ހައްޖުގައި މިއަހަރު އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

Loading

Facebook
Twitter
WhatsApp


މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި އުޅެނިކޮށް އެތައްސަތޭކަ މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ކުރިމަތިވި ގަދަ ހޫނުގެ ސަބަބުންނެވެ. ސައޫދީގެ ހޫނުމިން މިއަހަރު ބައެއް ދުވަސް ދުވަހު 51ޑިގްރީއަށް ވުރެވެސް މައްޗަށް އަރާފައި ވެއެވެ. ވަށައިގެން ހިލަ ފަރުބަދަތައް ހުރުމާއިއެކު ހޫނު އަވަނެއްގެ އިހުސާސް ކުރެވި، ޖެހޭ ވައިރޯޅިވެސް ވަނީ ކެތް ނުކުރެވޭހާ ހޫނުވެފައެވެ.


އަރަބި ޑިޕްލޮމެޓަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިސްރުގެ 658 ހައްޖުވެރިން މިއަހަރު މަރުވެފައި ވެއެވެ. އިންޑޮނީޝިޔާގެ 200 ހައްޖުވެރިން މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފައިވާއިރު އިންޑިޔާގެ 98 ހައްޖު ވެރިން މަރުވެފައިވާކަން އެ ގައުމުން ވަނީ ޔަގީން ކޮށްދީފައެވެ.
މީގެއިތުރުން ޕާކިސްތާން، މެލޭޝިޔާ، ޖޯޑްން، އީރާން، ސެނެގޯލް، ޓިއުނީޝިޔާ، ސޫދާން އަދި އިރާގް ގެ ކުރުދީ ސަރަހައްދަށް ނިސްބަތްވާ ބައެއް ހައްޖުވެރިންވެސް މަރުވެފައިވާ ކަން އެ ގައުމު ތަކުން ވަނީ ޔަގީން ކޮށްދީފައެވެ. އަދި އެމެރިކާގެ ބައެއް ހައްޖުވެރިންވެސް މަރުވެފައިވާ ކަމަށް ވޯލް ސްޓްރީޓް ޖަރނަލްގައި ރިޕޯޓް ކޮށްފައި ވެއެވެ.
ހައްޖުގެ ތެރޭގައި ބައެއް މީހުން ގެއްލިފައިވާއިރު އާއިލާތަކާ އެހީތެރިން އެމީހުން ފެނޭތޯ ހޮސްޕިޓަލް ތައް ބަލާ އަދި އޮންލައިން މެސެޖްތައް ޕޯސްޓް ކުރަމުން ގެންގޮސްފައި ވެއެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 1.8 މިލިއަން މީހުން ގޮސްފައިވާއިރު މަރުވި ގިނަ މީހުން ނަކީ ނުގަވާއިދުން އެތެރެވުމުގެ ސަބަބުން އެއާކޮންޑިޝަން ޓެންޓް ތަކާ އެއާކޮންޑިޝަން ބަހުގެ ޚިދުމަތް ނުލިބުނު މީހުންނެވެ.
ހައްޖުވެރިންގެ ރައްކާތެރިކަމާ ފަސޭހަޔަށްޓަކާ ސައޫދީ އަރަބިއްޔާ އިންވެސް ފަހަކަށް އައިސް އަންނަނީ ގިނަ ކަންތައް ތަކެއް ކުރަމުންނެވެ. ނަމަވެސް އަދިވެސް އިތުރު ކަންކަން ފުރިހަމަ ކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މި ފަހަރުގެ ހައްޖުގެ ތެރޭގައި މަރުވި މީހުންނާ ބެހޭ ގޮތުން ސައޫދީ ސަރުކާރުން ރަސްމީކޮށް އަދި އެއްޗެއް ނުބުނެއެވެ. މީހުން މަރުވާން ދިމާވި :ބައެއް ސަބަބު ތަކުގެތެރޭގައި،


މާބޮޑަށް ހޫނު ގަދަވުން
މިއަހަރު ސައޫދީ އަށް ކުރިމަތިވި ހީޓްވޭވް ގެ ސަބަބުންގިނަ ބަޔަކު ވަނީ މަރުވެފައެވެ. ބޭރަށް ނުނިކުތުމަށާ އަދި ގިނައިން ދިޔާއެއްޗެތި ބޭނުން ކުރުމަށް އަންގަމުން ދިއުމާއެކުވެސް ބައެއް މީހުން ނަށް ވަނީ ގަދަހޫނާ ކުރިމަތިލާން ޖެހިފައެވެ.
ބައިބޯވުމާއި ސާފުތާހިރުކަން ކުޑަވުމުން ދިމާވި މައްސަލަ ތައް
ފޭލިގެތަކުގައި ތިބެންޖެހުނު މުއްދަތުގައި ބައިބޯވުމާ އެކަށީގެންވާ ވަރަށް ފިނިކަން ނެތުމުގެ ސަބަބުން ގިނަބައެއްގެ ހާލު ސީރިއަސް ވެފައިވެއެވެ. ބައެއް މީހުން ހޫނު ގަދަ ވުމުގެ ސަބަބުން އަނބުރައިގަނެފައިވާއިރު އެކަށީގެންވާ ފާޚާނާގެ ޚިދުމަތްވެސް ނުލިބޭތީ ވެސް ތަކްލީފް ބޮޑުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.


ދަތުރު ފަތުރުގައި ދިމާވި މައްސަލަ ތައް
ގަދަ ހޫނުގައި ބައެއް ހިސާބުތަކަށް ހިގާފަވެސް ދާން ޖެހުމުން ގިނަ ބަޔަކަށް ވީ ބޮޑު ތަކްލީފަކަށެވެ. ޚާއްސަ ކޮން އުމުރުން ދުވަސްމީ ގިނަ މީހުންނަށް އެކަންވީ ނުއުފުލޭވަރުގެ ބުރައަކަށެވެ. އަދި ހެޔަށް ގޮތްވެ އަބުރައިގަނެފައި ވެއެވެ. ހިގަން ޖެހުނީ އިންތިޒާމްތައް ދޯހަޅިވުމާ އަދި ބައެއް މަގު ބަންދު ކޮށްފައި ވުމުން ކަމަށް ވެއެވެ.


ނުގަވާއިދުން އެތެރެވި ހައްޖުވެރިންގެ މައްސަލަ

ހައްޖަށް ދިއުމަށްޓަކާ ޚާއްސަ ވިސާއެއް ނަގަން ޖެހުނު ނަމަވެސް ބައެއް ފަރާތްތަކުން ހައްޖު ވިސާނެގުމެއް ނެތި ސައޫދީ އަށް އެތެރެވާ މައްސަލަ ވަނީ ބޮޑުވެފައެވެ.ފޭލިގެ ތަކުގައި ބައިބޯވެ ތޮއްޖެހެން ބޮޑަށް ދިމާވަނީ މިގޮތަށް ނުގަވާއިދުން އެތެރެވާ މީހުން ގިނަ ވުމުން ކަމަށް ސައޫދީ އިދާރާތަކުން ބުނެއެވެ.
ހުކުރުދުވަހު ޖޯޑްން އިން ވަނީ ނުގަވާއިދުން މީހުން ހައްޖަށް ގެންދިޔަ އެތައް ޓްރެވަލް އެޖެންޓުން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައެވެ. މިސްރުން ވެސް މިކަން ބެލުމަށް ތަހުގީގުތައް ފަށާފައިވާ ކަމަށް ޚަބަރު ލިބެއެވެ.


އުމުރުން ދުވަސްވީ މީހުންނާ ބަލި މީހުން ގިނަވުން
ގިނަ މީހުން ހައްޖަށް ދަނީ މުޅި އުމުރު ފައިސާ ޖަމާ ކޮށްގެން އުމުރުގެ ފަހު ކޮޅުގައި ކަމުން ހައްޖުވެރިންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.އެހެން ކަމުން އެމީހުން ގެ ސިއްހަތުވެސް އެހާރަގަޅެއް ނޫނެވެ.ގަދަ ހޫނާ ތޮއްޖެހުން އަދި ދުރަށް ހިނގަން ޖެހުން ފަދަ ކަންތައް އުމުރުން ދުވަސްވީމީހުންނަށް ވަނީ ވަރަށް ބޮޑު ބުރައަކަށެވެ.އަދި ބަލިވުމާއި ހާލު ދެރަވުން އަވަސްވެއެވެ.


ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވެއްޖެ ނަމަ ވަނީ ކިހިނެއް؟

ހައްޖުގެ އަޅުކަމުގެ ތެރޭގައި އުޅެނިކޮން މީހަކު މަރުވެއްޖެ ނަމަ އެކަން ހައްޖު މިޝަން އަށް ރިޕޯޓް ކުރަން ޖެހެއެވެ.އަދި އެމީހެއްގެ އައިޑެންޓިޓީ ޔަގީން ކުރުމަށްފަހު މަރުވި ކަމުގެ ޑޮކްޓަރު ސެޓްފިކެޓެއް ސައޫދީ ސަރުކާރުން ދެއެވެ.
މަރުވާމީހުންގެ ޖަނާޒާގެ ހުރިހާކަމެއް ކުރަނީވެސް ސައޫދީ ސަރުކާރުންނެވެ.ހިނަވާ ކަފުން ކުރުމާ ކަށުނަމާދުގެ ހުރިހާކަމެއް ކުރަނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ޓީމް ތަކުންނެވެ.

މައްކާގައި މަރުވި ނަމަ ކަށުނަމާދު ކުރުން މަސްޖިދުލް ހަރާމް ގައި އޮންނަ އިރު ވަޅުލަނީވެސް މައްކާގައެވެ. އަދި ފަހުން ޒިޔާރަތް ކުރަން ބޭނުން ވެދާނެ އާއިލާގެ ފަރާތްތަކަށް އެނގޭނެ ގޮތަށް ވަޅުލާތަން ފާހަގަ ކުރެވޭ ޗާޓާއި ނަމްބަރެއް ގަބުރުސްތާންގެ ފަރާތުން ފޯރުކޮށްދެއެވެ.
މައުލޫމާތު: ބީބީސީ ރިޕޯޓް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް