދެކޭގޮތުގައި އަލަށް އިންތިޚާބު ކުރެވޭ ރައީސްގެ އެންމެ ފުރަތަމަ މަސްއޫލިއްތަކަށް ވާނީ އީރާނުގެ ސްޓޭޓްތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުން ހައްލު ކުރެއްވުމެވެ. ރިޔާސަތަށް ކުރިމަތި ލައްވާފައިވާ އެއްވެސް ބޭފުޅަކު މިކަމާ ބެހޭގޮތުން ރިޔާސީ ބަހުސްގައިވެސް ވާހަކަފުޅު ކައްކަވާފައެއް ނުވެއެވެ.

ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއިގެ އެދިވަޑައިގަތުމަކީ ކުރީފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދު ވަރަށް މަދުކަން ފާހަގަކުރައްވައި ވީހާވެސް ގިނަ ބަޔަކު މިފަހަރު ވޯޓުލުމުގައި ބައިވެރި ވުމެވެ. 2021 ވަނަ އަހަރުގެ ވޯޓުލުމުގައި ބައިވެރިވީ މީހުންގެ އަދަދު މަދުވީ ސަބަބަކީ އިސްލާހީ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ފުރުސަތު ނުލިބުމެވެ. އެފަހަރު ވޯޓުލާފައިވަނީ ހަމައެކަނި %49 އެވެ.

އީރާނުގެ ރައްޔިތުން ދެކޭ ގޮތުގައި ކޮންމެ ބޭފުޅަކު އިންތިޚާބުވެވަޑައިގަތަސް ގައުމަށް މެދުވެރިވެފައިވާ އިގްތިސާދީ ނިކަމެތިކަން ފޫބެއްދިދާނެ ކަމުގެ އުންމީދު ވަރަށް ކުޑައެވެ. އެހެންނަމަވެސް ބައެއް ރައްޔިތުން ދެކޭ ގޮތުގައި އިސްލާހީ ފިކުރުގެ މަސްއޫދު ޕެޒެޝްކިއާން އަކީ އުންމީދީ ކެންޑިޑޭކެވެ.

ކުރީގެ އިސްލާހީ ފިކުރުގެ ރައީސް މުޙަންމަދު ޚާތަމީއާއި ކުރީގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފްއާއި ދެބޭފުޅުންވެސް ތާއީދު ކުރައްވަނީ މަސްއޫދަށް ކަން ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް ސިޔާސީ މަސްރަޙް ދިރާސާކުރައްވާ އީރާނުގެ ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މަސްއޫދު ކިބައިގާ އެކަށީގެންވާ މިންވަރަށް ސަރުކާރު ހިންގުމުގެ ތަޖްރިބާ ހުންނާނެ ކަމަކަށް ނުބެލެވެއެވެ. އެބޭފުޅާ ސަރުކާރުގައި އަދާކުރެއްވި ވަޒީފާއަކީ ހަމައެކަނި ސިއްހީ ވަޒީރު ކަމެވެ. އެއީ މީގެ ވިއްސަކަށް އަހަރު ކުރިންނެވެ.

ވަރަށް ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި 1979 ގެ އިންގިލާބު ދެމެހެއްޓުމަށް އެންމެ ގާބިލު ކެންޑިޑޭޓަކީ މަޖިލިސްގެ ރައީސް މުހަންމަދު ބާގިރު ޣާލިބަފް އެވެ. ކުރީގެ ނިއުކްލިއަރ ނެގޯޝިއޭޓަރ ސައީދު ޖަލީލީއަކީ މާބޮޑަށް ހުޅަނގަށް ލެނބި ވަޑައިގެން ހުންނެވި ބޭފުޅަކަށްވީތީ ރައްޔިތުންގެ ވޯޓު ލިބިވަޑައިނުގަތުން އެކަށީގެންވެއެވެ. ޒަމާނީ ވިސްނުމުގެ ބައެއް އަންހެން ކަނބަލުން އެންމެ ބޮޑަށް ވިސްނަމުންގެންދަނީ ހިޖާބުގެ ގާނޫނަށް ރަނގަޅު އިސްލާހެއް ގެންނަވަން ކެރިވަޑައިގަންނަވާނީ ކޮން ކެންޑިޑޭޓަކާ މެދުގައެވެ. މިހާތަނަށް ރިޔާސީ ބަހުސްގައި އަދި ރިޔަސީ ކެމްޕޭނުގެ އެހެން މައިދާންތަކުގައިވެސް ހިޖާބުގެ މައްސަލާގައި ވާހަކަ ދައްކަވާފައި ވަނީ ހަމައެކަނި އިސްލާހީ ފިކުރުގެ މަސްއޫދު ޕެޒެސްކިއާނެވެ. އެބޭފުޅާ ވިދާޅުވެފައިވަނީ ފާއިތުވެގެންމިދާ ސާޅީހަކަށް އަހަރު ހިޖާބުގެ މައްސަލައަށް ހައްލެއް ގެނެވިފައި ނުވާކަމަށެވެ.

ސަންދާނުގެ މި އާޓިކަލް ލިޔެވެމުންދަނިކޮށް ކުއްލިއަކަށް އެސޯޝިއޭޓެޑް ޕްރެސް ( ދުބާއި ) އިން ޚަބަރުދީފައިމިވަނީ 53 އަހަރު އުމުރުފުޅުގެ މިހާރުގެ އެއް ނާއިބު ރައީސް އަމީރްހުސައިން ގާޒީ ޒާދާ ހާޝިމީގެ ނަން ރިޔާސީ އިންތިޚާބުން އަނބުރާ ނަންގަވައިފިކަމަށެވެ. އެ ބޭފުޅާ ރިޔާސީ އިންތިޚާބުން ވަކިވެ ވަޑައިގަތް ސަބަބެއްކަމުގައި ވިދާޅުވެފައިވަނީ 1979 ގެ އިންގިލާބު ދެމެހެއްޓުމަށްޓަކައި މަޖިލިސްގެ ރައީސަށް ތާއީދުކުރުމާއެކު ވޯޓުތައް ގިނަ ބަޔަކަށް ބެހެވިގެން ދިއުން ބޭނުންފުޅު ނުވާތީ ކަމަށެވެ.

ހުކުރު ދުވަހުގެ ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއިގެ އެންމެ ފަހުގެ ވަސިއްޔަތަކީ ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށާއި ހުޅަނގުގެ ގައުމުތަކުން އީރާނަށް ހެޔޮއެދިފާނެކަމަށް ގަބޫލު ނުކުރުމެވެ. އަދި އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ކަމަށް އަންހެން ބޭފުޅުން ވާދަކުރައްވަން ހުއްދަ ނުކުރެއްވޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް