ބަލިމީހުންނަށް ވެސް ފަސޭހަކަމާއެކު ފުލެޓުތަކުގައި ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ

Loading

Facebook
Twitter
WhatsApp

އެކި ސަރުކާރުތަކުން ހުޅުމާލޭގައި 3 ބުރީގެ އެތައް ހާސް ފުލެޓެއް އަޅައި ދީފައިވާއިރު އެެއިން އެއްވެސް ތަނެއްގައި ލިފުޓެއް ނުބަހައްޓައެވެ. އެއީ ޢުމުރުން ދުވަސްވެފައިވާ ބަލި މީހުން އެ ތަންތަނުގައި ދިރިއުޅެފާނެ ކަމަށް ބަލައިގެން ފަރުމާކޮށްފައިވާ ފުލެޓްތަކެއް ނޫންކަން ފެންނަމުންދާ މަންޒަރު ތަކުން އެނގެެއެވެ.

އެހެނަސް މި ދެންނެވި ފުލެޓްތަކުގައި ޙާލުދެރަ, ޢުމުރުން ދުވަސްވީ ގިނަ ޢަދަދެއްގެ ބަލިމީހުން ދިރިއުޅެމުން އެބަދެއެވެ. ޢުމުރުން ދުވަސްވީ ގިނަ ބަލިމީހުންނަކީ މުސްކުޅި ބަލީގައި މަރާ ހަނގުރާމަކުރަމުންދާ މީހުންނެވެ. އޭތެރޭގައި ތަފާތު ވައްތަރުގެ ބަލި ތަޙައްމަލު ކުރަމުންދާ މީހުން ހިމެނޭއިރު ގޭގައި ބާއްވައިގެން ފަރުވާދޭ ބައެއް މީހުންނަކީ އޮކްސިޖަން ދަށްވުމާއި ހާރޓްބީޓް ދަށްވުމާއި, ޕްރެޝަރ މަތިވުންފަދަ އެތައްކަމެއް ކުރިމަތިވަމުން އަންނަ ޙާލު ދެރަ ބަލިމީހުންނެވެ.

ކަން މިހެން ހުރި އިރު މިފަދަ ބަލި މީހުނަށް ހަސްފަތާލުތަކުން ފަރުވާދިނުމަށްފަހު ގެއަށް ބަދަލުކުރާއިރު, ގިނަމީހުންގެ ގޭގައި ބަލިމީހާގެ އޮކްސިޖަނާއި ހާޓްބީޓްފަދަ ތަކެތި ދަށްވިޔަސް އަދި ޕްރެޝަރު މަތިވިޔަސް ފަސޭހަކަމާއެކު ބަލައިލެވޭނެ ނިޒާމެއް ރޭވިފައެއް ނުހުރެއެވެ.

ގޭގައި އޮންނަ ބަލިމީހާގެ އެހީތެރިން ބިރުގަންނަ މިންވަރަށް ބަލީމީހާގެ ޙާލަތު ދަށަށް ދާން ފެށުމުން އަނެއްކާވެސް ދަތުރުފަށަން ޖެހެނީ ހަސްފަތާލަށެވެ. ބަލިމީހާ އޮންނަނީ ނޭފަތަށާއި ކުޑަކަމުދާ ނިޒާމަށް ހޮޅިލައްވާފައެވެ. އަނެއްކޮޅުން ވީލްޗެއަރއެއްގައި ތިރިއަށް ބޭލޭފަދަ ހާލަތުގައި ތިބޭ ބަލިމީހުނަށްވުރެ އެނދުގައި ބާލަން ޖެހޭ މީހުންގެ ޢަދަދު ވެސް މަދެއްނޫނެވެ.

މިފަދަ ބަލިމީހުން ދެއިރަށް ހޮސްޕިޓަލަށް ގެންދަން ޖެހޭއިރު ހޮސްޕިޓަލުގައި އޮންނަނީ ޚިދުމަތް ދެވޭ ފެންވަރުގެ 2 އެމްބިއުލާންސެވެ. އޭގައި ތިބެނީ ޑްރައިވަރާއި އެހީތެރިއެކެވެ. 3 ވަނަ ފުލޯއިން ވިޔަސް ބަލިމީހުން ތިރިއަށް ބާލަން ތިބެނީ މި ދެންނެވި 2 މީހުން އެކަންޏެވެ. އެހެން ކަމުން އެނދުގައި ތިރިއަށް ބާލަންޖެހޭވަރުގެ ބަލިމީހުން ތިރިއަށް ބާލަނީ ފުލުހުންގެ އެހީ ނުވަތަ ސިފައިންގެ އެހީ ހޯދައިގެންނެވެ.

އެމްބިއުލާންސްގެ ޚިދުމަތަށް އެ ނަގަނީ ވަރަށް ބޮޑު ފީއެކެވެ. ހުޅުމާލޭ ހޮސްޕިޓަލަށް ހުޅުމާލެ ފޭސްއެކަކުން ދާނަމަ 100 ރުފިޔާ ނަގައެވެ. އެމްބިއުލާންސަކީ އިމަޖެންސީ ބަލިމީހުން އުފުލަން އޮންނަ ވެހިކަލަކަށް ވިޔަސް ބަލިމީހާއަށް އެކަށީގެންވާ ޚިދުމަތެއް އެއަކުން ވެސް ނުލިބެއެވެ. ބަލިމީހާ އެމްބިއުލާންސަށް ލައިދެނީ ފުލުހުންނާ ސިފައިންގެ އެހީގައެވެ. ބަލިމީހާއަކީ ކާރުގައި ގެންދެވޭ ވަރުގެ މީހެއްނަމަ އެމްބިއުލާންސްގައި ނުގެންދާނެއެވެ.

ޮމިކަންކަން މި މަގުން ހުރިއިރު ބަލިމީހުންނަށް ވެސް ފަސޭހަކަމާއެކު ފުލެޓުތަކުގައި ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހެއެވެ. ސަރުކާރުތަކުން ރައްޔިތުންނަށް ފްލެޓް އަޅައިދޭއިރު މި ފާހަގަކުރި ދަތިތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކުރަން ޖެހެެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް