ރާއްޖޭގެ އިގުތިޞާދުގެ ހަގީގީ ލޭނާރަކީ ކަނޑު ރޯދީގެ ސިނާޢަތެވެ.

Loading

Facebook
Twitter
WhatsApp

ރާއްޖެއަކީ ޒަމާނުއްސުރެ ކަނޑުރޯދީގެ ޒަރީޢާއިން ބަނޑުފުރާނަ މުއްތިކުރަމުން އަންނަ ގައުމެކެވެ. އެހެން ކަމުން ރަންބިސް އަޅާ ކުކުޅަށްވުރެ މުޅި ދިވެހީ އުންމަތަށް އެންމެ ފައިދާހުރި ސިނާޢަތަކީ ކަނޑުރޯދީގެ ސިނާޢަތެވެ. އެއީ އެންމެ ގިނަ ދިވެހީންނަށް ބެހިގެންދަނީ ކަނޑުރޯދީގެ ނަފާ ކަމަށް ވީތީއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތަށް ވުރެ މުޅި ދިވެހި އުންމަތަށް ދިވެހި މަސްވެރިކަމުން ލިބޭ އާމްދަނީ ހަގުނަ އިތުރެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަސް 1970ގެ ިކުރީގައި ކިރުވަނީ ރަށްރަށުގައި ތިބޭ މަހުޖަނުންގެ ވިޔަފާރި ގެތަކަށެވެ. އޭރު މަހުޖަނުންގެ ވިޔާފާރި ގެތަކަށް މަސްކިރައިގެން ރުފިޔާއެއް ނުލިބެއެވެ.

އޭރު މަސްވެރި ޢާއިލާތަކަށް މަސް ކިރައިގެން ލިބެނީ ކާޑުގެ ބާވަތްތަކާއި އަންނައުނު ފަދަ ތަކެއްޗާއި ހިފައިގެންގުޅޭ ސާމާނެވެ. މިކަން ބަދަލުކޮށް ދިވެހި މަސްވެރިން ޖީބަށް ރުފިޔާ އަޅުއްވައި ދެއްވީ ކުރީގެ ރައީސް އިބްރާހިމް ނާޞިރެވެ. ހޯކޯމާރުގެ މަސްބޯޓުފަހަރު ރާއްޖެ ގެނެސް ދިވެހި މަސްވެރިން ބާނާ ހުރިހާ މަހަށް ރުފިޔާ ލިބެން ފެށީ ރައީސް ނާޞިރުގެ ޒަޢާމަތުގައި އެމަނިކުފާނު ދިވެހި މަސްވެރިކަމަށް ގެނެސްދެއްވި އިންގިލާބީ ބަދަލުގެ ތެރެއިންނެވެ.

އޭރު ދިވެހި މަސްވެރިން ބާނާ މަހަށް ލިބެންޖެހޭ ރުފިޔާ ނުލިބިގެން މަސްވެރިން މުޒާހަރާއަށް ނުކުންނާކަށް ނުޖެހެއެވެ. ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައިވެސް އެފްޕީ އައިޑީގެ ބޯޓުފަހަރާއި ފެލިވަރު އަދި ކޫއްޑޫއަށް މަސްކިރައިގެން ދިވެހި މަސްވެރިން އައީ ރުފިޔާ ހޯދަމުންނެވެ. އޭރު ކިރާ މަހަށް ފައިސާ ނުލިބިގެން މަސްވެރިން ރައީސްގެ ފަހަތުން ދުވާކަށެއް ނުޖެހެއެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ މެދުތެރޭގައި ރާއްޖޭގެ މަސްދޯނިފަހަރު ބޮޑެތިވެ ބާނާ މަހުގެ ޢަދަދު އިންތިހާއަށް އިތުރުވެގެން ދިޔައެވެ. އެހެނަސް ދިވެހި މަސްވެރިބާނާ ހުރިހާ މަސް ކިރުވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ރައީސް މައުމޫނުގެ ސަރުކާރަކަށް ތައްޔާރެއް ނުވެވުނެވެ. އޭގެ ސަބަބުން މަސްވެރިން ބާނާ މަސް އޭރު އަޅަންޖެހުނީ ކަނޑަށެވެ.

މިފްކޯގެ ބޯޓުފަހަރު މަދުކަމާއި ހުރި ބޯޓުފަހަރުގެ ކެޕޭސިޓީ ކުޑަކަމުން މަސްވެރިން އިހުތިޖާޖު ކުރަން ޖެހުނީ މަސް ނުކިރިގެންނެވެ. ފައިސާ ނުލިބިގެނެއް ނޫނެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތް ހިސާބުން ދިވެހިމަސްވެރިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.

އެހެނަސް އެ ވެރިކަން ގާނޫނީ އިމުން ބޭރުގައި ބިމާ ހަމަކުރީ ދިވެހި ބައެއްސިފައިންނާްއި ބައެއް ފުލުހުން ރައީސް މައުމޫނާއި ގުޅިގެންނެވެ.

އޭގެ ފަހުން ދިވެހި މަސްވެރިން އައީ ބާނާ މަހަށް ހަމައަގު ނުލިބުމުގެ އިހުތިޖާޖު ކުރަމުންނެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ އެންމެ ގިނަ ރައްޔިތުން ޝާމިލްވެ ޙަރަކާތްތެރި ވަމުން އަންނަ ސިނާޢަތެވެ. އެހެން ކަމުން މިފަހަކަށް އައިސް ދިވެހި މަސްވެރިން އަތްވާ ފިނީގައި ރެޔާދުވާލު އެކުރާ ބުރަމަސައްކަތުން ލިބެންޖެހޭ ރުފިޔާކޮޅު ނުލިބި ރާއްޖޭގެ މަސްވެރިންގެ ޢާއިލާތަށް ދިރިއުޅުމުގައި އެ އުފުލަމުން އަންނަ ތަކުލީފުތަކަކީ ބަލަން ތިބޭ ބަޔަކަށް ކެތްކުރެވޭނެ ތަކުލީފުތަކަކަށް ނުވެއެވެ.

ސަރުކާރުތައް ގާއިމްކުރަނީ ރައްޔިތުންނެވެ. އެހެނެއްކަމަކު ރައްޔިތުން އެކުލަވަލާ ސަރުކާރު ތަކަށް ރައްޔިތުންގެ އަޑު ނުއިވޭ މައްސަލަ އަކީ ރައްޔިތުން ވިސްނާ ސަމާލުުވާން ޖެހިއްޖެ ކަމެއްކަމުގައި ދެކެމެވެ.

މި ފަހަކަށް އައިސް ދިވެހި މަސްވެރިންގެ އަބަދުގެ ޝަކުވާއަކީ ކިރުވާ މަހަށް ރުފިޔާ ނުލިބިގެންކުރާ ޝަކުވާއެވެ. މިކަމަށް ދާއިމީ ޙައްލެއް ލިބެން އެބަޖެހެއެވެ.

މަސްވެރިޔާގެ ޢާއިލާ ބަނޑަށް ޖެހޭ މަންޒަރު ބަލަން އެ މަސްވެރިޔާ ހަނު ހުރުމަކީ އިންސާނިއްޔަތާ ޚިލާފު ކަމެއްކަމަށް ވާނެއެވެ. އެހެންކަމާއެކު މަސްވެރިން ނުކުމެ އެތިބެނީ ހިތަށް ކެތް ނުވީމަކަން ސަރުކާރުތަކުގެ ވެރީންނަށް ވެސް އެނގެން ވެއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާ ބައިތުލް މާލަށް ވަޑައިގެން ރުފިޔާބަސްތާ ކޮނޑުފުޅަށް ލައި މަސްވެރި އާއިލާތަކާ ބައްދަލުކުރައްވާ އެ ޢާއިލާތަކަށް ކާންބޯން ދޭންޖެހޭ ހިސާބަށް ހިނގައްޖެއެވެ.

ޒިންމާއިން މިއަދު ރެކުވުނަސް މާދަމާ އެޒިންމާއިން ނުރެކެވޭނެއެވެ. ރައްޔިތުންގެ ޙައްގުތަކަށް ސަރުކާރުތަކުން އިޙުތިރާމް ކުރަންޖެހޭނެއެވެ. ނޫންނަމަ ރައްޔިތުން ނުކުމެ ސަރުކާރުގެ ކަންފަތުން މަޑު ސާފުކުރަން ވެސް ޖެހިދާނެއެވެ.

Loading

One Response

  1. ލައްބައެވެ. ތިއީ ތެދެކެވެ. އެހެނަސް ވެރިކަމުގައި ހުރުމަށް ދެން މިހާރު މަސްވެރީނަށްވުރެ ބޭނުންވާނީ ސިޔާސީ މަގާތައް އިތުރު ކުރެއްވުމެވެ. އެހެނި ސިޔާސީ މަގާމު ދެނީވެސް ބޮޑެތި ޢާއިލާތަކާއި ފައިސާކޮޅު ގެންގުޅޭ މީހުންނަށެވެ. ވީމާ މަސްވެރީންގެ މަސްކޮޅަށް ދޭންޖެހޭ ފައިސާ ލަށްކޮށްފަވެސް އެ ސިޔާސީ ވެރީންނަށް މަސް ނުނިމެނީސް މުސާރަ ދޭން ޖެހެއެވެ. ސަމަޖްގަޔާތަ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް