ހައްޖުގެ އަޅުކަމުގެ ތެރޭގައި ޖޯޑްން ގެ 14 މީހުން ހޫނުގަދަވެގެން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp


ހައްޖުގެ އަޅުކަމުގެ ތެރޭގައި އުޅެނިކޮން ހޫނު ގަދަވުމުގެ ސަބަބުން ޖޯޑްންގެ 14 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ޖޯޑްންގެ ފޮރިންމިނިސްޓްރީން ބުނެފައިވާ ގޮތުގައި ހީޓްސްޓްރޯކް ޖެހިގެން އެގައުމުގެ މަދުވެގެން 14 މީހުން މަރުވެފައިވާއިރު އިތުރު 17 މީހުން ވަނީ ގެއްލިފައެވެ. މިމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ދާކަމަށްވެސް އޮފިޝަލުން ވިދާޅުވެފައިވެއެވެ. ޖޯޑްންގެ ފޮރިންމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރުވި މީހުން ވަޅުލުމުގެ ކަންތައް ކުރިޔަށް ގެންދާނީ އާއިލާތަކުން އެދުނު ގޮތަށެވެ.
އޭއެފްޕީން ޚަބަރުދީފައިވާ ގޮތުގައި އީރާނުގެ ފަސް މީހުން ވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި އުޅެނިކޮން މަރުވެފައި ވެއެވެ. ނަމަވެސް މިމީހުން މަރުވީ ކިހިނެއް ވެފަކަމެއް ސާފެއް ނުވެއެވެ.
ސައުދީ އިދާރާ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް 1.8 މިލިއަން މީހުން ސައުދީ އަށް ދަތުރު ކޮށްފައި ވެއެވެ.
މީގެ ކުރީ އަހަރުތަކުގައި ހައްޖު ގެ އަޅުކަމަށް އެއްވާ މީހުން ބައިބޯވެ ފިތުމާއި އަދި ޓެންޓް ގައި ރޯވުން ފަދަ ހާދިސާތައް ހިނގާފައި ވީނަމަވެސް މިއަހަރު އެފަދަ ހާދިސާ ތަކެއް އަދި ހިނގާފައެއް ނުވެއެވެ. މިއަހަރު އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވަނީ ގަދަ ހޫނުގެ ސަބަބުންނެވެ.
ނިމުނު ހަފްތާގައި ސައުދީގެ ހޫނުމިން ހުރީ 46ޑިގްރީ ސެންޓިގްރޭޑް ގައެވެ.އެހެން ކަމުން ހިލަ އުކުންފަދަ ރުކުންތައް ފުރިހަމަ ކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ބޮޑަށް ދަތިވެފައި ވެއެވެ.
މައުންޓް އަރަފާތުގައި ގާއިމް ކޮށްފައިވާ ޓްރީޓްމަންޓް ސެންޓަރަކުން ހައްޖު ދުވަހު 225 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް ޚަބަރުލިބެއެވެ.
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި 240 މީހުން މަރުވެފައި ވެއެވެ.
ހައްޖުގައި ހިނގި އެންމެ ހިތާމަވެރި ހާދިސާގައި ބައިބޯވެ ފިތިގެން 2015 ވަނަ އަހަރު 2000 މީހުން މަރުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް