ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

Loading

Facebook
Twitter
WhatsApp

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށައިފިއެވެ.

މި މަސައްކަތްތައް ވަގުތީ ގޮތުން ކުރިން ހުއްޓާލާފައި ވަނީ ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކާފަ އެވެ.

އެޗްޑީސީން ބުނީ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އީޕީއޭގެ ހުއްދަ އަލުން ލިބުމާއެކު ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ އިއްޔެ ހަވީރު ކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާއިރު، އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް މިހާތަނަށް ވެސް ނަގާފައި ނުވާތީ، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ވީހާވެސް އަވަހަކަށް ނަގައި ފަޅުތެރެ ހުސްކޮށްދިނުމަށް އެ ކޯޕަރޭޝަނުން އެދިފައި ވެއެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.  

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް