ހަނގުރާމަ ހުއްޓާލަން ބުނޭތަ؟ އަހަރެމެން އެއްބަހެއް ނުވާނަން - ނަތަންޔާހޫ

Loading

Facebook
Twitter
WhatsApp

މިއަދުގެ ޚަބަރުގެ އެންމެފަލަ ސުރުޚީ މަތީގައި އެވަނީއެވެ. މިހާތަނަށް 8 މަސްދުވަސްވީ އިސްރާއީލު-ގައްޒާ ހަނގުރާމަ ހުއްޓާލުމަށް މަގެއް ފެނިދާނެ ކަމުގެ ހުޅުކޮޅުވެސް ނިވުނީއެވެ. އިސްރާއީލުގެ ކިބުރުވެރި ގަތުލުއާންމުގެ ވެރިޔާ ޒައަނިސްޓް ބޮޑުވަޒީރު ސާފުބަހުން ބުނެފައިއެވަނީ ހަނގުރާމަ ހުއްޓާލަން ބުނާ އެއްވެސް ގަރާރަކަށް އެއްބަސް ނުވާނެ ކަމަށެވެ.

އޭނާގެ މި ބަޔާނުން އުންމީދުގެ ހުޅުކޮޅު ނިވިގެންދިޔައީ ހަމައެކަނި ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ގަތަރާއި މިސްރުގެ ވެރިންނަކަށް ނޫނެވެ. މުޅި އިސްރާއީލު ގުގުމާލާފައިވަނީ ހަމާސްގެ އަތްދަށުގައިތިބި އިސްރާއީލުގެ ރަހީނުން ނިސްބަތްކުރެވޭ އާއިލާތަކާއި ރައްޓެހި ރަހްމަތްތެރިންނަށް ލިބުނު ކުއްލި ހައިރާން ކަމުގެ އަޑުތަކުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރަށް ތާއީދުކުރާ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޗެނަލް -14 ގައި ނަތަންޔާހޫ ބުނެފައި ވަނީ ބައިކުޅަބައި އެއްބަސް ވުމަކަށް އަހަރެން އެއްބަސް ވެދާނަމޭ އޮންނާނީ ބުނެފައެވެ. ބައިކުޅަބައޭ މި ބުނަނީ ހަމާސްއިން އަހަރެމެންގެ ބައެއް ރަހީނުން މިނިވަން ކޮށްދޭ މަތިން އަހަރެމެން ވަގުތީ ގޮތުން ޙަމަލާތައް ހުއްޓާލާނަމެވެ. އެއަށްފަހު އަލުން ހަނގުރާމަ ފަށާނަމެވެ.

ހަމާސްގެ އެންމެ ފަހުމީހާ މަރާލެވެންދެން އަހަރެން ހަނގުރާމަ ކުރުން ނުހުއްޓާނަމެވެ. ހުއްޓުވޭނެ ގޮތެއްވެސް ނޯންނާނެއެވެ. މިއީ ނަތަންޔާހޫ އަލަށް ބުނި ވާހަކައެއް ނޫނެވެ. އޭނާ އަބަދުވެސް ކިޔަމުން ގެންދަނީ މިހެންނެވެ.

އެންތަނީ ބްލިންކަންއަށް ތަރުޖަމާކުރަން ނޭނގެނީއެވެ. އަދި ހަގީގަތުގައިވެސް އިސްރާއީލާއި ހަމާސްއިން ހަނގުރާމަ ހުއްޓާލާފާނެކަން ގަބޫލުކުރެވިދާނެ އެއްވެސް އަލާމާތެއް މިހާތަނަކަށް ނުފެނެއެވެ. އަބަދުވެސް ފެންނަނީ އެމެރިކާގެ ޖިގިރީ ދޯސްތް އިސްރާއީލު ދެކޮޅު ހަދަމުން ގެންދާތަނެވެ. ގާޒާގެ ގަތުލުއާންމް ނަތަންޔާހޫއަށް ހިންގެނީ އެމެރިކާގެ ބޮންތަކާއި ފައިސާ ލިބިގެން ކަމަށްވާއިރުވެސް އިސްރާއީލުގެ ޢަމަލުތައް ހުރީ މިހެނެވެ.

ނަތަންޔާހޫގެ މި ނިންމުމަކީ ރައީސް ބައިޑްންގެ ގަރާރުގައި ކޮޅުފައިން ޖެހުމެވެ. އެކަމަކު މިއީވެސް އެ ދެމީހުން ޒަމާންވީ އެކުވެރި ކަމުގައި އެތައްފަހަރަކު ތަޖްރިބާ ކޮށްފައިވާ ކަންތަކެވެ. ބޭރުފުށުން ފެންނަ ފެނުމުގައި ނަތަންޔާހޫގެ މިނިންމުމަކީ އެމެރިކާއިން ވަރަށް ރުޅިއަންނާނެ ނިންމުމެކެވެ. ހަގީގަތަކީ މިކަމުގައިވެސް އެމެރިކާގެ ރުހުން ލިބިފައި އޮތުން ކައިރިއެވެ.

ބަސްމަގު ރީތިކޮށްލާފައި މީޑިއާގެ ކުރިމަތީގައި ބުނަމުން ގެންދަނީ ރަހީނުން މިނިވަން ނުކުރެވި އަދި އިސްރާއީލުގެ ޖަލުތަކުގައިތިބި އެތައްހާސް ފަލަސްތީނީންގެ ރަހީނުން މިނިވަން ނުކުރެވި ލަސްވަމުން ދިއުމަކީ އެމެރިކާއިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.އިސްރާއީލާއި ހަމާސްއާއި ދެމެދު އިތުބާރު އުފައްދަން ކުރަމުން ގެންދާ މަސައްކަތުގައި މިހާތަނަށް އެމެރިކާއަށް ރަނގަޅު ނަތީޖާއެއް ހާސިލު ކުރެވިފައި ނެތްކަމަށް އެމެރިކާއިންވެސް ބުނެއެވެ. ހަނގުރާމަ ހުއްޓާލުމުގެ ގަރަންޓީ އަކަށް ނޫނީ ހަމާސްއިން ރަހީނުން މިނިވަން ކުރާކަށް ބޭނުމެއް ނޫނެވެ.

އިސްރާއީލުން ރަހީނުން މިނިވަންވެ ގެއަށް އައުމަށްފަހުވެސް ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށާއި ގައްޒާގެ ކޮންޓްރޯލް ހަމާސްއަށް ދޫކޮށްލާފައި އިސްރާއީލުގެ ސިފައިން އެނބުރި ގައުމަށް ނުގެންނާނެ ކަމަށް ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ނަތަންޔާހޫގެ ދިގު ޓެލިވިޒަން އިންޓަރވިޔުއާއި ގުޅޭގޮތުން ހަމާސް އިން ބުނެފައިވަނީ ނަތަންޔާހޫއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް މިހާރު ނޭނގޭ ކަމަށެވެ. މީގެ ކުރިން އޭނާ ބުނަމުން ގެންދިޔައީ އެމެރިކާގެ ގަރާރު އޭނާ ގަބޫލުކުރާ ކަމަށެވެ.

އަހަރެމެން އޭރުވެސް އަދި މިހާރުވެސް ބުނަމުން މިގެންދަނީ ހަނގުރާމަ އެއްކޮށް ހުއްޓާލަން ޖެހޭނެ ކަމަށާއި އަދި އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާއިން ފައިބަން ޖެހޭނެ ކަމަށެވެ. މުސްތަގްބަލްގައި ނަތަނަޔާހޫ ރާވާފާނެ މަކަރުވެރި ރޭވުމަކުން ސަލާމަތްވެ ތިބުމަށްޓަކައި މިއީ ކުރަންޖެހޭ ކަމެކެވެ.

މި ޚަބަރުތަކާގުޅިގެން މިހާރު ކުއްލިއަކަށް ހިޒްބުއްލާ އިން ދެމުންގެންދާ ހަމަލާތަކަށް ސިފައިން ބޭނުންވާތީ ހާމާސްއާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދެވެން ނެތިގެން ގައްޒާގެ ހަނގުރާމަ ހުއްޓާލަން ޖެހިފައިވާކަމަށް ނަތަންޔާހޫ އެއްބަސްވެއްޖެ ކަމަށެވެ.

އެހެންނަމަވެސް ނަތަންޔާހޫ ބުނެފައިވަނީ ގައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް އެއްކޮށް ހުއްޓާ ނުލާނެ ކަމަށާއި އިސްރާއީލުގެ ސިފައިން އެއްކޮށް ނުފައިބާނެ ކަމަށެވެ. ނަތަންޔާހޫ އުންމީދުކުރަނީ ހިޒްބުއްލާ ގެ މައްސަލަ ސިޔާސީގޮތުން ޙައްލު ކުރެވިދާނެ ކަމަށެވެ.

އެހެންނަމަވެސް ހިޒްބުއްލާ ގެ ވަޢުދަކީ ހަމަ ޔަމަންގެ ހޫތީންގެވެސް ވަޢުދެވެ. ގައްޒާގައި އިސްރާއީލުން ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލައި އިސްރާއީލުގެ ސިފައިން ގައްޒާއިން ފައިބާ ނިމެންދެން އިސްރާއީލުގެ އުތުރު ސަރަހައްދު އަމާން ނުކުރެވޭނެ ކަމަށެވެ.

ހިޒްބުއްލާ އިން އިސްރާއީލުގެ އުތުރު ސަރަހައްދުތަކަށް ދެމުންގެންދާ ޙަމަލާތައް ގިނަވެ ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރުވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ނަތަންޔާހޫ މިހާރުވެސް ބުނަމުން ގެންދަނީ އިސްރާއީލުގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި ގައްޒާ އޮންނަންޖެހޭނީ އިސްރާއީލުގެ ބާރުގެ ދަށުގައި ކަމަށެވެ. އެކަމަށް މަގު ފަހި ކުރުމުގެ ގޮތުން ފަލަސްތީނުގެ ގަދަރުވެރި ގަބީލާއަކާއި ވާހަކަދައްކައި ގުޅުން ބަދަހިކޮށް ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާފައި ވަނިކޮށް ހަމާސްއިން އެ ގަބީލާ އެއްކޮށް މިހާރު ވަނީ ނެތިކޮށްލާފައެވެ.

ނަތަންޔާހޫ އެބުނަނީ ފަލަސްތީނުގެ ބާރުގަދަ ޑޯގްމުޝް ގަބީލާގެ ވާހަކައެވެ. އެ ގަބީލާއިން ނަތަންޔާހޫއާއި ބައިވެރިވެ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ހަމާސްއިން ކުރަމުން ގެންދާ ޖިހާދަށް ނުރައްކާ ކުރަމުން ގެންދާކަން ހަމާސްއަށް މީގެ ދުވަސްކޮޅެއް ކުރިން ޖާސޫސީ މައުލޫމާތު ލިބުމާއެކު އެ ގަބީލާ އެއްކޮށް މިހާރު ވަނީ ނެތިކޮށްލާފައެވެ.

Loading

One Response

  1. އިސްރާއީލުން އެކަނި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ކުރާނަމަ ހިފާއްޓާ ނުލެވޭނެއެވެ. މިހާރު ހަނގުރާމަ އެކުރަނީ އެމެރިކާއާއި އިނގިރޭސީންނާއި އަދިވެސް ހުޅަނގުގެ ބައެއް އެހެން ގައުމުތަކުން އިސްރާއީލާ އެއްކޮޅަށް ބައިވެރި ވެގެންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް