ޒީ… 2

Loading

Facebook
Twitter
WhatsApp

ރައްޓެއްސަކާ ބައްދަލުކޮށްލަން ކަމަށް ރީނާ ގާތުގައި ބުނެފައި އަހަރެން ގޭން ނުކުތީމެވެ. ކަނޑައެޅި ގަޑިއަށް ޒީ އުޅޭ ގެއަށް އަހަރެން ދިޔައިމެވެ. ދެވަނަ ފަންގިފިލާގެ ރަނގަބީލު ޖަހައިލުމުން ދޮރުހުޅުވައިދިނެވެ. އަހަރެން ވަނީމެވެ.

”އާދޭ އެތެރެއަށް!“ މަޑުމައިތިރި އަޑަކުން ޒީ ބުންޏެވެ.

އަހަރެން އައުމުން ޒީ ވަރަށް އުފާވިއެވެ. ސޯފާއަށް އިޝާރާތްކުރަމުން އިށީނުމަށް ޒީ އަހަރެންގާތުގައި އެދުނެވެ. އަހަރެން އިށީނީމެވެ. ގޭތެރެ ވަރަށް ހަމަހިމޭނެވެ. ގޭގެ ތަރުތީބުކަމާއެކު އޮރެންޖުކުލައިގެ އަލީގެ ތެރޭން ގޭތެރެ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ގޭގެ މާހައުލާމެދު އަހަރެން ތަޢުރީފު ކުރީމެވެ. 

”ތީ ދައްތަގެ މަސައްކަތް.“ ޒީ ވަރަށް ހިނިއައިސްފައި ބުންޏެވެ.

”ކޮބާތަ ދިމާވީމަ ދައްކަން ބުނި ވާހަކަ؟“ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އިނދެފައި އަހަރެން ބުނީމެވެ.

”ހިނގާބަލަ އިހަށް އެއްޗެއް ކަމާ ދޯ! ރީހާންއާ އެއްކޮށް ކާންވެގެން ނުކައި މިހުރީ.“ ކާން ތައްޔާރުކުރަމުން ޒީ ބުންޏެވެ.

ކާމޭޒުދޮށަށް ލެފިލުމާއެކު ސްޕެގެޓީ ތަށިން އެރި މީރު ވަހުން އަހަރެންގެ ބަނޑު ކުކުރައިލިއެވެ. އަހަރެން އިށީނުމުން އަހަރެން ބޭނުމީ ޖޫސްތޯ ނޫނީ ސައިތޯ އެއްސެވެ. ”އަބަދުވެސް އަހަރެންގެ ފޭވަރިޓް“ ކަޅުސައޭ ބުނުމުން ސައި ހަދައިގެން އައިސް އަހަރެންނާއެކު ޒީވެސް ކެއުމުގައި ބައިވެރިވިއެވެ. ކެއުމުގެ މެދާ ހަމައަށް ދިޔައިރުވެސް އެކަކުވެސް އަނގައިން ނުބުނެ ތިބީއެވެ.

”ދެން ބުނެބަލަ އަޅެ!“ އަހަރެން އަނެއްކާވެސް ބުނީމެވެ.

”ކޯޗެއް ބުނަންވީ؟“ ޒީ އެހިއެވެ.

”ޒީ އަހަރެންނަށް ފިލައިގެން ދިޔަ ސަބަބު.“ އަހަރެން ސީދާ ޕޮއިންޓަށް ދިޔައިމެވެ.

”ދޮންތަ ނުބުނޭތަ؟“ ދޮންތައަކީ އަހަރެންގެ މަންމަގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ. މަންމަ މަރުވުމުން އަހަރެން ގެންގުޅުނީ ދޮންތައެވެ.

”މިހާރު ޖަވާބެއް ބޭނުންވަނީ ޒީގެ އަނގައިން.“ އަހަރެން ބުނީމެވެ.

ޒީ ރަށަށް ދިޔައީ ބައްޕަ ވާގިނެތި އެނދުމަތިވުމާއެކު މަންމަގެ އެދުމުގެމަތިންނެވެ. ހުރި ހަމައެކަނި ދަރިފުޅަށް ވުމާއެކު މަންމަގެ އެދުމުގެމަތިން މަންމަ ގާތުގައި ދުވަސްކޮޅަކު މަޑުކޮށްލުމަށެވެ. މަންމަ އެބުނާ ”ދުވަސްކޮޅަކީ“ ކޮބައިކަން އޭނާއަށް އެނގުނީ ރަށަށް ދާން ފުރަން އޮތް ދުވަހުއެވެ. ދެން މާލެ ނުފޮނުވާގޮތަށް ޒީ ރަށަށް ގެންދަނީއެވެ. ކޮންމެވެސް ގޮތަކުން އަހަރެންނާއި ޒީގެ ގުޅުން އޭނާގެ މަންމައަށް އެނގި އެކަމާ ހިތްހަމަނުޖެހިގެންނެވެ. މަންމަ ވަގުތުން އަމުރުކުރީ އެ ގުޅުން ކަނޑައިލުމަށެވެ. 

”އަހަރެން ކައިރީ ކީއްވެތަ އޭރު ނުބުނީ؟“ އަހަރެންގެ އަރު ބެދުނެވެ. ކާހިތް ކެނޑުމާއެކު ތަށީގެ ތެރެއަށް އޫ ދޫކޮށްލަައިފައި ގޮނޑީގައި ލެނގިލެވުނެވެ.

”ބުނަން ކެރޭނެތަ؟ ހަނދާން އެބަހުރިތަ ޒީ ދުވަސްކޮޅަކަށް ރަށަށް ދާންއުޅޭ ވާހަކަ ބުނީމަވެސް ރީހާން ކުރިހާ ޝަކުވާ؟“ ޒީ އެހެން ނުބުންޏަސް އަހަރެންގެ ހިތުން އެދުވަސް ފިލައިގެންނެއްނުދެއެވެ.

”އެކަމަކުވެސް މިއޮއް ޒަމާން ފަހުން މިއަދަކު ނޫން ދޯ ތި ވާހަކަ ބުނަންވީ. އެނގޭތަ ކަންކަން ކިހާ ބޮޑަކަށް ބަދަލުވެގެން ހިނގައްޖެކަން؟“ އިޚުތިޔާރެއްނެތި އަހަރެންނަށް ޝަކުވާތައް ބަންޑުންކޮށްލެވުނެވެ. މޭޒުމައްޗަށް ލެނބިލައި ދެ އުޅަނބޮށި މޭޒުގައި ވިއްދައިލުމަށްފަހު ބޮލުގައި ހިފަހައްޓައިލެވުނެވެ.

”އެއްވެސް ކަމެއް ބަދަލެއް ނުވެއޭ ރީހާން!“ ޒީއަށް އަހަރެން ދެއްކި ވާހަކަ މޭރުންވިހެންނެއް ހިއެއްނުވެއެވެ.

ބަދަލުނުވަނީ ޒީކަމަށް ވެދާނެއެވެ. އޭނާގެ ދިރިއުޅުން ކަމަށް ވެދާނެއެވެ. ގައިމުވެސް އަހަރެންގެ ދިރިއުޅުމުގެ އެތައް ކަމެއް ބަދަލުވެގެން ހިނގައްޖެއެވެ. ޚުދު އަހަރެންނަށްވެސް އެތައް ބަދަލުތަކެއް އަތުވެއްޖެއެވެ.

އަހަރެންގެ ޚިޔާލުތައް އުދުހިގެންދިޔައީ މީގެ އަށާރަވަރަކަށް އަހަރު ކުރިއަށެވެ. އަހަރެން އައީ ބޮޑުދައިތަގެ ދެ ކުދިންނާއެކު ފުޓުބޯޅަ ކުޅެން ގޮސްފައެވެ. އިޔާޒާއި ޝިޔާޒަކީ އެއްމާބަނޑު ދެބެއިންނެވެ. އަހަރެމެން ގެއަށް ވަތްއިރު އަހަރެމެން ފުރައިގެ އަންހެންކުއްޖަކާއި ދޮންތަމެންގެ ރައްޓެހި އުމަރުބެ ސައިބޯން ތިއްބެވެ.

އަހަރެމެން ފެނުމުން ދޮންތަ އަހަރެމެންނަށް ގޮވިއެވެ. އަހަރެމެން ތިންބެއިން ދޮންތަ ގާތަށް ދިޔައިމެވެ. ދޮންތަ އަހަރެމެން ކޮންމެ ކުއްޖަކު ވަކިވަކިން އުމަރުބެއަށް ތައާރަފުކޮށްދިނެވެ. އަދި އުމަރުބެ ގާތުގައި އިނީ އުމަރުބެގެ ދަރިފުޅު ނާޒިމާކަންވެސް ބުނެދިނެވެ. އުމަރުބެ ބުނީ ނާޒިމާ ގެނައީ ރަށު ސްކޫލުން ކިޔަވައި ނިމުމުން މާލޭގައި ބަހައްޓައިގެން އޭނާ ބޭނުންވާ ދާއިރާއަކުން އިތުރަށް ކިޔަވައިދިނުމަށް ކަމަށެވެ. ހުރި ހަމައެކަނި ދަރިފުޅު ކިޔަވައިގެން މީހަކަށް ވުމަކީ އުމަރުބެ ދެކޭ ހުވަފެނެއްކަން ދެކެވުނު ވާހަކައިން އެނގުނެވެ.

ނާޒިމާ އައުމުގެ ކުރިން ގޭގެ ކަންކަމުގައި ދޮންތަބެއާއި އަހަރެމެންވެސް އެހީތެރިވަމެވެ. ނަމަވެސް ފަހުން އެ ހުރިހައި ކަމަކާހެން ހަވާލުވީ ނާޒިމާއެވެ. ހީވާގި މުރާލި ކުއްޖެކެވެ. ނާޒިމާ ކުލާހަށް ދަނީ މެންދުރުފަހު ކަމަށް ވުމާއެކު އަހަރެމެން ހެނދުނު ސްކޫލަށް ދާންވާއިރަށް ދޮންތައާ ބައިވެރިވެގެން ސައި ތައްޔާރުކޮށްދެއެވެ.

އަހަރެމެން ގޭގައި ހުންނަނީ މުޅިއެކު ތިން ކޮޓަރިއެވެ. ދޮންތަމެންގެ ކޮޓަރިއަށް ވަދެވޭނީ އަހަރެމެންގެ ކޮޓަރިތެރޭންނެވެ. ކޮޓަރިއެކޭ ބުންޏަސް ކުޑަވަރެއްގެ ފެންޑާއެކެވެ. އަހަރެމެން ނިދުމަށްޓަކައި ބަހައްޓާފައިވާ ދެބުރި އެނދުގެ ދެ އެނދު ފިޔަވައި ނިދާ ކޮޓަރިއެއްގައި ހުންނާނެ އެއްވެސް އެއްޗެއް އެތަނުގައެއް ނުހުންނާނެއެވެ. ޓީވީ އެތަނުގައި ހުރިނަމަވެސް ޓީވީ ބަލަން ދޮންތައާއެކު ނޫނީ ޒީ އެތަނަކަށް ނުވަންނާނެއެވެ.

އަހަރެން ނިދާ އެނދުުގެ އެއްކޮޅު ހުންނާނީ ދޮރާ ދިމާއަށެވެ. ޓެސްޓު ގާތްވެފައި ވުމާއެކު އަހަރެމެން ތިންބެއިން ތިބީ އަހަރެންގެ އެނދުގައި ފިލާވަޅު ދަސްކުރާށެވެ. އަހަރެން އިނީ ދޮރަށް ފުރަގަސްދީގެން ފަޑީގައި ލެނގިލައިގެންނެވެ. އެހެން ތިބެގެން ދޭތެރެއަކުން އެކި ވާހަކަތައް ދައްކަމުންނެވެ. ސަކަރާތް ޖަހަމުންނެވެ.

”ދޮންބޭ! ދޮންބެގެ ފޮތުގަ ޖަހާފަ އޮތީ ކޮން ޒީއެއްގެ ވާހަކަތަ؟“ ޝިޔާޒު އެހިއެވެ.

(ނުނިމޭ)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް