އެމެރިކާގެ ސަފީރު ރަޝިޔާގެ ޚާރިޖިއްޔާއަށް ޙާޒިރު ކުރުވައިފި

Loading

Facebook
Twitter
WhatsApp

ރަޝިޔާގައި ހުންނަވާ އެމެރިކާގެ ސަފީރު ލިނޭ ޓްރެސީ އިއްޔެ ރަޝިޔާގެ ޚާރިޖިއްޔާއަށް ޙާޒިރުކޮށްފިއެވެ. ރަޝިޔާގެ ޚާރިޖިއްޔާއިން އެމެރިކާގެ ސަފީރު ޙަޒިރުކޮށްފައި މިވަނީ އެމެރިކާއިން ޔޫކްރެއިނަށް ދީފައިވާ އެޑްވާންސްޑް ދުރު ރާސްތާ މިސައިލު ބޭނުން ކޮށްގެން ރަޝިޔާގެ ކްރީމިއާއަށް ޙަމަލާދީ 4 މީހަކު މަރާލައި އަދި 150 އަށްވުރެން ގިނަ މީހުން ޒަޚަމްކޮށްލުމާގުޅިގެން އިޙްތިޖާޖު ކުރުމުގެ ގޮތުންނެވެ.

އެމެރިކާއިން ނުވަތަ ޔޫކުރެއިން އިން މިހާތަނަށް އެ މައްސަލާގައި ވާހަކަ ދައްކާފައެއް ނުވެއެވެ. އަދި ޔޫކްރެއިނުން ކްރެމިއާއަށް ދިން ޙަމަލާގައި ބޭނުން ކޮށްފައިވަނީ ކޮން ވައްތަރެއްގެ މިސައިލެއްކަން މިހާތަނަށް ޔަގީން ކުރެވިފައެއް ނުވެއެވެ. ރަޝިޔާގެ ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރަޝިޔާއިން ދެން ބަލާނީ އެމެރިކާއަކީ ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިނުން ކުރަމުން ގެންދާ ހަނގުރާމައިގެ ޔޫކުރެއިންގެ ބައިވެރިއެއް ކަމަށެވެ. އަދި ހަމަކަށަވަރުންވެސް ރައްދު ޙަމަލާއާއި ވަރަށް އަވަހަށް ކުރިމަތިލާން ޖެހޭނޭ ކަމަށެވެ. ވަރަށް ފުރިހަމައަށް ޖަވާބު ދާރީ ކުރުވާނެ ކަމަށެވެ. އެއަށްވުރެން ބޮޑު ތަފްސީލެއް ދީފައެއް ނުވެއެވެ. 

ރަޝިޔާއިން ރުޅިއަތުވެދާނެތީ ހުޅަނގުގެ ބައެއް ގައުމުތަކުން ޔޫކްރެއިނަށް “ ކުރިއަރާފައިވާ “ ހަނގުރާމައިގެ ހަތިޔާރު ދިނުމަށް ޖެހިލުންވާކަން ޚަބަރުތަކުން ވަނީ އެނގިފައެވެ. އެކަމަކު ރަޝިޔާގެ ބާރުގަދަ ހަތިޔާރާއި ބިޔަ ލަޝްކަރުތަކުގެ ކުރިމަތީގައި ޔޫކްރެއިނަށް ހިފާއްޓާ ނުލެވޭނެކަން އެނގޭތީ ހުޅަނގުގެ ލީޑަރުން މަޑުމަޑުން ނަމަވެސް ގެންދަނީ ޔޫކްރެއިނަށް ބަރުހަތިޔާރު ފޯރުކޮށް ދެމުންނެވެ.

މިގޮތުން އެންމެފަހުން އެމެރިކާއިން ޔޫކްރެއިނަށް ދީފައިވާ ދުރު ރާސްތާ މިސައިލް ރަޝިޔާއާއި ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަވެސް މިހާރުވަނީ ޕެންޓަގަނުން ދީފައެވެ. މީގެ ކުރިން އެމެރިކާއިން ހަތިޔާރުގެ އެހީ ޔޫކްރެއިނަށް ފޯރުކޮށްދެމުން ގެންދިޔަނަމަވެސް އެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ޙަމަލާ ދިނުން އޮތީ މަނާކޮށްފައެވެ.             

2014 ވަނައަހަރު މޯސްކޯއިން ކްރިމިއާ އެނެކްސް ކުރީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށްކަމަށް ބައެއް ހުޅަނގުގެ ގައުމުތަކުން ބުނަމުން ގެންދާއިރު ރަޝިޔާއަށް ތާއީދު ކުރާ ގައުމުތަކުން ބުނަމުން ގެންދަނީ ކްރިމިއާ އެނެކްސް ކުރުން ރަނގަޅު ކަމަށެވެ.                                         

އާދީއްތަ ދުވަހު ޔޫކްރެއިނުން ދިން މިސައިލް ހަމަލާގައި ކްރިމިއާގެ ސެވާސްޓޯޕޯލްގެ ބަދަރު ސަރަހައްދުން 2 ކުދިން މަރުވީ އެ މިސައިލް ގޮއްވާލުން ބުރައިގެންދިޔަ ބައެއް އެތިކޮޅުތައް ބިމަށްވެއްޓި އެކުދިން ގައިގާޖެހުމުގެ ސަބަބުންނެވެ.

ގޮއްވާލެވޭ މިސައިލްތަކުން ބުރައިގެންދާ އެތިއެތި ކޮޅުތަކުން ވަރަށް ނުރައްކާތެރި ޙާލަތު މެދުވެރި ވަމުންދާކަމަށް ވެއެވެ. ރަޝިޔާއިން ބުނެފައިވަނީ ޔޫކްރެއިނުން ކްރީމިއާއަށް މި ޙަމަލާ ދީފައިވަނީ އެމެރިކާގެ އޭ ޓީ އޭ ސީ އެމް އެސް މަރުކާގެ ދުރުރާސްތާ މިސައިލަކުން ކަމަށެވެ. އަދި އެ މިސައިލް ގޮއްވާލުމަކީ އެކަމުގެ ފުރިހަމަ ތަމްރީނު ލިބިފައިތިބި އެމެރިކާގެ ސިފައިންނަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. މި ސަބަބަށްޓަކައި ޔޫކްރެއިނާ އެއްވަރަށް އެމެރިކާއިން ޒިންމާކުރުވާނެކަމަށްވެސް ރަޝިޔާއިން ވަނީ ބުނެފައެވެ.                 

ރަޝިޔާގެ ދިފާޢީ ވުޒާރާއިން އެންމެ ފަހުން ބުނެފައިވަނީ ހުޅަނގުން ލިބުނު ބައެއް ހަތިޔާރުތައް ޔޫކްއެއިންގައި ރައްކާކޮށްފައި ހުރި ޚާއްސަ ގުދަނަކަށް ރަޝިޔާއިން ޙަމަލާދީ ނައްތާލާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ ހަތިޔާރުތައް ރައްކާކޮށްފައި ހުރީ ކޮން ހިސާބެއްގައިހުރި ގުދަނެއްގައިކަން އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް