ޕެނިކް އެޓޭކަށް މަގުފަހިވާ ސަބަބުތަކާއި އަލާމާތްތައް!

Loading

Facebook
Twitter
WhatsApp

ޕެނިކް ޑިސްއޯޑަރ އަކީ ކުއްލިއަކަށް ބިރުގަތުމާއި ހިތް ނުތަނަވަސްވުމުގެ ހާލަތެވެ. ޕެނިކްވުމަކީ ކުއްލިއަކަށް ވަރަށް ބޮޑަށް ބިރުގަތުމާއެކު ހިތް ނުތަނަވަސްވެ، ހަދާނެގޮތް ހުސްވުމެވެ. ޕެނިކްވާ މީހާއަށް ހީކުރެވޭނީ އޭނާއަށް އިހްސާސްކުރެވޭ ބިރަކީ ހަގީގަތުގައިވެސް އޭނާއަށް ދިމާވެފައިވާ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. ވުމާއެކު މި އިހްސާސްތަކާއި އެއްގޮތަށް ހަށިގަނޑުވެސް އެއަށް އިޖާބަދީ އަމަލީގޮތުން އޭގައި ބައިވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޭވާލުމާއި ހިތުގެ ވިންދަށް ބަދަލުއައުމުގެ އިތުރުން، ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ މަސައްކަތްތަކަށްވެސް ބަދަލުއާދެއެވެ. އަދި އެފަދަ ވަގުތެއްގައި އަމިއްލަ ކޮންޓްރޯލުން ހުރިހާ ކަމެއް ނައްޓާލާފައިވާހެން ބަލިމީހާއަށް އިހްސާސް ކުރެވެއެވެ.

ޕެނިކް ޑިސްއޯޑަރ އަކީ އާންމު ދިރިއުޅުމުގައި ކުރިމަތިވާ ”ކަންބޮޑުވުމާއި ބިރުގަތުން“ ފަދަ ކަންކަމާއި ތަފާތު ކަމެކެވެ. މިއީ ކުރިން އެނގުމަކާ ނުލައި (އިންޒާރަކާއި ނުލައި) ކުއްލިއަކަށް ކުރިމަތިވާ ނުރައްކާތެރި ޙާލަތެކެވެ. ތަކުރާރުކޮށް ޕެނިކް އެޓޭކް ކުރިމަތިވެ، އަދި އެކަމާމެދު ފިކުރުކޮށް ކަންބޮޑުވާ ހާލަތަކީ ”ޕެނިކް ޑިސްއޯޑަރ“ އެވެ.

ޕެނިކް އެޓޭކް އަކީ ކުއްލިއަކަށް ކާރިސާއަކާ ކުރިމަތިވެ، އަމިއްލަ ކޮންޓްރޯލްގެ ދަށުން ހުރިހާ ކަމެއް ނެއްޓިފައިވާ ކަމުގެ އިހްސާސް ވުމާއެކު، ކޮޅުނެތްކޮޅަށް ބިރުގަތުމެވެ. އާންމު ގޮތެއްގައި ޕެނިކް އެޓޭކްގެ ދިގުމިނަކީ 10 މިނިޓެވެ. އޭގެ ފަހުން ބަލިމީހާ އާދައިގެ ޙާލަތަށް ބަދަލުވެއެވެ. ނަމަވެސް ބައެއް ފަހަރު އެއް ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނައިރަށްވެސް މިކަން ދިގުލައިދެއެވެ. ޕެނިކް އެޓޭކް ކޮންމެ އިރަކު (މިސާލަކަށް ނިދާފައި އޮއްވައި) ވެސް ކުރިމަތިވެދާނެ އެވެ.

ކުރިން ޕެނިކް އެޓޭކް އެއް ޖެހުމަކީ ދެވަނަ ފަހަރު ޕެނިކް އެޓޭކް ޖެހުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ.

ޕެނިކް އެޓޭކް ޖެހުމުގެ ފުރުޞަތު:

ޕެނިކް އެޓޭކް ޖެހުމުގެ ފުރުޞަތު ފިރިހެނުންނަށް ވުރެ އަންހެނުންނަށް ދެ ގުނަ އިތުރެވެ. ނަމަވެސް ވަކި ގައުމެއްގެ ވަކި ނަސްލެއްގެ ވަކި ފަންތިއެއްގެ މީހުންނަށް މިބަލި ގިނައިން ޖެހޭކަން ފާހަގަކުރެވިފައެއް ނެތެވެ. އާންމުގޮތެއްގައި ބަލީގެ އަލާމާތްތައް ފާޅުވާން ފަށަނީ ފުރާވަރުގެ އުމުރުފުރާ ނިމި، އުމުރުން 20ގެ އަހަރުތަކުގެ ތެރޭގައެވެ. މި އަލާމާތްތައް ފުރަތަމަ ފާޅުވަނީ ހިތާމަވެރި ނުވަތަ ގިނައިން ވިސްނަންޖެހޭ ކަހަލަ ހާލަތެއް މެދުވެރިވުމުންނެވެ. ނަމަވެސް މި މައްސަލަ ދިމާވުމުގައި ފާޙަގަކުރެވޭ ވަކިސަބަބެއް ނެތުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

ޕެނިކް އެޓޭކް ޖެހޭ ސަބަބު

ޕެނިކް އެޓޭކް ޖެހުމަށް މެދުވެރިވާ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ގުޅިފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން ޕެނިކް ޑިސްއޯޑަރ ކުރިމަތިކޮށްފާނެ އެވެ. އެގޮތުން ޕެނިކް ޑިސްއޯޑަރ ކުރިމަތިވުމަށް މެދުވެރިވާ ކަންތައްތަކުގެ ތެރޭގައި:

(ހ) އާއިލާގެ މެންބަރުންގެ ތެރޭގައި ދައުރުވަމުން އައުން: އާއިލީގޮތުން ވާރުތަވަމުން އަންނަ ޖީން އެއްގެ ސަބަބުން މި ބަލި އާއިލާ ތަކުގެ ތެރޭގައި ދައުރުވާކަން ފާހަގަކުރެވިފައި ވެއެވެ.

(ށ) ސިކުނޑީގައި ޣައިރު ތަބީޢީ ކަމެއްހުރުން: އެގޮތުން ސިކުނޑި އަދި ނާރުތަކުގެ ނިޒާމްގައި ދައުރުކުރަންޖެހޭ ކެމިކަލް މާއްދާތައް ހުންނަންޖެހޭ މިންގަނޑުގައި ނެތުމަކީ ޕެނިކް ޑިސްއޯޑަރ މެދުވެރިވެދާނެ ކަމެކެވެ. ވުމާއެކު ބޭސް ބޭނުންކުރުމުން މިކެމިކަލް މާއްދާތައް އެހުންނަންޖެހޭ މިންގަނޑަށް ގެނައުމުގައި އެހީތެރިވެދެއެވެ.

(ނ) މަސްތުވާތަކެތި އަދި ބަނގުރާ ބޭނުންކުރުން: މަސްތުވާތަކެތި ބޭނުންކުރުމާއި، ބަނގުރާ ބުއިމަކީ ޕެނިކް ޑިސްއޯޑަރ ކުރިމަތިވުމަށް މެދުވެރިވެދާނެ ކަމެކެވެ. ޕެނިކް ޑިސްއޯޑަރ ހުންނަމީހުން އެކަމުން ދުރުވުމަށްޓަކައި ތަފާތު ވައްތަރުގެ ބޭސް އަދި މަސްތުވާތަކެތި ބޭނުން ކުރެއެވެ. ނަމަވެސް މިބާވަތުގެ ތަކެތި ބޭނުންކުރުމުގެ ސަބަބުން ބަލި އިތުރަށް ގޯސްވެ، ދިރިއުޅުންދެކެ ފޫހިވާ ހިސާބަށް ދެއެވެ.

(ރ) ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް: ދިރިއުޅުމުގައި ފިއްތުންތައް ކުރިމަތިކުރުވާ އެކި ކަންތައް (މިސާލަކަށް ބޮޑު ކާރިސާއެއް ހިންގުން، މައިންބަފައިންގެ ތެރެއިން އެކަކު ނިޔާވުން، ތިމާގެ މީހަކު މަރުވުން ފަދަ ކަންތައްތައް) ތަކުގެ ސަބަބުން ވެސް ޕެނިކް ޑިސްއޯޑަރ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ޕެނިކް ޑިސްއޯޑަރ ކުރިމަތިވެފައި ވަނިކޮށް މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ ބަލި އިތުރަށް ގޯސްވުމަކީ ވެދާނެ ގޮތެކެވެ.

ޕެނިކް އެޓޭކްގެ އަލާމާތްތައް:

ދާހިއްލުން
ނޭވާ ކުރުވުން / އަވަސް އަވަހަށް ނޭވާލުން
ހިތުގެ ވިންދު އަވަސްވެ ހިތް ބާރަށް ތެޅުން / މޭތެޅުން
މޭގައި ރިހުން
ހަނުހުންނަން އުދަގޫވުން
ކަރުތެރެ ބެދި ނޭވާލާން އުދަގޫވާހެން ހީވުން
ހަތަރެސްފައި އައްސިވުމާއެކު ގަޔަށް ކަށިހެރޭހެން ހީވުން
ހަށިގަނޑު ފިނިވެ ހީކަރުވައި، ތުރުތުރުއެޅުން ނުވަތަ ބައެއްފަހަރު ހަށިގަނޑު ހޫނުވެ މޫނުރަތްވެ ދިލަނެގުން
ދާހިއްލުން
ހޭނެތުން / ޚަބަރު ހުސްވުން
ތުރުތުރުއެޅުން
ބޯއެނބުރުން
މޭނުބައިކުރުން
ބަނޑުގައި ރިހުން
ވަރުބަލިވުން / ވަރުދެރަވުން
ކުރިމަތީގައި ހިނގާ ކަންތައްތަކަކީ ހަގީގަތެއް ނޫންކަމަށްދެކި ވަށައިގެންވާ މާހައުލާއި ގުޅުންކެނޑުން
އަމިއްލަ ކޮންޓްރޯލްގެ ދަށުން ކަންތައްތައް ނެއްޓިދާނެ ކަމުގެ ބިރުހީވުން ނުވަތަ މޮޔަވެދާނެ ހެން ހީވުން، ނުވަތަ ހާޓް އެޓޭކް ޖެހެނީ ކަމަށް ހީވުން، ނުވަތަ މަރުވަނީކަމަށް ހީވުން
ޕެނިކް އެޓޭކްގެ ސަބަބުން ދިމާވެދާނެ އިތުރު މައްސަލަތައް
ޕެނިކްވާ މީހުން އެންމެ ބޮޑަށް ބިރުގަންނަނީ އެފަދަ އެޓޭކެއް އަތުވެދާނެ ކަމަށެވެ. ވުމާއެކު އެފަދަ މީހުން މަސައްކަތްކުރާނީ އެފަދަ ކަމެއް ދިމާވެދާނެ ހުރިހާ ކަމަކުން ދުރުވެތިބުމަށެވެ. އޭގެ ތެރޭގައި ގެއިން ބޭރަށް ނިކުތުން، ދުއްވާ އެއްޗިއްސަށް އެރުން، ސިނޑި ނުވަތަ ލިފްޓް ބޭނުންކުރުން ކޮޓަރި، ފާޚާނާ ފަދަ ތަންތަނުގައި އެކަނި ހުރުން، އަދި މިނޫންވެސް ދިރިއުޅުމުގެ އަސާސީ ކަންތައްތައް ކުރުމުން ފަސްޖެހޭގޮތްވެއެވެ. ވުމާއެކު އެހާލަތުގައި އާދައިގެ ދިރިއުޅުމެއް އުޅުމަކީ މުސްތަހީލުކަމަކަށް ވެދެއެވެ. އަދި ބައެއް ފަހަރު ޕެނިކް އެޓޭކެއް އަތުވެދާނެ ކަމުގެ ޚިޔާލުތައް ހިތުތެރޭގައި އަށަގަތުމުންވެސް މިފަދަ އެޓޭކް އަކާއި ކުރިމަތިލާން ޖެހިދެއެވެ. ވުމާއެކު މިފަދަ މީހުން އާންމުންގެ ތެރެއަށް ނިކުމެއުޅުމަށް ދެކޮޅު ހަދައެވެ.

ޕެނިކްވުމަށް ދެވޭ ފަރުވާ

ޕެނިކް އެޓޭކް ޖެހުން ނުވަތަ ޕެނިކް ޑިސްއޯޑަރ ކުރިމަތިވުމުން ދެ ވައްތަރެއްގެ ފަރުވާ ދެވޭކަން ފާހަގަ ކުރެވިފައިވެއެވެ. އެއީ ބޭސްވެރިކަމުގެ ފަރުވާ އަދި ނަފްސާނީ ފަރުވާ އެވެ. ނަފްސާނީ ފަރުވާގައި ހިމެނެނީ ”ސައިކޯތެރަޕީ“ އަދި ”ކަގްނިޓިވް ބިހޭވިއަރ ތެރަޕީ“ އެވެ. ނަފްސާނީ ފަރުވާ ގައި ބަލިމީހާއަށް ތަފާތު 5 ކަމެއް ދަސްކޮށްދެއެވެ. ބޭސް ބޭނުންކުރުމާއެކު ކުރިން ބުނެވުނު ނަފްސާނީ ފަރުވާ ދިނުމަކީ މުހިއްމު ކަމެކެވެ. ބޭހެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރަނީ ޑިޕްރެސްވުން މަނާކުރާ ބޭސްތައް އެވެ. މީގެ އިތުރުން ”އެންޓިއެންޒައެޓީ“ ޑްރަގްސްވެސް ދީއުޅެއެވެ. މިފަދަ ބޭސް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ބެލުމުގެ ދަށުންނެވެ. ބައެއް ފަހަރު ހިތުގެ ބަލީގެ މީހުންނަށްދީއުޅޭ ”ބީޓާ ބްލޮކަރ“ އޭ ކިޔާ ބޭސްތައްވެސް ބޭނުންކުރަންޖެހޭ ފަހަރު އާދެއެވެ.

ޕެނިކް ޑިސްއޯޑަރ އަކީ ފަރުވާކުރެވިއްޖެ ނަމަ މުޅިން ރަނގަޅު ކުރެވިދާނެ ބައްޔެކެވެ. ޕެނިކް ޑިސްއޯޑަރ އަކީ ރައްކާތެރިވެވޭނެ ބައްޔެއް ނޫނެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ކުޑަކުރުމަކީ ޕެނިކް ޑިސްއޯޑަރ މެދުވެރިވުން މަދުކޮށްދީ، ޕެނިކް ޑިސްއޯޑަރ އާއި ގުޅިގެން ކުރިމަތިވާ ތަފާތު އުނދަގޫތައް ކުޑަކޮށް ދަށްކޮށްދޭނެ ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް