ރައީސް ޖޯ ބައިޑްން ރިޔާސީ އިންތިޚާބަށް ފައިސާހޯދަން ލޮސް އެންޖަލިސް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސެކިއުރިޓީ ސަރވިސް އޭޖެންޓަކުގެ ދަބަސް އެމެރިކާގެ ވަގަކު ފޭރިގަނެފިއެވެ.
އެމެރިކާގެ ސީކްރެޓް ސަރވިސް އޭޖެންސީން ބުނެފައިވަނީ މި ޙާދިސާ މެދުވެރިވެފައިވަނީ އެޖެންޓް ދުވަހުގެ ވަޒީފާ ނިންމާލުމަށް ފަހު އެނބުރި އައި މަގުމަތީގައި ރޭގަނޑު 9 ޖަހާކަންހާ އިރުގައެވެ.
އެޖެންޓުގެ ދަބަސް ފޭރިގަތީ ބަޑިދިއްކޮށް ބިރުދެއްކުމަށް ފަހުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ކަންތައްގަނޑުގެ ތެރޭގައި އެ އެޖެންޓު ބަޑިޖެހިކަމަށާއި އެހެންނަމަވެސް ވަގުންގެ ތެރެއިން އެއްވެސް މީހަކަށް އަމާޒުވިކަން ނޭންގޭ ކަމަށް ބުނެފައިވެއެވެ. އެ ސީކްރެޓް ސަރވިސް އެޖެންޓަށް އެއްވެސް ހާނީއްކައެއް ނުވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ އެހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ރިހިކުލައިގެ އިންފިނިޓީ އެފް އެކްސް-35 މަރުކާގެ ކާރެއް ނައްޓާލައިގެން ދަނިކޮށް ފެނިފައިވާ ކަމަށާއި އަދި މިހާތަނަށް ސީކްރެޓް ސަރވިސް އޭޖެންޓުގެ ދަބަސް އަދި އެ ކާރުވެސް ހޯދިފައި ނުވާ ކަމަށެވެ.
ކުރީގެ ރައީސް ބަރަކް އޮބާމާއާއި މިހާރުގެ ރައީސް ޖޯ ބައިޑަން ބައިވެރިވެ ވަޑައިގެންނެވި ރިޔާސީ އިންތިޚާބަށް ފައިސާހޯދުމުގެ މި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި 30 މިލިއަނަށް ވުރެން ގިނަ ޑޮލަރު ހޯދުނުކަމަށްވެސް ޚަބަރުގައި ބުނެފައި ވެއެވެ.
One Response
އަހަރެމެންނަށްވެސް ހަމަވާވަރު. ދުވަސްކޮޅަކުން މައްސަލަ އޮއްބާލީމާ ނިމުނީ.