ވަކި ވަގުތެއްގައި ހަމަލާތައް ހުއްޓާލަން އަމުރުކުރި ބޯބުރާންތި ވަޒީފާގައި ނުބަހައްޓާނަން-ނަތަންޔާހޫ

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރާ ގައުމުތައް އިތުރު ވަމުން ދިއުމުން ނަތަންޔާހޫ ރަތަށް އަރައި ހުޅަނގު އައްސޭރީގައި އަދިވެސް ގިނަ ޔަހޫދީ އާބާދީތައް ވަޒަންވެރިކުރުވަން ގަސްދުކޮށްފިއެވެ.


ފަލަސްތީނުގެ ބޮޑުވަޒީރު އޮފީހަށް ޙަވާލާދީ ސީ އެން އެން އިން ބުނެފައިވަނީ އިސްރާއީލުން ދެން އެންމެ އަވަހަށް ބޭއްވޭ ސަލާމަތީ ކެބިނެޓްގެ ބައްދަލުވުމެއްގައި އެކަމަށް ވޯޓަށް އަހާނެ ކަމަށެވެ. އިސްރާއީލުން ބުނަމުން ގެންދަނީ ހުޅަގު އައްސޭރީގައި ޔަހޫދީން އިތުރަށް ވަޒަންވެރި ކުރުވުމަކީ ތައުރާތުގައި ޖޫޑިއާއި އަދި ސަމަރިއާ އަކީ އިސްރާއީލުގެ ބިންތައް ކަމުގައި ކަނޑައަޅާފައިވާ އަމުރުގެ މައްޗަށް ބިނާކޮށް ކުރަންޖެހޭ ކަމެއް ކަމަށެވެ.


ޔަހޫދީން ގަބޫލުކުރާގޮތުގައި ޖެރޫސަލަމް އަކީ އެމީހުންގެ ވެރިކަންކުރާ ސިޓީއެވެ. ޖޫޑިއާއަކީ އެމީހުންގެ ސްޓޭޓެވެ. އަދި ސަމަރިއާ އަކީ އެމީހުންގެ ސަރަހައްދެވެ.
އެހެންވުމުން މުސްލިމުން ގަބޫލު ކުރަން ބޭނުންނުވި ނަމަވެސް އިސްރާއީލުން މިވަނީ އެމީހުންގެ ދީނީ ޖިހާދީ ހަނގުރާމަޔަކަށް ފަލަސްތީނުގެ ގަތުުލު އާންމު ހަނގުރާމަ ޢިއުލާނު ކޮށްފައެވެ.


ޔޫރަޕްގެ ގައުމުތަކުން ނޯރވޭ އާއި އަޔަރލޭންޑާއި ސްޕެއިނާއި އަދި ސްލޯވެނިޔާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރާ ގައުމުތަކުގެ ލިސްޓަށް އިތުރުވެގެން ދިޔަ ނަމަވެސް ޔަހޫދީންގެ ބޮޑުވަޒީރު ބުނަމުން ގެންދަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތު ނުދޭނެކަމަށެވެ.
ޕީ އެލް އޯ ގެ އައްބާސްގެ ސަރުކާރުންވެސް ބައިނަލް އަގްވާމީގޮތުން އިސްރާއީލާ ދެކޮޅުވުމުގެ ނަތީޖާގެ ރަހަ ދެކެން ޖެހޭނެ ކަމަށެވެ. އިސްރާއީލުން މި ޙަވާލާދެނީ ދެކުނު އެފްރިކާއިން ދުނިޔޭގެ އަދުލުގެ ނިޔާގެ ކޯޓަށް އިސްރާއީލާ ދެކޮޅަށް ހުށައެޅި ދައުވާގައި އައްބާސްގެ ސަރުކާރުންވެސް ތަދައްޚުލްވާން ގަސްދުކޮށްފައި ވާކަން މިމަހުގެ ކުރީކޮޅު ހާމަކޮށްފައިވާތީ އެކަމުގެ ބަދަލު ހިފުން ކަމަށް ގަބޫލުކުރެވެއެވެ.
އިސްރާއީލުގެ ފާރ-ރައިޓް ވިސްނުމުގެ މާލީ ވަޒީރު ބެޒާލެލް ސްމޯޓްރިޗް ބުނެފައިވަނީ އިސްރާއީލުން ފޭރިގަނެފައިވާ ހުޅަނގު އައްސޭރީގައި އިތުރު ދިހަހާސް ގެދޮރު ބިނާކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ.
އިސްރާއީލުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ޔޫރަޕުގެ ހަތަރު ގައުމުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަކީ ޙަމާސްއަށް ދިން ހަދިޔާއެއް ކަމަށެވެ.
އެންމެ ފަހުގެ ޚަބަރުތަކުން އެނގިފައިވާ ގޮތުގައި ގައްޒާއަށް ބޭނުންވާ ބައެއް އިންސާނީ އެހީތައް ފޯރުކޮށް ދިނުމަށްޓަކައި މަގުފަހިކޮށް ދިނުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއްގައި ގައްޒާއަށް ވެދެވެން އޮންނަ މައިމަގުތަކުގައި އިސްރާއީލުގެ ޙަމަލާތައް ހުއްޓާލާފައި ބޭއްވުމަށް އިސްރާއީލުގެ މިލިޓްރީން ނިންމުމާއި ގުޅިގެން ބޮޑުވަޒީރު ނަތަންޔާހޫ ހުންނަނީ ރަތަށް އަރާފައެވެ.


އިސްރާއީލުގެ މިލިޓްރީން ނިންމާފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 6 ން ހަވީރު 5 ށް ކެރެމް ޝަލޯމް ކްރޮސިންގް އިން ސަލާހުއްދީން ރޯޑުގެ އުތުރު ސަރަހައްދު ތަކުގައި އެންމެހާ މިލިޓްރީ ޙަރަކާތްތައް މެދުކަނޑާލުމަށެވެ.
ބޮޑުވަޒީރު ނަތަންޔާހޫއަށް މިލިޓްރީގެ މި ނިންމުން އެނގުމާއި އެކު އޭނާގެ މިލިޓްރީއާ ބެހޭ ސެކްރެޓަރީ ގެނެސްފައި އެގޮތަށް ޙަމަލާތައް ހުއްޓާލާފައި ބޭއްވުން ހުއްދަ ނުކުރެވޭނެކަން އަންގަން ވަނީ ބުނެފައެވެ.
ނަތަންޔާހޫގެ މި އަމަލުން ބައިނަލް އަގްވާމީ ގޮތުންގައްޒާގެ މައްސަލާގައި އިސްރާއީލަށް ކުރިމަތިވެފައިވާ ފިއްތުން ތަކާއި އަދި އެކަމާއި ގުޅިގެން ނަތަންޔާހޫއަށް އެތެރޭން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ.
ނަތަންޔާހޫއަށް ތާއީދުކޮށް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ދީނީ ޕާރޓީގެ ފަރާތުން ކެބިނެޓްގައި ހިމެނޭ ސަލާމަތީ ކަންތަކާއި ބެހޭ ވަޒީރު އިތާމަރ ބެން ގުވިރް ބުނެފައިވަނީ ކޮންމެ ދުވަހަކު ވަކި ވަގުތެއްގައި ހަނގުރާމަ މެދުކަނޑާލަން ކޮންމެ މީހަކު ނިންމި ކަމުގައިވިޔަސް އެމީހަކީ ބޯބުރާންތި ވެފާހުރި މީހެއެކަމަށް ސިފަކޮށްފައެވެ. އަދި އެމީހަކު ވަޒީފާގައި ދެމި ނުހުރެވޭނެކަން ޔަގީން ކޮށްދީ ބުނެފައެވެ.
މިއީ އިސްރާއީލުގެ ކޯލިޝަން ސަރުކާރާއި މިލިޓްރީއާއި ދެމެދު އުފެދިފައިވާ ބޮޑު ޚިލާފުގައި އެންމެ ފަހުން ހާމަވެގެންދިޔަ ޙާދިސާއެވެ. ކުރީގެ ދިފާއީ ވަޒީރު ޖެނެރަލް ބެނީ ގާންޒު ސަރުކާރުން ވަކިވި ފަހުން އިސްރާއީލުގެ މިލިޓްރީގެ ލަގަން ނަތަންޔާހޫ އަތުންގެއްލިއްޖެ ކަހަލައެވެ.
އިސްރާއީލު ސަރުކާރުން އަބަދުވެސް ބުނަމުން ގެންދަނީ ހަނގުރާމަ ހުއްޓާ ނުލިއަސް ކެރެމް ޝަލޯމް ކްރޮސިންގް އިން ސަލާހުއްދީން ރޯޑުގެ އުތުރު ސަރަހައްދުން ގައްޒާއަށް ބޭނުންވާ އެހީ އެތެރެކުރުން ނުހުއްޓުވާ ކަމަށާއި އެހީގެ ތަކެތި ލިބެންވާ ފަރާތްތަކަށް ނުލިބެނީ އެތަކެތި ލޫޓުވަމުން ގެންދާތީ ކަމަށެވެ.
އިސްރާއީލް ސަރުކާރުގެ ބަސްމަގު ހުރިގޮތުން މިލިޓްރީން ބުނެފައިވަނީ ކަނޑައެޅިފައިވާ ވަގުތުގައި ޙަމަލާތައް އޮންނާނީ ހުއްޓާލާފައި ކަމަށާއި އެގޮތަށް ނިންމާފައިވާނީ ޔޫ. އެން. ގެ ކަމާބެހޭ އިދާރާތަކާއި އެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
ހަނގުރާމަ ހުއްޓާލެވޭނެ މަގެއް ފެނޭތޯ އެމެރިކާއިން ކުރަމުންގެންދާކަމަށް ބުނާ މަސައްކަތުގައި ގައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާ ކަމަށް ބެލެވޭ އިސްރާއީލުގެ ބައެއް ހަރުކަށީ ފަރާތްތައް މިހާރު ވަނީ މިދިޔަ ހުކުރު ދުވަހުންފެށިގެން އެމެރިކާގެ ސެންކްޝަން ލިސްޓްގެ ތެރެއަށްވެސް ވައްދާފައި ކަމަށް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް