އަދުރޭގެ މެސެޖު ޔާމީނަށް: ''ރާއްޖޭގެ ސިޔާސީ ތާރީޚުގައި ދެން އަޅުގަނޑުމެންނާ ވާދައެއް ނުކުރެވޭނެ''

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ސިޔާސީ ތާރީޚުގައި ދެން އެބޭފުޅުންނާ ވާދައެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޢަބްދުއްރަޙީމް ވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަރިހުގައި މިވަގުތު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވައިފައެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ މިއަދު ލިބިފައިވާ ނަސީބު ލިބުނީ ވަކި މީހަކަށްވުރެ ގައުމު އިސްކުރުމުން ކަމަށެވެ.

“އަޅުގަނޑު މި ދަންނަވަނީ ބާޣީއެކޭ ގޮވިޔަސް އަދި އެނޫން އެއްޗެކޭ ގޮވިޔަސް އަޅުގަނޑުމެން ފަޚުރުވެރިވަމޭ އަޅުގަނޑުމެންގެ މި އޮތް ޓީމު ކުރި ހިތްވަރަށް. އެ ނިންމި ނިންމުމަށް. އެ ސާބިތުކޮށްދެއްވި ސާބިތުކަމަށް.“

މިއަދު ސިޔާސީ ގޮތުން ބައިކިލޯ ހަމަނުވާ މީހުން ގޮވައިގެން މަގުމައްޗަށް ނުކުމެ ގައުމުގެ މުޅި ރައްޔިތުންގެ އެތައް އިންސައްތައެއްގެ ތާއީދު އޮތް ސަރުކާރަކާ ދިމާކުރާނީ ލަދެއް ހަޔާތެއް ވެސް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ބައިކިލޯ ހަމަނުވާ މީހުންނޭ އެ އިޝާރަތް ކުރައްވަނީ ޔާމީން އަރިހުގައި ތިއްބެވި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދާއި ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލުމެންފަދަ ބޭފުޅުންނަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހަށްވެގެންދާ ގޮތް އެނގިގެންދާނެ ކަމަށް އެބޭފުޅުން އޭރު ވިދާޅުވަމުން ގެންދެވި ކަމަށާއި ނަމަވެސް “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމިގެން ދިޔައިމާ ގެއަށް ވަން ވަނީނުން ނުކުންނާކަށް ވެސް ނުކެރުނު“ ކަމަށް ޔާމީނަށް ޖޯކު ޖައްސަވައި އަދުރޭ ވިދާޅުވިއެވެ.

“ރާއްޖޭގެ ސިޔާސީ ތާރީޚުގައި ދެން އަޅުގަނޑުމެންނާ ވާދައެއް ނުކުރެވޭނެ.“

“އެ ހިތްވަރެއް ނެތޭ.“ އަދުރޭ އިތުރަށް ވިދާޅުވިއެވެ.

ސިޔާސީ ކަންކަން ކާމިޔާބުވަނީ ހީވާގި މީހުންނަށް ކަމަށާއި ތެދުވެރި އިޚުލާސްތެރި މީހުންނަށް ކަމަށާއި ރައްޔިތުންނާ ގުޅުން އުފައްދަން ކެރޭ މީހުންނަށް ކަމަށާއި ރައްޔިތުންގެ އިހުސާސްތަކުގެ އަޑުއަހާލަން ކެރޭ މީހުންނަށް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

“މަވެތިކަމަކަށް ރައްޔިތުންގެ ތާއީދެއް މިއަދަކު ނެތް
އެހެންވީމަ އަޅުގަނޑު މި ދެންނެވީ ފިނި ކޮޓަރީގަ ގޭގަ ތިއްބަވައިގެން ބައިކިލޯ ހަމަނުވާ ދެތިން މީހުން ނެރެގެން އަޅުގަނޑުމެންނާ ބެހެން ނުހަދާށޭ. އަޅުގަނޑުމެންނަކާ ނުބެހެވޭނޭ.“

އަދުރޭ ވަނީ އޭނާއަށް ރައީސް ޔާމީންގެ ގޮތާފޮތާ އެނގިވަޑައިގަންނަވާ ކަން ފާހަގަކުރައްވައި ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ރިޔާސީ ޓިކެޓު ދޭން މިދިޔަ ރިޔާސީ އިންތިޚާބުގެ މާކުރިން ރާވަމުންދިޔަ ކަމަށް ވެސް ވިދާޅުވެފައެވެ.

ފޮޓޯ: ޕީއެންސީ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް