ކޮވިޑް19 އަށް ތައްޔާރު ކުރި ވެކްސިން ޖަހައިގެން ދިވެހިރާއްޖެއިންވެސް ބަޔަކު މަރުވެފައިވާ ކަމަށާއި އެ ކަންކަން ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
މެންބަރު އިބްރާހިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު ބިލަށް ބަހުސް ކުރައްވަމުންނެވެ.
އެގޮތުން އޭނާ ވިދާޅުވީ ކޮވިޑަށް ތައްޔާރު ކުރި ވެކްސިން ޖަހައިގެން ރާއްޖެއިން ބަޔަކު މަރުވި ކަމަށެވެ.
ކޮވިޑުގެ މަރުތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވި އޮތުމުން ވަރަށް ގިނަ އާއިލާތަކެއް އަދިވެސް ގިލަންވެރިކަމުގައި އެބަ ތިބިކަން ފާހަގަކޮށް އިބްރާހިމް ވިދާޅުވީ އެ ވެކްސިން ބޮޑު އަގުގައި ވިއްކި މީހުންނާއި އަދި އެ ވެކްސިން ޖަހައިގެން މަރުވެގެން ދިޔަ އާއިލާތަކާ، އެމީހުންނަށް ހައްގު ހޯދައިދިނުމަށް މިކަމުގައި އިހުމާލުވި ފަރާތްތައް ބަލަންޖެހޭ ކަމަށެވެ.
މިގޮތުން ކޮމިޓީއެއް ހަދައިގެން ނަމަވެސް ބަލައި، ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
މީހުންގެ ފުރާނައަށް ގެއްލުންވާފަދަ އަމަލުތައް ހިންގާފައި ތިބި މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެއީ އަދަބު ދެވެންޖެހޭ ކަމެއް ކަމުގައިވާނަމަ އެކަމަށް އަދަބުދީ ޒިންމާދާރު ކުރުވަންވެސް އިބްރާހީމް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އެއީ އަދަބު ދޭން ނުޖެހޭ ކަމެއް ކަމުގައިވާ ނަމަ އެކަންކަމުން އެމީހުން ބަރީއަކޮށް އެމީހުންގެ މައްޗަށް އޮތް ތުހުމަތުތައް ފިލުވުމަކީ ވެސް މުހިންމު ކަމެއް ކަމުގައި އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
ހެލްތު ބިލަށް ބަހުސްކުރައްވަމުން ކޮވިޑް19 އަށް ތައްޔާރު ކުރި ވެކްސިން ޖަހައިގެން ރާއްޖެއިން ބަޔަކު މަރުވެފައިވާކަމަށް މެންބަރު އިބްރާހިމް ވިދާޅުވެފައިވާއިރު އެ ބަހުސްގައި މަޖިލީހުގެ މެޖޯރިޓީ މެންބަރުން ވަނީ ރާއްޖޭގެ ސިއްހީ ނިޒާމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި އެންމެންގެ ހާލަތު ބެލުމަށް ގޮވާލާފައެވެ.
One Response
ތިޔައީ ދުނިޔޭގެ ފެންވަރުގައި ހިންގި ބޮޑު ޖަރީމާ އެކެވެ. މިނޫނަސް މިހާރުވެސް ޅަދަރިންނަށް އެކިއެކި ނަންނަމުގައި މިދޭ ވެކްސިންތަކުން ކުދިންނަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ދަރިން ނުލިބުން، ތެލްސީމިޔާ ފަދް އެތައް ބައްޔަކީ ވެކްސިން ނުޖަހާ ދުވަސްވަރު ދެކިފައިވާ ބަލިތަކެއް ނޫނެވެ.