ދިވެހި އަންހެނުން ބާރުވެރި ކުރުވާ ވާހަކަ އަކީ ކޮންކަހަލަ ވާހަކައެއްބާ!

Loading

Facebook
Twitter
WhatsApp

އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކައަކީ ކޮންކަހަލަ ވާހަކައެއް ބާވައެވެ! ކޮންމެ ސަރުކާރަކުން ވެސް އަންހެނުން ބާރުވެރި ކުރުވާ ވާހަކަ ދައްކައެވެ. އެހެނަސް މިވާހަކަ ދެއްކުން ފިޔަވައި އިތުރު އެހެން ކަމެއް ކުރާ ތަނެއް ނުފެނެއެވެ. އަންހެނުންގެ ތެރޭގައި އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ހާހުން ގުނާލެވޭހާ ގިނަ އަންހެނުން ރާއްޖޭގައި ވަޒީފާ ނުލިބިގެން އުޅޭކަން ސަރުކާރަށް އެނގޭ ހެނެއް ހީއެއް ނުވެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ކަޅި ހިންގާލާއިރު އެފަދަ މަގާމުތަކުގައި އަންހެނުން ވަރަށް މަދެވެ. ސަރުކާރުތަކުން އަންހެނުން ބާރުވެރި ކުރުވާ ވާހަކަ ދައްކާއިރު ސިޔާސީ މަގާމުތަކަށް އަންހެނުން ނަގަނީ ނުހަނު މަދުންނެވެ. ރާއްޖޭގައި އެފަދަ މަގާމުތަކަށް ގާބިލު ހުޝިޔާރު އަންހެނުން ތިބިއިރު މިވަރުގެ ކަމެއް ވެސް ސަރުކާރުތަކުން ނުކުރެއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލަމުން އަންނަ އަންހެނުންގެ ޢަދަދު ދުވަހެއް ދުވަހެއް އިތުރުވަމުން އަންނައިރު ސަރުކާރުތަކުން އެ މީހުންނަށް އިސްކަން ދޭތަނެއް ވެސް ނުފެނެއެވެ. އަންހެނުންނަކީ ގައުމުގެ ސަގާފީ ތަރިކައެވެ. އެހެންކަމުން އަންހެނުން ކުރިއަށް ނެރެ ގައުމުގެ ހުންގާނު އަންހެނުންނާ ދިމާއަށް އަނބުރާލައިގެން ނޫނީ އަންހެނުން ބާރުވެރިއެއް ނުވާނެއެވެ.

ނަމަކުން ރިހައެއް ނުކެއްކޭނެއޭ ބުނާ ފަދައިން އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކަ ދެއްކުމަކުން އަންހެނުން ބާރުވެރިއެއް ނުވާނެއެވެ. އަންހެނުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިންނެވެ. ފިރިމީހާއާއި ދަރިންނަށް ކައްކައި ކާންދީ, އަދި އަންނައުނު ދޮވެދީ, ގެދޮރު ސާފުކޮށް ދަރިން ސްކޫލަށް ގެންދިއުމަށްޓަކައި ދަރިން ފެންވަރުވައި ޔުނީފޯމު ލައްވައި ފޮތްދަބަސް ތައްޔާރުކޮށް ދަރިން ސްކޫލަށް ގެންދިއުމުގެ ބުރަ މައްސޫލިއްޔަތު އުފުލަނީ ވެސް ޢާންމުކޮށް އަންހެނުންނެވެ.

އަންހެނަކު ވަޒީފާ އަދާކުރަން ބަލާއިރު ސްކޫލްތަކުގެ ގަޑިތައް ކަނޑައަޅާފައި އޮންނަގޮތުން ވަޒީފާ އަދާކުރުމަށް ހުރަސްތަކެއް އެޅިގެންދެއެވެ. މިސާލަކަށް ދެކުދިންނަށް ކިޔަވައިދިނުމުގެ ޒިންމާ އުފުލަމުން އަންނަ އަންހެނާ އޭނާގެ ދެދަރިން ތައްޔާރުކޮށް ހެނދުނު 7 ޖަހާއިރަށް އެކުދިން ސްކޫލަށް އުފުލަން ޖެހެއެވެ.

ސަރުކާރުގެ ރަސްމީގަޑި ފެށެނީ 8 ޖަހާއިރުއެވެ. ދެކުދިންގެ މަންމަ ހެނދުނު ތެދުވެ ކުދިން ތައްޔާރުކޮށް ކުދިންނާއި ފިރިމީހާއަށާއި އަދި މުސްކުޅި މަންމައާއި ބައްޕައަށް ވެސް ސައިދިނުމަށްފަހު ކުދިން ސްކޫލަށް ގެންގޮސް ނިމޭއިރު ސަރުކާރުގެ ރަސްމީ ގަޑި އޮންނަނީ ފެށިފައެެވެ. ދެމަފިރިން ވަޒީފާއަދާކުރާނަމަ އުނގުގައި އޮންނަ ދަރިފުޅު ގެންގޮސް ލާނެތަނެއް ވެސް ސަރުކާރުން ހަމަޖައްސައެއް ނުދެއެވެ.

އަނެއްކޮޅުން ހެނދުނު ދަންފަޅީގައި ކިޔަވާ ދެކުދިން ނިމޭ ގަޑިއަކީ އެކެއްޖަހާއިރު ކަމަށްވާނަމަ ލިބޭ ބްރޭކްގަޑީގައި ދެ ސްކޫލުން ދެކުދިން ނަގައިގެން ގެއަށް ގެންގޮސް އެކުދިންނަށް ކާންދީފައި އެއްގަޑިއިރުގެ ތެރޭގައި އޮފީހަކަށް ނުދެވެއެވެ. އެހެން ކަމުން ސަރުކާރުގެ ރަސްމީ ގަޑިއާއި ދިމާވާ ގޮތަށް ސްކޫލްތަކަށް ކުދިން ގެންދާ ގަޑިތަކާއި ނިމޭ ގަޑިއަށްވެސް ބަދަލު ގެންނަން ޖެހެއެވެ.

އަންހެނުން ބާރުވެރި ކުރުވުމުގެ ޚިޔާލާތެއް ސަރުކާރުން ގެންގުޅޭނަމަ މިދެންނެވި ގޮތަށް ސަކޫލްތަކުގައި ކިޔަވައިދޭ ގަޑިތައް ސަރުކާރުގެ ރަސްމީ ގަޑިއަށް ފައްތާ ކިރުބޯ ތުއްތު ދަރިފުޅު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރާނެތާއެވެ. އޭރުން ދަރިން ސުކޫލަށް ލުމަށްފަހު އޮފީހަށް ގޮސް އޮފީސް ނިމޭ ގަޑީގައި ކުދީން ނިމޭނަމަ އޮފީސް ނިންމާފައި ގެއަށް އަންނަ މަގުމަތީގައި ދެކުދިން ގޮވައިގެން ގެއަށް ދެވޭނެއެވެ.

Loading

One Response

  1. އަންހެނުން ބާރުވެރިކުރުވުމުގެ ތަޢާރުފެއް ލިއުންތެރިޔާ ދެއްވިނަމަ ކޮމެންޓެއް ކުރަން ފަސޭހްވީހެވެ. ލިއުންކިޔާލުމުން ހިތަށްވަންނަނީ ލިއުންތެރިޔާގެ މަގްސަދަކީ ހުޅަނގުގެ ފަލްސަފާގައި އަންހެނުން ބާރުވެރިކުރުން ފަދައިންނެވެ.
    ދުނިޔޭގެ އެއް ނަންބަރު ގައުމު އެމެރިކާގައި އަންހެނުން ވަޒީފާއަދާކުރާ ނިސްބަތަކީ ކޮބައިތޯ ބެއްލެވިހެން ހިއެއް ނުވެއެވެ.
    ހާހުން ގުނާލެވޭވަރަށް މަތީ ތައުލީމު ހޯދާފައިބީ ހަމަ އެކަނި އަންހެނުންނެއް ނޫނެވެ. ފިރިހެނުން މާގިނައެވެ. އެކަމަކު ވަޒީފާއެއް ނުލިބެއެވެ. މިސާލަކަށް ފިރިމީހާއަށް ރަނގަޅު އާމްދަނީއެއް ލިބޭނަމަ އަނބިމީހާ ވަޒީފާއަދާކުރާކަށް ނުވިސްނާނެއެވެ. ވަޒީފާއަކީ ހަމައެކަނި އޮފީސްތަކުގައި ގޮނޑި ހޫނުކުރުމެއް ނޫނެވެ. ފީލްޑް މަސައްކަތުގެ ވަޒީފާއަށް ފިރިހެނުން އިޚްތިޔާރު ކުރާ ސަބަބު ދިރާސާ ކުރައްވާފައެއް ނެތެވެ.
    މަޖިލީހަކީ ރައްޔިތުންގެ ތާއީދާއެކު ލިބޭ ވަޒީފާއެކެވެ. އެ ތާއީދު ހޯދަން ބޭނުންވާ އަންހެނުންވެސް ޖެހޭނީ ގަދައަޅާ މަސައްކަތްކުރާށެވެ.
    ވަޒީފާގެ ބާޒާރުގައި ގަނޫނުން ޖިންސު ތަފާތެއް ނުކުރެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް