ސީ އެން އެން ގެ ޚަބަރަށް ޙަވާލާދީ އަލަސަންދްރޯ ގަރޮފަލޯ “ ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމަ އަކީ އެމެރިކާ އާއި ޗައިނާ އިތުރަށް ފެޔަށް ޖެހެމުން ދިއުމުގެ އަސްލު ހެއްޔެވެ؟ “ މިހެން ބުނެ ކުރި ސުވާލަކީ ޙަގީގަތުގައި ރައީސް ޖޯ ބައިޑްން އަށް އަމާޒުކޮށް ކުރި ސުވާލެއް ނޫންކަމަށް ވެއެވެ. އެހެންނަމަވެސް އޭނާގެ މަގްސަދަކަށް ވެފާއޮތީ އެ ސުވާލުގެ ޖަވާބު ހޯދުމެވެ.
ހަމަ އެ ސުވާލު ލަފުޒުތައް ބަދަލު ކޮށްލާފައި ޔޫކްރެއިން އާއި ދެކޮޅަށް ބޭނުންކުރަން ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ވިއްކަމުން ގެންދޭތޯ މިދިޔަ ހަފުތާގައި އިޓަލީގައި އޮތް ޕްރެސް ކޮންފަރެންސެއް ގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އަށް ދެންނެވުނެވެ.
އޭރު ރައީސް ބައިޑްން އަރިހުގައި ޒެލެންސްކީ ހުންނެވިއިރު އިންތިޒާރު ކުރައްވަމުން ގެންދެވީ “ ރައީސް ޖިންޕިން އެ ބޭނުމުގައި ރަޝިޔާއަށް ހަތިޔާރު ނުވިއްކަވާނެ ކަމަށް ތިމަން މަނިކުފާނު އަރިހުގައި ވިދާޅުވެފައިވާ ކަމަށް “ ޖޯ ބައިޑްން ވިދާޅުވާނެ ކަމަށެވެ.
އެކަމަކު އޭގެ ބަދަލުގައި ވިދާޅުވީ ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ނުވިއްކާ ކަމަށާއި ޗައިނާއިން ވެދޭ އެހީއަކީ ހަތިޔާރު އުފައްދަން ބޭނުންވާ ޓެކްނޯލޮޖީ ފޯރުކޮށްދިނުން ކަމަށެވެ.
އެ ވިސްނުމުން ބަލާއިރު ޗައިން ރަޝިޔާއަށް އެހީވެ ދެވެނީކަން ގަބޫލުކުރަން ޖެހެއެވެ.
ކޮންމެއަކަސް އެ ޖަވާބުން އެނގި ހާމަވެގެން ދަނީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމާގައި ޗައިނާއިން ރަޝިޔާއަށް އެހީތެރިވެ ނުދިނުމަށް އެމެރިކާއިން އިންޒާރު ދެމުން ދަނިކޮށް ޗައިނާއިން ރަޝިޔާއަށް އެހީތެރިވެ ދިނުން އެމެރިކާއިން ބަލާނުގަންނާނެ ކަމެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާރގް މިދިޔަ ހޯމަދުވަހު ވޯޝިންގްޓަނަށް ވަޑައިގެން ރައީސް ބައިޑްންއާއި އެކު އޯވަލް އޮފީހުގައި ކުރެއްވި މަޝްވަރާ ތަކުގައި އެކަން އޮތީ އިތުރަށް ކަށަވަރު ވެފައެވެ. ސްޓޯލްޓެންބާރގް ގެ ވާހަފުޅު ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވަމުން ގެންދެވިއެވެ.
ރައީސް ޝީ ޖިންޕިންގ ދުނިޔެއަށް ދައްކަން އުޅުއްވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގާ ޗައިނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު ޙަގީގަތަކީ ޗައިނާއިން އެ ގެންދަނީ 2 ވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕުގައި ހިންގަމުންދާ އެންމެ ބޮޑު ހަނގުރާމައަށް ދަރުއަޅާ އަންދަމުންނެވެ. ހަމައެއާއި އެކު ޗައިނާއިން ދައްކަން މަސައްކަތްކުރަނީ ހުޅަނގުގެ ގައުމުތަކާއި އެކު ރަނގަޅު ގުޅުމެއް ދަމަހައްޓަން ބޭނުންވާ ކަމަށެވެ.
ބެއިޖިންނަށް ހުރިހާ މޮޅެއް ނުލިބޭނެއެވެ. ހުޅަނގުގެ ގައުމުތަކާއި އެކު ވަޑައިގަންނަވަން ބޭނުން ފުޅުވާ ނަމަ ޖިންޕިންގ އަށް ޖެހިވަޑައި ގަންނަވާނީ މިސްރާބު ބަދަލު ކުރައްވާށެވެ.
ރައީސް ޕޫޓިން އުތުރު ކޮރެޔާއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން މިހާރު އެއްފަރާތް ކުރެވިފައިވާ އެމެރިކާގެ ދުޝްމަނުން ރަޝިޔާއާއި އުތުރު ކޮރެޔާގެ ގުޅުން ވަރށް ބޮޑަށް ބަދަހިވެގެން ދާނެއެވެ. އަދި އެ ދަތުރުފުޅުގެ ޚަބަރު ވެގެން ދިޔައީ އެމެރިކާއަށް އަޑުއަހަން ފަސޭހަ ޚަބަރަކަށް ނޫނެވެ.
ދެން ދެނެގަންނަން ޖެހޭ އަނެއް ޙަގީގަތަކީ ރަޝިޔާ އާއި ޗައިނާ އަދި އުތުރު ކޮރެޔާއާއި އީރާނުގެ ޚާރިޖީ ސިޔާސަތުގެ ތަޖުރިބާކާރުން ވޯޝިންގްޓަނުގައި ޙަރަކާތްތެރި ވަމުންގެންދާ ކަމެވެ. އެމެރިކާގެ ޖަސޫސީ ތަޖްރިބާކާރުންގެ ހޯދުންތަކުން އެނގޭ ގޮތުގައި އެމެރިކާގެ ނުފޫޒު ދުނިޔޭގެ ގައުމުތަކުން ކަނޑުވާލުން ފިޔަވައި އެހެން ކަމެއްގައި އެ ގައުމުތަކުން އެއްގަލަކަށް އެރުން އެކަށީގެން ނުވެއެވެ.
އެއިން ކޮންމެ ގައުމަކީވެސް އޭގޭ ޒާތުގައި ޚުދު މުޚްތާރު ކަމުގެ ސިފަ އިންތިހާއަށް އަށަގަނެފައިވާ ގައުމުތަކެކެވެ. ޑިމޮކްރެސީއަކީ އެ ގައުމުތަކުން ދަންނަ އެއްޗަކަށް ނުވެއެވެ. މި ދިޔަ މާރޗް މަހު ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސުގެ ޑިރެކްޓަރ އަވްރިލް ހައިނެސް ބުނެފައިވަނީ ޔޫކްރެއިން ހަނގުރާމައިގާ ރަޝިޔާގެ ހަތިޔާރު ގުދަންތައް ހުސްވެ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އުތުރު ކޮރެޔާއިން ހަތިޔާރު ލިބޭނެ މަގެއް އޮތީ ހޯދަން ޖެހިފައެވެ.
އެކަމަނާއަކަށްވެސް ރަޝިޔާއާއި އުތުރު ކޮރެޔާގެ ގުޅުން އޮތް މިންވަރެއް ރަނގަޅަށް ބުނެދޭކަށް ނޭގުނެވެ. އެކަމަކު އެކަމަނާގެ ވާހަކައިން ރަޝިޔާގެ ނިއުކްލިއަރ ނުވަތަ މިސައިލް އުފެއްދުމުގެ ތަޖްރިބާ އުތުރު ކޮރެޔާއާއި އެކު ޙިއްސާކުރަން ރަޝިޔާއިން ތައްޔާރަށް އޮތްކަމަށް ހެކި ލިބިގެން ދިޔައެވެ.
ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކާރޓް ކޭމްޕްބެލް ކިޔާދީފައިވާ ގޮތުގައި އުތުރު ކޮރެޔާއިން ފޯރުކޮށްދިން ހަތިޔާރުގެ ސަބަބުން ރަޝިޔާގެ ސިފައިންނަށް ހަނގުރާމައިގެ މައިދާނުގައި ބޮޑެތި ކުރިއެރުން ތަކެއް ވަނީ ލިބިފައެވެ.
ރަޝިޔާ އާއި އުތުރު ކޮރެޔާގެ ގުޅުމަކީ އެމެރިކާއިން ވަރަށް ކަންބޮޑުވުމާއި އެކު ފާރަލަމުން ގެންދާ ގުޅުމެކެވެ. ސްޓޭޓް ޑިޕާރޓްމެންޓުގެ ތަރުޖަމާނު މެތިއު މިލަރ ބުނެފައިވަނީ އުތުރު ކޮރެޔާއިން ގާނޫނާ ޚިލާފަށް އެގާރަހާސް ކޮންޓެއިނަރުގެ ހަތިޔާރު ރަޝިޔާއަށް ފޮނުވާފައިވާ ކަމަށެވެ. އެ ހަތިޔާރުތައް ރަޝިޔާއިން ގެންދަނީ ޔޫކްރެއިން އާއި ދެކޮޅަށް ބޭނުން ކުރަމުންނެވެ.
ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީއާބެހޭ މުސްތަޝާރު ޖޯން ކަރބީ ބުނެފައިވެއެވެ. އަހަރެމެން މިތިބީ ފާރައަށް ކަން ޕޫޓިން އާއި ކިމްއަށް އެނގޭނެއެވެ.
އުތުރު ކޮރެޔާގެ ރަސްމީ ނޫސް ރޮޑޯންގް ސިންމުންގައި ރަޝިޔާއާއި އުތުރު ކޮރެޔާއިން ބުނެފައިވަނީ އަހަރެމެން އެއްވިސްނުމެއްގައި އެއްބަޔަކު އަނެއް ބަޔަކަށް ސަޕޯރޓް ކުރުމާއި އެކު އަހަރެމެން ހުޅަނގުގެ ގައުމުތަކަށް ދުލެއް ނުދޭނޭކަމަށެވެ.
One Response
ހަނގުރާމަކުރެވޭނީ އަތުގައި ހަތިޔާރުވެސް ހުރެގެންނެވެ. ޔޫކްރެއިނާއި އިސްރާއީލަށް ދީ ދީ މިހާރު ހަތިޔާގު ގުދަނުގެ ތަޅުންގަޑު ފެންނަ ކަމަށްވެއެވެ. އަތަކު ލާރިއެއް ނެތެވެ. ހަތިޔާރު ގަންނާނެ ގައުމުތައް މަދުވީމާ ދަރަންޏަށް ފައިސާނަގައިގެން ހަތިޔާރު އުފެއްދިޔަސް ވިއްކާ ލެވިދާނެ ކަމުގެ ޔަގީން ކަމެއްނެތެވެ. އަރަބި ބައްރުގައި ތަޅުވާނެ ގައުމެއް މިހާރަކު ނެތެވެ. އެހެން ގައުމުތަކުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނުޥެއެވެ. ދެމީހަކު އެއްތަންވާއިރަށް ބިރުން ތެޅެން ފަށަނީ އެހެން ވެގެންނެވެ.