ރަޝިޔާގެ ގްލައިޑް ބޮންތަކުން ޔޫކްރެއިންގެ ފްރަންޓްލައިން ފުނޑިގެންދޭ

Loading

Facebook
Twitter
WhatsApp

2024 ވަނަ އަހަރު ފެށުމާއެކު ރަޝިޔާއިން ޔޫކްރެއިނަށް ދެމުންގެންދާ ޙަމަލާތައް ވަނީ އިތުރުކޮށް ވަރުގަދަ ކޮށްފައެވެ. ގްލައިޑް ބޮން ބޭނުންކުރުންވެސް ވަނީ ޢާންމުވެފައެވެ. މިކަން އެސޯޝިއޭޓެޑް ޕްރެސްއަށްވަނީ ޑްރޯން ފުޓޭޖާއި ސެޓެލައިޓް އިމޭޖްތަކުން ކަށަވަރު ކުރެވިފައެވެ.                                   

ޔޫކްރެއިންގެ ޚާރކީވުން ޚަބަރުދީފައިވާ ގޮތުގައި ރަޝިޔާގެ ގްލައިޑް ބޮން ތަކުގެ ސަބަބުން ޔޫކްރެއިންގެ ފްރަންޓްލައިން ޝަހަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަ ދެއެވެ. މީޑިއާތަކުން ސިފަކޮށް ދީފައި ވަނީ ރަޝިޔާގެ ޙަމަލާތައް މިކަހަލަ ގޮތަކަށެވެ.                         

ފުރަތަމަ ބޮމުގެ ޝޮކްވޭވް ތަކުން ޝޮޕިންގ ސެންޓަރެއްގެ ފަންގިލާއާއި ހަމަޔަށް ޖައްސާފައިހުރި ހޯމް އިމްޕްރޯވްމެންޓް ސާމާނުތައް އެ ދިޔައީ ވިއްސައިގެންނެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ދުންތަރިއެއް ފަދައިން އައިސް އެ ޖެހިގަތް 2 ވަނަ ބޮން އެ ދިޔައީ މުޅި ޝޮޕިންގެ ސެންޓަރ އަޅި ފުންޏަކަށް ހަދާލާފައެވެ.

 ޝޮޕިންގ ސެންޓަރުގެ މެނޭޖަރ އޯލެސަންދަރ ލުޓްސެންކޯ އޭ. ޕީ އަށް ބުނެފައިވަނީ ރަޝިޔާއިން ބޭނުން ވެގެން އުޅެނީ ޚާރކީވް އަކީ ނާމާންކަމާއި އެކު ޖިންނި ޝައިތާނުންގެ ޝަހަރަކަށް ހަދާލާން ކަމަށެވެ. އޭރުން މި ޝަހަރުގައި ދިރިއުޅެން ބޭނުންވާ އިންސާނަކު ނުހުންނާނެއެވެ. އަދި ދިފާއުކުރާނެ އެއްޗެއްވެސް ނުހުންނާނެއެވެ. އެކަމަކު އެމީހުނަށް އެކަން ކާމިޔާބު ނުކުރެވޭނެއެވެ. އަދި އަހަރެމެން ބިރެއްވެސް ނުގަންނާނަމެވެ.      

3 ވަނަ ބޮން ޖެހިގަތީ އެ އިމާރާތުގެ ބިއްދޮށު ފަރާތަށެވެ. މިފަހަރު އެ ބޮން ގޮވާގޮތެއް ނުވިއެވެ. އެ ބޮން ބޭނުންކޮށްގެން އެ ބޮން އުފެއްދި ތަނަކާއި އަދި އެނޫނަސް ގިނަ މައުލޫމާތު ތަކެއް ހޯދޭނެކަމަށް ޔޫކްރެއިންގެ ޕްރޮސެކިއުޓަރުން އުންމީދު ކުރެއެވެ.                                              

ރަޝިޔާގެ ގްލައިޑް ބޮމުގެ ޙަމަލާތަކަކީ ޔޫކްރެއިންގެ ސިފައިންނަށް ބޮޑު މުސީބާތަކަށް ވެއްޖެއެވެ. ވަކިން ޚާއްސަކޮށް ޚާރކީވް ސަރަހައްދަށް އެ ބޮމުގެ ޙަމަލާތައް އިތުރުވެ މުޅި ޝަހަރު ނެތިގެންދާއިރުވެސް ހުޅަނގުން ފޯރުކޮށްދީފައިވާ ހަތިޔާރުން ރަޝިޔާގެ އެތެރެއަށް ހަމަލާ ނުދިނުމުގެ ޝަރުތު ހުޅަނގުގެ ގައުމުތަކުން އުވާލަން އެއްބަހެއް ނުވެއެވެ.                                                        

އަވިޑީވްކާއާއި ކާސިވްޔާރް އަދި ވޮވްކަންސް ބަޚްމޫތު ފަދަ ޝަހަރުތައް ވަނީ މީގެ ކުރިން ގްލައިޑް ބޮން އަޅައިގެން ވީރާނާ ކޮށްލާފައެވެ. ރަޝިޔާއިން މިގެންދަނީ އެންމެ ފަހުގެ ތަޅާލުން ބާވައޭވެސް ހިތަށް އަރައެވެ. ރަޝިޔާގެ ބޭނުމަށް އެބާވަތުގެ ބޮން ޔޫކްރެއިންގެ ބޯޑަރާ ކައިރީގައި ހުރި 8 މިލިޓްރީ އެއާރފީލްޑް ތަކުން ބޭނުންވަރަކަށް ފޮނުވާ ދެވެން އެބަ ހުއްޓެވެ. އެއިން އެއަރފީލްޑަކަށް ހަމަލާދިނުމުގެ ގާބިލުކަން ޔޫކްރެއިނަށް ލިބިފައެއް ނެތެވެ.

ޔޫކްރެއިނަށް ހަމަލާދިނުމަށް ރަޝިޔާއިން ބޭނުންކުރަމުންގެންދާ މިލިޓްރީ އެއާރޕޯރޓުތަކުގެ ހެއްކާބެހޭ ލިއެކިއުންތައް އޭ. ޕީ. އަށްވެސް ވަނީ ޔޫކްރެއިންގެ ޕްރޮސެކިއުޓަރ އޮފީހުން ފެނިފައެވެ. މި އަހަރުގެ މިހާތަނަށް ރަޝިޔާއިން ވަނީ މިކަހަލަ 50 އަށްވުރެން ގިނަ ހަމަލާ ޚަރކީވަށް އަމާޒު ކޮށްފައެވެ. އެ ހަމަލާތަކުގައި ކުޑަ 2 ކުދިންވެސް ހިމެނޭ ގޮތުގައި 19 މީހަކު ވަނީ މަރުވެފައެވެ.                  

ރަޝިޔާގެ މިލިޓްރީއާއި ލިންކް ކޮށްފައިވާ ޓެލިގްރާމް ޗެނަލުންވެސް ފަހަރަކު ތިން ހަތަރު ގްލައިޑް ބޮން ލޯންޗްކުރާ މަންޒަރު ދައްކަމުން ގެންދެއެވެ. ރަޝިޔާގެ ބެލްގޯރޮޑުން ބޮން އަޅަން ނައްޓާލާ އެއާރކްރާފްޓްތައ އޭ. ޕީ. އަށްވެސް ވަނީ ފެނިފައެވެ. ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ރަޝިޔާއިން މަހެއްގެތެރޭ ގާތްގަނޑަކަށް 3000 ގްލައިޑް ބޮމުގް ހަމަލާ ދޭ ކަމަށެވެ.                                

ޔޫކްރެއިން އޮފިޝަލުން ބުނެފައިވާ ގޮތުގައި ބެލަރޫސް އިންވެސް ރަޝިޔާގެ ބޮންއަޅާ ބޯޓުފަހަރު ބަހައްޓަން އޮންނަނީ ޖާގަދީފައެވެ. ރަޝިޔާއަށް ލިބިފައިވާ އެންމެބޮޑު ވަސީލަތަކީ  ސަރަހައްދުގެ ޖައްވު ރަޝިޔާގެ ބާރުގެ ދަށުގައި އޮތުމެވެ. ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި ސަތޭކަފަހަރު ރަޝިޔާއިން ބޮމުގެ ހަމަލާ ދެމުން ގެންދެއެވެ.  

އެއިން ކޮންމެ ހަމަލާއަކީ މީހަކު މޮޔަވެދާފދަ ނުރައްކާތެރިކަން ބޮޑު ހަމަލާއެކެވެ. އަދި އެއިން ކޮންމެ ބޮމަކުން ގާތްގަނޑަކަށް ތިންހާސް ކިލޯގްރާމް ބަރުމިނުގެ ގޮވާތަކެތި އުފުލާކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ. ޔޫރަޕިއަން ޕޮލިސީ އެނަލަސިސް އިން އަންދާޒާކުރާގޮތުގައި އެއިން ކޮންމެ ބޮމެއް އަޕްގްރޭޑް ކުރުމާއެކު އަގު އުޅޭނީ ވިހިހާސް ޑޮލަރުގެ ތެރޭގައެވެ. އޭގެ އަމާޒު އުޅޭނީ ޔޫކްރެއިންގެ އެއަރ ޑިފެންސް ސިސްޓަމްގެ 60 ވަރަކަށް މޭލުން ބޭރުގައެވެ.

 ޚާރކީވް ފަދަ ޝަހަރުތައް ރަޝިޔާއިން ފަތަހަ ކުރެވޭނެ ހަމައެކަނި ގޮތަކީ ބޮން އަޅައި ތަންތަން ހަލާކުކޮށް މީހުންގެ ހިތުގައި ބިރުވެރިކަން އުފައްދައިގެންނެވެ.                                      

މިހާތަނަށްވެސް ޔޫކްރެއިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައިއޮތީ ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދެމުންގެންދާ އެހީގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުން މަނާކޮށްފައި އޮތުމެވެ. ނަމަވެސް މިހާރު ޖަރުމަނުން ވަނީ ހުއްދަ ދީފައެވެ. އަދި އެމެރިކާއިން ބުނެފައިވަނީ އެމެރިކާއިން ދީފައިވާ ހަތިޔާރު އަމިއްލަ ދިފާއުގައި ރަޝިޔާގެ އެތެރެއަށް ހަމަލާ ދިނުމަށްވެސް ބޭނުންކުރެވިދާނެ ކަމަށެވެ.                    

މިއާގުޅިގެން ލިބޭ އެހެން ޚަބަރުތަކުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ކުރިމަތިން އެންމެ ކައިރީގައި ހުރި ގައުމުތަކުންވެސް ދެކެނީ އެ ހަނގުރާމައިން އެގައުމުތަކަށްވެސް ރައްކާތެރިކަން ލިބި ނުދޭނެ ކަމަށެވެ.     

ބޯލްޓިކް ކަނޑަށް ނިސްބަތްކުރެވޭ ލެތުވިއާ އާއި ލިތުއޭނިޔާ އަދި އެސްޓްނިޔާއަކީ ޑެންމާރކް އާއި އެކު އެ ހަނގުރާމައިގާ ޔޫކްރެއިނަށް ތާއީދުކުރަމުން ގެންދާ ގައުމުތަކެކެވެ. އަދި އެ 3 ގައުމަކީ ޔޫކްރެއިނާއި ހުޅަނގުގެ ގައުމުތައް ގުޅުވާދޭ ބްރިޖެއް ފަދައެވެ.

ހައިބްރިޑް ވޯރފެއާރ އަކީ ކުރުކޮށްބުނާނަމަ ދޮގުގެ މައްޗަށް ބިނާކޮށް އުފައްދާ ޚަބަރުތަކާއި ވަސީލަތްތަކަކީ ތެދުކަން ގަބޫލު ކުރުވުމުގެ އުކުޅުތައް ބޭނުން ކުރުމެވެ. މިސާލަކަށް ޙަގީގަތް އޮޅުވާލުމާއި ދޮގު މަޢުލޫމާތު ފެތުރުމާއި އެކި ވަސީލަތްތައް ބޭނުންކޮށްގެން ސިކުނޑިއާ ކުޅުން މިބާވަތުގެ ކަންތައްތައް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް