ނަޝީދު ވިދާޅުވަނީ ދުނިޔޭގެ މިސްރާބު ހުރީ ''ތިންވަނަ ބޮޑު ހަނގުރާމަ'' އަކާ ދިމާއަށް ކަމަށް

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތުން މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާއަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ސިޔާސީ މަސްރަހުން ވަގުތީ ގޮތުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މިހެން ވިދާޅުވީ ސޯޝަލްމީޑިއާ ޕްލެޓްފޯމް, “އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނަޝީދުގެ ޕޯސްޓުގައި ވަނީ ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާއަށް މިސްރާބު ހުރިކަމަށް ފާހަގަކުރެވޭ ކަންކަން ހިއްސާކުރައްވައިފައެވެ.

އެގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކުން އަަސްކަރީ ޚިދުމަތް ލާޒިމުކުރަން ވިސްނަމުންދާ ކަން ފާހަގަކުރައްވައިފައިވެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ގައުމުތަކުން އަސްކަރީ ދާއިރާއަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާކަން
ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން ހަތިޔާރު އުފައްދައި ހަތިޔާރު އިތުރުކުރުމުގެ ވާދަވެރިކަމެއް ގައުމުތަކުގެ މެދުގައި އެބައޮތްކަން ވެސް ނަޝީދު ވަނީ ފާހަގަކުރައްވައިފައެވެ.

ނުރައްކަލެްއްގެ ގޮތުގައި ނަޝީދު ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ޕޮޕިއުލިސްޓް ލީޑަރުން އިންތިޚާބުތައް ކާމިޔާބު ކުރުމާއި ނަސްލީ ތަފާތުކުރުންތައް އިތުރުވެ, ހިޖުރަކުރުމާ ދެކޮޅު ފިކުރުތައް އިތުރުވަމުންދާ ދިއުން ހިމެނެއެވެ.

އެހެންކަމުން މި ކަންކަމާމެދު ހަމަޖެހިގެން ވިސްނާ ބަޔަކު އިސް ސަފުގައި ހަރަކާތްތެރި ނުވާކަމަށްވާނަމަ, ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު އެބައޮތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ މަސްރަހުން ވަގުތީ ގޮތުން ފެޔަށް ޖެހިވަޑައިގެން, ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކެޓްރީ ޖެނެރަލްގެ މަގާމު އަދާކުރެއްވުމަށް މިއަހަރުގެ ފުރަތަމަކޮޅުން ފެށިގެން ގާނާގައި އުޅުއްވަމުން ގެންދަވާ ނަޝީދު މިހެން ވިދާޅުވެފައިވާއިރު, ދުނިޔޭގެ ބޮޑެތި ދިފާއީ ބާރުތަކުން އަސްކަރީ ކަންކަމަށް ދަނީ ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ. އެގޮތުން ބަލާއިރު ރަޝިޔާއާއި ޗައިނާއާއި އެމެރިކާފަދަ ގައުމުތަކުން އެ ގައުމުތަކުގެ އަސްކަރިއްޔާއަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދުކުރެއެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ އަހަރު އެކަނި ވެސް އެމެރިކާއިން އަސްކަރީ ކަންކަމަށް 916 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އަދި ޗައިނާއިން މިދިޔަ އަހަރު އަސްކަރީ ކަންކަމަށް 296 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު. ފޮޓޯ: މިހާރު އޮންލައިން

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް