ކަނޑިތީމުގައި ''ކަނޑިސާރު'' ގެ ނަމުގައި ސަގާފީ މަރުކަޒެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ށ.ކަނޑިތީމުގައި “ކަނޑިސާރު“ ގެ ނަމުގައި ސަގާފީ މަރުކަޒެއް ހުޅުވައިފިއެވެ.

ކަނޑިތީމު ކައުންސިލުން ބުނީ މިއީ ކަނޑިތީމު ތަރިކައާއި ތާރީޚު ރައްކާކުރުމަށް ރަށު ފެންވަރުގައި ހިލޭސާބަހަށް މަސައްކަތްކުރާ ގްރޫޕަކުން ކުރަމުން އައި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރެފައިވާ މަސައްކަތުގެ ތެރެއިން ކައުންސިލްގެ އެއްބާރުލުމާއެކު ހެދިފައިވާ މަރުކަޒެއް ކަމަށެވެ.

މި މަރުކަޒު ހަދާފައިވަނީ އެ ރަށު ކުރީގެ އަންހެނުން މިސްކިތުގައެވެ. އެއީ އެ ރަށުގައި މިވަގުތު ހުރި ދުވަސްވީ އިހުގެ ގޮތް ފާޑު ހުރި އެއް އިމާރާތެވެ.

ކައުންސިލުން ބުނީ ކަނޑިސާރުގައި ބެހެއްޓިފައިވަނީ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ތަކެއްޗާއި ކަނޑިސާރު ޓީމުން އެއްކޮށްފައިވާ ތަކެތި ކަމަށެވެ.

“ކަނޑިސާރުގެ މަގުސަދަކީ މިފަދަ ތަރިކަ ރައްކާކޮށް އިހުގެ ވާހަކަތައް އިންޓަރެކްޓިވް ގޮތަކަށް އަންނަން އޮތް ޖީލުތަކަށް ގެނެސްދިނުން. އަދި މި މުޖުތަމައުގެ ތާރީހެއް އޮތްކަމާއި އަހަރެމެންގެ އަމިއްލަވަންތަކަން ދިރުވާ އާލާކުރުން.“ ކައުންސިލުން ބުންޏެވެ.

މި މަރުކަޒު ހުޅުވުމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަޞީރު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ވަޒީރު މަރުހަބާ ވިދާޅުވީ ކަނޑިތީމު ކައުންސިލްގެ ރައީސް އަޙްމަދު އަޙްސަންއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މަރުކަޒާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އަޙްސަން ވިދާޅުވީ
“ކަނޑިސާރު“ ގެ ނަމުގައި ހުޅުވާފައިވާ ސަގާފީ މަރުކަޒުގެ މަސައްކަތް ފެށީ މީގެ 5 ވަރަކަށް އަހަރު ކުރިން ކަމަށެވެ.

އަޙްސަން މައުލޫމާތު ދެއްވި ގޮތުގައި ސަގާފީ މަރުކަޒުގައި ބަހައްޓާފައިވާ ތަކެތި އެންމެ ފުރަތަމަ ތަކެތި ބަހައްޓާފައި ވަނީ އެ ރަށުގައި ބޭސް ފިހާރައެއް ހިންގި، ޖާގައިގެ ގޮތުން ދަތި ތަނެއްގައެވެ. އަދި ފަހުން ސަގާފީ މަރުކަޒު ތަރައްގީ ކުރުމަށް ކުރެވުނު މަސައްކަތުގެތެރެއިން، އުވާލާފައިވާ އިހުގެ އަންހެނުންގެ މިސްކިތަށް އެ ތަކެތި ބަދަލުކުރީއެވެ.

އެކަން ކުރުމުގައި މިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް އެ މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޙްސަން ވިދާޅުވި ގޮތުގައި ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހެދުމުގެ މަސައްކަތަކީ އެ ރަށުގެ ޒުވާނުންގެ އިސްނެގުމާއެކު ފެށުނު މަސައްކަތެކެވެ.

މިކަމުގެ ބޭނުމަކީ ރަށުގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ފެންނާނެ ގޮތަށް ބެހެއްޓުން ކަމަށާއި ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތަކީ ކައުންސިލްގެ ޒިންމާގެ ތެރޭގައި ވެސް ހިމެނޭ ކަމެއްކަމަށްވާތީ، އެ މަސައްކަތަށް ކައުންސިލުން އޭރު ވެސް އަދި މިހާރު ވެސް ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވަވަމުން ގެންދަވާކަމަށް އަޙްސަން ވިދާޅުވިއެވެ.

އަޙްސަނަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ ކަނޑިތީމުގައި މި ހުޅުވުނު ސަގާފީ މަރުކަޒަކީ ވަރަށް އުއްމީދީ ފެށުމެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި އާސާރީ ތަރިކަ ރައްކާތެރިކުރުމާއި އެކަމުގެ އިލްމު ފޯރުކޮށްދިނުމަކީ އެ ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައިފައެވެ. އަދި އެކަމުގައި ކަނޑިތީމުގެ މި އިސްނެގުން ވަރަށް އުފަލާއެކު ފާހަގަކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވަނީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ތަރިކައިގެ ތެރޭގައި ހިމެނޭ ހުރިހާ ބައިތަކަކަށް ވެސް ސަމާލުކަން ދިނުން މުހިންމުކަން ފާހަގަކުރައްވައިފައެވެ.

ކަނޑިތީމުގައި މާއްދީ ތަރިކަތަކެއް ހުރި ފަދައިން މާނަވީ ތަރިކަތަކެއް ވެސް ހުންނާނެ ކަމަށާއި، މާއްދީ ތަރިކަ ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ބީދައިން މާނަވީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށް ވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް