ރާއްޖޭގެ އިގުތިސާދުގައި ދުޅަހެޔޮކަމެއް ނެތް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފްއިން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަން ފެށުނުފަހުން އިގުތިސާދީ އެޖެންޑާގަ އޮތް ގޮތަށް ކަންކަން ކުރިއަށް ގެންގޮސް ފެށި މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
އަދި ފައިސާ ޗާޕުކުރުން ހުއްޓާލައި, މިއަދާ ހަމައަށް އައީ ބޮޑެތި އިންޓްރެސްޓް ރޭޓުތަކުގައި އެއްވެސް ލޯނެއް ނުނަގައި ކަމަށާއި 4 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދައްކައި ނިންމާފައިވާ ކަމަށާއި ސަރުކާރުގެ އެކިއެކި ކުންފުނިތަކަށް މީގެއިތުރުން 7 ބިލިއަން ރުފިޔާ ދައްކައި ނިމިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“…ބޭރުގެ ދަރަނީގަ ވެސް 2.7 ބިލިއަން ރުފިޔާ އެންމެ ލޯނެއް ވެސް ޑިފޯލްޓްނުވެ ވަގުތުން ދައްކަމުން މިއައީ.“ ވޭތުވެދިޔަ މުއްދަތުގައި ޖުމްލަ 13 ބިލިއަން ރުފިޔާ ދައްކައި ނިމިފައިވާކަން ފާހަގަކުރައްވައި ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ޕީއެންއެފްއިން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ރައީސް ޑރ.މުޢިއްޒުގެ ވާހަކައަށް އިޝާރަތް ކުރައްވައި އިގުތިސާދު އޮތް ހާލަތު ވިދާޅުވެދެއްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާލުމުން އުފާކުރައްވާ ކަމަށާއި އެއީ ކްރެޑިޓް ދޭންޖެހޭ ކަމަށްވަންޏާ ކްރެޑިޓް ދޭންޖެހޭ ކަމެއް ކަމަށެވެ.
“އެކަމަކު ކިހިނެއްތޯ މިވަނީ އަޅުގަނޑު ކޮންމެ ވެސް ވަރަކަށް ތަހުލީލީ ނަޒަރަކުން ދަންނަވާލާނަން. ދައުލަތުގެ ބަޖެޓު މިއަހަރަށް ފާސްކޮށްގެން މިއުޅެނީ 50 ބިލިއަން. ލިބޭނެކަމަށް އަންދާޒާކޮށްފަ އޮތް އަދަދަކީ 36 ބިލިއަން ރުފިޔާ. ހަމަސް ނިމިގެން ހަތް މަސް ވާން އުޅޭއިރު 36 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ލިބުނީ އެންމެ 12 ބިލިއަން ރުފިޔާ.
އެކަމަކު އާމްދަނީގެ އެންމެ ބޮޑު ބައި ލިބެންޖެހޭ ހަމަސް ދުވަސް މި ދިޔައީ“ އިގުތިސާދު ފަންކްޝަނެއް ނުކުރާކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވިއެވެ.
ނަމަވެސް އެއީ ސަރުކާރުގެ އިހުމާލެކޭ ދަންނަވަނީކީ ނޫން ކަމަށާއި ޓޫރިޒަމް އެރައިވަލް ދަށްވުމާއެކީ މިކަން މިގޮތަށް އެބަ ހިނގާ ކަމަށް ޔާމީން ވިދާޅުވިއެވެ.
“އެހެންވީމަ ދަންނަވަން މިއުޅެނީ އިގުތިސާދުގަ އެ ދެންނެވި ދުޅަހެޔޮކަމެއް ނެތޭ“
ޔާމީން ވިދާޅުވީ މިހާތަނަށް އައިއިރު އޮންނަންވާނީ 36 ބިލިއަނުގެ ތެރެއިން ބޮޑުބައި ލިބިފައި ކަމަށާއި މިހާތަނަށް އައިއިރު 18 ބިލިއަން ނޫނީ 22 ބިލިއަން ލިބިފައި އޮންނަންވާނެ ކަމަށެވެ.