ވަރަށްވެސް ތާރީޚީ ދަތުރު ފުޅެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އުތުރު ކޮރެޔާ އަށް ވަޑައިގެންފިއެވެ. ބުދަ ދުވަހު ހެނދުނު ޕޫޓިން އުތުރު ކޮރެޔާއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ޕިޔޮންގ ޔަންގ ގެ ކިމް ޓޫ ސަންގ ސްކޮޔަރ ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ރައީސް ޕޫޓިން އަށް މަރުހަބާ ދަންނަވާފައި ވަނީ ކިމް ޖޮން އުން އެވެ. އެއަށް ފަހު ދެލީޑަރުން ވަނީ ސަލާމް ކުރައްވާފައެވެ. އަދި ރައީސް ޕޫޓިން ވަނީ އުތުރު ކޮރެޔާއިން ރަޝިޔާ އަށް ދެމުން ދާއެއްބާރުލުމާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ އަދި މޮސްކޯ އަށް ޒިޔާރަތެއް ކުރެއްވުމަށް ކިމް އަށް ދައުވަތު ދެއްވާފައެވެ.
މަރުހަބާގެ ރަސްމިއްޔާތަށް ފަހު ޚާއްސަ ”ލިމޮޒީން“ ކާރުކޮޅުގައި ވަނީ ޕޫޓިން ހުންނެވުމަށް ހަމަ ޖެހިފައިވާ ސްޓޭޓް ގެސްޓް ހައުސް އަށް ވަޑައިގެންފައެވެ.
ޕޫޓިން ގެ 2ދުވަހުގެ މިދަތުރު ފުޅަކީ ފާއިތުވި 24 އަހަރުތެރޭ އުތުރު ކޮރެޔާ އަށް ކުރެއްވާ ފުރަތަމަ ދަތުރު ފުޅެވެ.
ރައީސް ވްލަޑިމިއަރ ޕޫޓިން އަށް މަރުހަބާ ދެންނެވުމަށްޓަކާ ދަތުރު ކުރެއްވި މަގަށް ގިނަ ބަޔަކު އެއްވެ މަރުހަބާގެ ޝުއޫރުތައް ފާޅު ކޮށްފައި ވެއެވެ.
މި ދަތުރު ފުޅުގެ ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަ ޖެހިފައި ވަނީ ކުމްސޫސަން ޕެލަސްގައެވެ. ދަތުރު ފުޅަށް ރޭވިފައިވާ ބައެއް މުހިންމު ހަރަކާތްތަކުގެ ތެރޭގައި ”ވަން އޮން ވަން“ ނުވަތަ ދެބޭފުޅުން އެކަނި ކުރައްވާ މަޝްވަރާތައް،ސްޓޭޓް ރިސެޕްޝަންއެއް، ގާލާ ކޮންސަޓެއް، ޑޮކިއުމަންޓް ތަކުގައި ސޮއި ކުރެއްވުން އަދި މީޑިޔާ އަށް ބަޔާނެއް ދެއްވުން ހިމެނެއެވެ.