ޑރ. ވަހީދަށް ކުރާ ފުރައްސާރައެއްނޫން، އަޚްލާގީ ފޭރާން ވީދަނީ

Loading

Facebook
Twitter
WhatsApp
Maldives Nasheed news

ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކަކީ ބާޢީ އެކެވެ. ރައްޔިތުން އަދަވަޅަކަށް ވައްޓާލި މީހެކެވެ. ވެރިކަން ފޭރިގަތް މީހެކެވެ. ރައްޔިތުންގެ މުދާ ފޭރިގަތް މީހެކެވެ. ކުށެއްނެތް އެތައްބަޔަކު ހައްޔަރުކޮށް ނުހައްގުން އަދަބު ދީފައިވާ މީހެކެވެ. މީ އެއްބައެއްގެ ނަޒަރެވެ. އަނެއްބައެއްގެ ނަޒަރުގައި ރައީސް ވަހީދަކީ ވެރިކަން ކުރާނެ ގާބިލް ކަމެއްނެތް ފަރާތެއް ވެރިކަން ދޫކޮށްލެއްވުމުން ގައުމު މިންޖުކޮށްދިން ގައުމީ ބަތަކެލެވެ. މުޅިގައުމު ހަލަބޮލި ވެގެން ގޮސް މިސްރާބް ގެއްލުނު ހިނދު ގައުމު ނަގާ ކޮޅަށްޖެހި ހިތްވަރުގަދަ ފަހުލަވާނެލެވެ. ބޭރުގެ ފަރާތްތަކުގެ ޕްރެޝަރާއި ނުފޫޒު އިންތިހާ އަށް ގަދަވެގެންހިނދު އެމަނިކުފާނުގެ ދެވަނައެއްނެތް ގިނަތަޖުރިބާގެ އަލީގައި އެ ނުފޫޒުތަކުން ގައުމު މިންޖުކޮށްދެއްވި ކުޅަދާނަ މޭސްތިރިއެވެ. ގައުމުގެ އެތެރޭގެ ބޮޑެތި ކޯޅުންތަކާއި ހަމަނުޖެހުންތައް އުފައްދައި ދައުލަތުގެ ތަންތަނަށް ގެއްލުންދިންފަރާތްތައް ކޮންޓްރޯލް ކުރި ހިކްމަތްތެރިއެކެވެ.

ކޮންމެ އަކަސް އެމަނިކުފާނު ވެރިކަން ކުރެއްވި ދުވަސް ފާއިތުވެ މާޒީއާ އެކު ގޮސްފިއެވެ. މިހާރު ޑރ ވަހީދަކީ ކުރީގެ ރައީސެއްގެ ގޮތުގައި މުޚާތަބު ކުރެވޭ ރައީސެކެވެ. އުމުރު ކަނޑައެޅުމުގައި ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އުމުރަށް ގޮސްފައިވާ ބޭފުޅެކެވެ. މަގުމަތީގައި މިނިވަންކަމާއެކު އުޅުމުގެ ހައްގު އެމަނިކުފާނަށް ލިބިގެންވެއެވެ. އަދި މިހައްގު އެމަނިކުފާނަށް ލިބިގެން ވަނީ ކޮވިޑް 19ގެ ފުރަބަންދަށް ސަރުކާރުން ދިން ލުޔާއެކު އުމުރުންދުވަސްވީ މީހުންނަށް ވަކި ގަޑިއެއްގައި ހިތްހަމަޖައްސާލާ ބޭރަށް ނުކުމެ ކަސްރަތުކުރުމަށް ދީފައިވާ ހުއްދައިގެ ތެރެއިންނެވެ. މި ހުއްދަ ދެވިފައިވަނީވެސް ގައިދުރުކަން ބާއްވާ ގޮތަށެވެ. ވީހާވެސް އެހެންފަރާތްތަކާ ދުރުގައި އުޅުމަށް ނަސޭހަތްތެރިވަމުންނެވެ.

ޑރ. ވަހީދާއި އެމަނިކުފާނުގެ އަނބިކަބަލުން ހެނދުނު ކަސްރަތަށް ނުކުމެ އުޅުއްވީ މިދެންނެވި ބީދައިންނެވެ. ނަމަވެސްމަގުމަތިން އެމްޑީޕީގެ އެކްޓިވިސްޓަކު ދިމާކޮށްލީއެވެ. އަދަބެއް އިހުތިރާމެއްނެތިއެވެ. އެޗްޕީއޭގެ އިރުޝާދުތަކަށްވެސް ބީރުކަންފަތެއްދެމުންވެ.  އެކިފާޑުފާޑުގެ ހަޑިހުރުތު ނަންތަކުން ޑރ. ވަހީދަށް ނިސްބަތްކޮށް ކިޔަންފެށިއެވެ. ކުރީގަ ހިގައިދިޔަ ހާދިސާތަކާއި ގުޅުވައިގެންނާއި އެމަނިފާނުގެ ގައިގެ ކުލަ އާއި ގުޅުވައިގެން އަވަގުރާނަ ގޮވީއެވެ.

މިކާމާއި ގުޅިގެން ޑރ ވަހީދު ޓްވީޓެއް ކުރެއްވިއެވެ. އެއާއެކު އެމްޑީޕީގެ ގިނަ އެކްޓްވިސްޓުން ތަކެއް ކެކިއަރައިގަތީ ޑރ. ވަހީދުއާ ދެކޮޅަށް އެމަނިކުފާނަށް ދިމާކޮށްލި އެކްޓިވިސްޓާއި އެކޮޅަށެވެ. މިކަމަށް ހިތްވަރު ދެނީ އެމްޑީޕީގެ އިސްސަފުގައި ތިބި ބައެއްފަރާތްތަކުންނެވެ. މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ފަރާތްތަކުންނާއި އެފަދަ ފަރާތްތަކާއި ގުޅުން ހުރި ފަރާތްތަކުންނެވެ.

މީގެ ތެރެއިން އެކަކީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާއެވެ. މީރާ ވަނީ ކުރީގެ ރައީސް، ރައީސް މައުމޫން އާއި އޭނާގެ އައުވާނުންނާއި ހަމައަށް ދިއުމަށްފަހު ދެން ދާނީ ރައީސް ވަހީދުއާ ދިމާއަށް ކަމަށް ބުނެ ވަރަށް ހަޑި ހުތުރުބަހުން ރައީސް ވަހީދު އަށާއި ރައީސް މައުމޫނަށް އެއްޗެހިކިިޔައި ޓްވީޓެއް ކޮށްފައެވެ.  މިޓްވީޓް ރައީސް ނަޝީދް ޓްވިޓާގައި ބޭނުންކުރައްވާ “ އެލެކްސް އަހުމަދު“ އެކައުންޓްން ރިޓްވީޓްވެސް ކުރައްވާފައިވެއެވެ. އަދި އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާގައި އެމްޑީޕީ އެކްޓްވިސްޓް ދިފާއުކުރާ މޭރުމުން ވާހަކަ ދެއްކެވިއެވެ. ވިސްނާ ލައްވާށެވެ. މީ އިސްވެރިޔަކު ދައްކަން ހެޔޮވާވަރުގެ ނަމޫނާއެއްތޯއެވެ. އެއާއެކު އެވެރިންގެ ސޯޝަލް މީޑިއާ އެތުރި އަރަނީ ޑރ. ވަހީދުއަށް ހެއްދެވި ނެހެއްދެވީނުން އެއްޗެހި ކިޔުމަށެެވެ.

ރައީސް ވަހީދަށާއި އެމަނިކުފާނުގެ އަނބިކަބަލުންނަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ ޖޯރޭގެ ނަމުން މުޚާތަބު ކުރެވޭ އެމީހާގެ އެމުޑުދާރު އިންޓައިވުތައްވެސް ސޯޝަލް މީޑިއާގައި އެބުރެނީއެވެ. އެ އަމަލަށް ފަޚުރުވެރިވާ ހާލުގައެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް އެމްޑީޕީގެ ގިނަ މެންބަރުން ޖޯރޭގެ އެ ފުރައްސާރަ އަމަލަށް ތާއީދުކުރައްވާ މޭރުމުން ވާހަކަފުޅު ދެއްކެވީއެވެ. އެތައްބަޔެއްގެ ތައުރީފާއި ބޮޑު މަޝްހޫރުކަމެއް އޭނާއަށް ލިބިގެން ދިޔައީ އޭނާ މީހަކަށް  ލަދުހަޔާތުގެ ފުކެއްވެސްނެތި ފުރައްސާރަކޮށް ގެންނެވެ. ނަމަވެސް މި ފުރައްސާރަ ރަގަޅު އަމަލަކަށް ބަދަލުކޮށް މިއަށް އައްސަރިބަހާއި ސާބަސް ދޭން ރައީސް ނަޝީދު އާއި އެމަނިކުފާނަށް ސަޕޯޓްކުރާ ފަރާތަކުން އަތްކުރި އޮޅައިލައިގެން ތިބިނަމަވެސް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، ރައީސް މުހައްމަދު ސޯލިހު މި ނާތަހުޒީބު އަމަލާއި ދެކޮޅެވެ. އެމަނިކުފާނު ރައީސް ވަހީދަށް ގުޅުއްވާ ކަންހިނގައިދިޔަ ގޮތް ސާފްކުރައްވާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން އަޅުގަނޑުމެން ކޮންމެމީހަކަށްވެސް ލިބިދީފައިވާ ހައްގެކެވެ. ނަމަވެސް މީހުންނަށް ފުރައްސާރަކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށް އެފަދަ ކަންތައްކުރާ މީހުންނަށް ހިތްވަރު ދިނުމީ ޚިޔާލު ފާޅުކުރުމެއް ނޫނެވެ. ތިމާމެންގެ ލަދުހިޔާތުގެ ކަންފުޅެއްވެސް ނެތްކަން ޢިއުލާނުކޮށް އަމިއްލަ އަތުން ތިމާމެންގެ އަޚްލާގީ ފޭރާން ވީދާލުމެވެ.

Loading

One Response

  1. އައިކެގެ މިލުމަށް ތާއިދުކުރަމެވެ. އަބަދުވެސް ދޭތެރެޖެއްސުމާއި ޖެއްސުންކޮށްގެން މީހާ ބަލިކޮށްލުމުގެ ޚިޔާލު އެއީ ރާއްޖޭގައި 1970ގެ ވެސް ކުރިން އޮތް ނުބައި ވަބާއެކެވެ. ބައެއް ރަށްރަށުގައިވެސް ކުރީގައި ކަނޑިކި ހިއްލައިގެން އަތްތަޅާފާއި ޒުވާބުކޮށްހެދި ޒަމާނެއްދިޔައެވެ. ނަމަވެސް މިހާރު އެވަށްތަރުޖައްސައިގެން ދިވެހިން ގަބޫލެއްނުކުރާނެއެވެ. އެހެނީ މީހުން ބޮޑެތި ޚަރަދުދީގެން ކިޔަވާ ޑިގުރީ ޕީއެޗްޑީ ހޯދަނީއަކީ މަގުމަތިން މީހުނަށް ހަޔާތްގޮވާ ފުރަށްސާރަކުރާނެ ސޮސައިޓީއެއް ބިނާކުރާކަށެއްނޫނެވެ. ޔަގީނުންވެސް އެބައިގަނޑު އެއީ މިހާރު ވަރަށް މަދު ބައެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް