ރާއްޖޭގެ އެންމެހައި މުވައްސަސާތަކާއި އަމިއްލަ ކުންފުނި ތަކުގައިވެސް އޮތީ ރިޝްވަތާ ފަސާދަ ޢާންމުވެފައެވެ. މި ނުރައްކާތެރި ވަބާ ރާއްޖޭގައި ފެތުރެމުން އަންނަތާ އެތަކެއް ޒަމާނެެއްވެއްޖެއެވެ. މިއީ އިއްޔެއަކު ނުވަތަ މިއަދަކު ހިނގާ ކަމެއް ނޫނެވެ. އަންޒަމާނުއްސުރެ ރާއްޖޭގައި ވަނީ މިވަބާ ފެތުރެން ފަށާފައެވެ.
އިންސާނާ މުސްލިމެއްގެ ގޮތުގައި ހުރުމަށްޓަކައި ކުރަންވާނެ ކަންތަކާ ކުރަން ނުވާނެ ކަންތައްތައް މާތްރަސްކަލާނގެ ބާވައިލެއްވި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން ވަނީ ސާބިތުކޮށް ދެއްވާފައެވެ.
ރިޝްވަތު ނަގާމީހާ އެ ރިޝްވަތު ނަގަނީ މާތްރަސްކަލާނގެއަށް އެކަން ސިއްރު ވާނެ ކަމަށް ހީކޮށް ހެއްޔެވެ. ހަމަ ހިލާ އެހެނަކުން ނުވާނެއެވެ. އެކަލާނގެއީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ބައްލަވައި ވޮޑިގެންވާ އަދި އައްސަވާވޮޑިގެންވާ އިލާހެވެ.
ސައްތައިން ސައްތަ މި މުސްލިމް އުންމަތުގެ ރައްޔިތުންގެ މެދުގައި ރިޝްވަތާ ފަސާދަ ޢާންމުވެ އެކަލާނގެ ކޯފާއާއި ޢަޒާބަށް ހުށަހެޅިފައިވާއިރު މި ރާއްޖޭގެ ބައެއް މީހުން ވަނީ ޣާފިލުކަމުގެ ގަދަ ނިދީގައި ކަން ކަށަވަރެވެ. ރިޝްވަތާ ފަސާދަ ހިނގަމުން ނުދާ އެއްވެސް މުވައްސަސާއެއް ސަރުކާރުގައި ނެތްހިނދު އަދި އަމިއްލަ ކުންފުނިތަކާ ބައެއް މަހުޖަނުންގެ ތެރޭގައިވެސް ސަލާމަތުން ހުރި ފަރާތެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ދައުލަތުގެ ކަމާބެހޭ އިދާރާތައް ކޮރަޕްޓްވުމުން ގައުމުގެ މަސްލަޙަތާ ހަމަޖެހުން ދެމި އޮންނާނެ ގޮތަކީ ކޮބާހެއްޔެވެ. ރާއްޖޭގައި މި ވަބާ ފެތުރެމުން އެދަނީ ދޭ ވެކްސިނަކުން ގުޑާނެ މިންވަރަކަށް ނޫނެވެ. ކޮރަޕްޓް ނުވާ އެއްވެސް އިދާރާއެއް ނެތެވެ. އޭސީސީއާއި ތަޙުގީގީ އިދާރާތަކާ މުޅި ޖުޑިޝަރީއާއި އަދި މިނޫންވެސް މި ބާވަތުގެ މައްސަލަތައް ބަލަން ގޫނުނުތަކުން މަތިކުރެވިފައިވާ އެންމެހައި އިދާރާތައް އެތިބެނީ ރިޝްވަތުގެ ހާލި ހަދައިގެންނެވެ.
އަދި ރާއްޖޭގެ ބައެއް ބޭންކުތަކުން ހިންގާ ކޮރަޕްޝަނާ ފަސާދައާއި ނަގަމުން އެދާ ރިބާގެ ވާހަކަ ތަކަކީ ނުދައްކައި ދޫކޮށްލަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ގެދޮރު ޢިމާރާތް ކުރުމަށާއި ވިޔާރި ކުރުމަށްޓަކާ ލޯނު ނެގުމަކީ މުޅިދުނިޔޭގައި ވެސް ކުރަމުން އަންނަ ކަމެކެވެ. އެހެން ކަމަށް ވިޔަސް ލޯންތަކުގެ އިންޓަރެސްޓް ނަގަން ވާނީ ހިތަށް ކުޅަދާނަ މިންވަރަކަށްތާއެވެ. ކަން ނުވެގެން އުޅޭމީހާ އެކަމެއް ކުރެވެން އޮތް ގޮތަކަށް އެކަން ކުރުމަށް މަސައްކަތް ކުރާނެތާއެވެ.
ބޭންކަށް ލޯނެއް ނަގަން ދިއުމުން އެބޭނުންވާ މިންވަރުގެ ލޯނެއް ހޯދުމަށް ފުރަންޖެހޭ އެޕްލިކޭޝަން ފޯމު ފުރުމުގެ ފުރުޞަތު ވެސް ލިބެނީ އިންޓަރެސްޓް ނުވަތާ އެ ނަގާ ރިބާގެ އިތުރުން ލޯނު ދޫކުރާ ފަރާތަށް މިލިއަނުން ލައްކައިން ދީގެންނެވެ. އެހެން ކަމުން ލޯނު ނަގާ ރައްޔިތު މީހާގެ މުޅި ޢުމުރު އެދަނީ ފެތުނު އޮޑީގެ ރިޔާ ދަށުވެ ސަލާމަތްވާނޭ މަގެއް ނުފެނި ތެޅި ފޮޅެމުންނެވެ.
މިވަރަކުން ފުދުނީއެއް ނޫނެވެ. ބޭންކުގެ ތެރެއިން ބަޔަކު ޢާންމު ފަރާތްތަކާ ގުޅި ބޭންކްގައި ހުންނަ މީހުންގެ އެކައުންޓް ތަކުން ފައިސާ ވެސް ވަގަށް ނަގަނީއެވެ. އެންމެ ޢަޖާއިބުވާ އަނެއްކަމަކީ މި ދެންނެވި ފަދަ ގިނަ ފައިސާ ހުންނަ މީސްމީހުންގެ އެކައުންޓް ތަކުން މިބާވަތުގެ ބޮޑެތި ވައްކަން ކުރާ ބޭންކްގެ މުވައްޒަފުން އެނގޭނެ މެކޭނިޒަމެއް ވެސް ބޭންކުން އެކުލަވާލާފައި ނެތުމެވެ. ބޭންކުތަކަށް ރިޝްވަތާ ނުލައި ކުރެވޭ އެއްވެސް ކަމެއް ނެތެވެ.
މީހަކު ހެދިކާ ވިއްކާ ގާޑިޔަލެއް އުފައްދަން ބޭންކުން ނަގާ 15000 ރުފިޔާގެ ލޯނު, އެ ލޯނު ނެގި ފަރާތުން ކުރަމުން ދިޔަ ހެދިކާ ވިއްކުމުގެ ވިޔާފަރި ބަނގުރޫޓުވެ އެ ލޯނުގައި އަދާ ނުވެ އޮތް 3000 ރުފިޔާ އޭގެ 10 އަހަރުފަހުން އެލޯނުގެ އިންޓަރެސްޓުގެ ގޮތުގައި ލޯނު ނެގި މީހާގެ އަތުން ދެލައްކަ ރުފިޔާ ބޭންކަށް އެބަނަގައެވެ. މީ ދެން ބޮޑުވަރު ނޫންހެއްޔެވެ. މި އީ އިންސާނާ ދިރިހުއްޓައި އެމީހާގެ ލޭ ބޯލުންފަދަ ކަމެއް ކަމެއް ނޫންހެއްޔެވެ.