ކުރީގެ ދިފާޢީ ވަޒީރު ޢަބްދުލްޙަންނާން އަވަހާރަވުމާގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp


ކުރީގެ ރައީސް، އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނ.ޣ.ޢ.ވ ގެ ވެރިކަމުގައި، މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަގާމު (އޭރުގެ ދިފާޢީ ވަޒީރުކަމުގެ މަޤާމު) 10 އަހަރު ފުރުއްވި، ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާ ގުޅިގެން، އެ ކިލެގެފާނުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުޒިޔާގެ ޕޯސްޓުގައި، ޢަބްދުލްޙަންނާން ޙަލީމް އަވަހާރަވުމަކީ، ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ވިދާޅުވެ، އެ ކިލެގެފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައިވެއެވެ. އަދި މަރުޙޫމްގެ ފުރާނަފުޅު ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ހެޔޮ ދުޢާ ކުރައްވާފައިވެއެވެ.

ޢަބްދުލްޙަންނާން ޙަލީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދު ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.

މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް އެ ކިލެގެފާނު ކުރައްވާފައިވެއެވެ. މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމަށް ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވައި، ދޮށިމޭނާކަމަށް ކޮލި ލެއްވީ 21 އޭޕްރީލް 1975 ގައެވެ. ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅަކީ މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް