އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފުނުވާ ގޮތަށް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ކައުންސިލުތަކަށް އަންގައިފި

Loading

Facebook
Twitter
WhatsApp

އިސްލާމްދީނުގެ އަސާސްތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ނުވާނެހެން އީދުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް, ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް އަންގައިފިއެވެ.

އެ ވުޒާރާއިން ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އަޟްހާ އީދުގެ މުނާސަބަތާ ގުޅިގެން ކައުންސިލުތަކުން އިންތިޒާމުކުރާ ހަރަކާތްތަކާއި ސިޓީތަކާއި ރަށްރަށުގެ އެހެނިހެން ފަރާތްތަކުން އީދު ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ސަމާލުކަން ދޭންވީ ކަންކަން އަންގައިފައެވެ.

ގާނޫނުއަސާސީގައި ބުނެފައިވަނީ “ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން“ ކަމަށެވެ. އަދި “އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރުކަން“ ކަމަށެވެ.

މިކަން ފާހަގަކޮށް ސާކިއުލާގައި ވަނީ އީދުގެ އެންމެހައި ހަރަކާތްތައް އިސްލާމްދީނުގެ އަސާސްތަކާ ޚިލާފުނުވާނެހެން ހިންގުމަށް އެދިފައެވެ.

މީގެއިތުރުން ވަނީ އީދުގެ އެންމެހައި ހަރަކާތްތައް ހިންގުމުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ 1 ވަނަ މާއްދާއަށް ރިއާޔަތްކުރަން ވެސް އެދިފައެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ 1 ވަނަ މާއްދާގައި ބުނެފައިވަނީ “ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިން ކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކަށް ވުމާއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖޭގެ އަމަންއަމާން ކަމާއި ސުލްހަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ވެގެންވާ ކަމެއް“ ކަމަށެވެ.

ހަމައެއާއެކު އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައިވާ ދެ މާއްދާއަކާ ޚިލާފުނުވާނެހެން އީދުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ އަންގާފައެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ އެ ދެ މާއްދާއަކީ “ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ ހެދުން ބޭނުންކުރުން“ އަދި “އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ގެންގުޅުމާއި ބޭނުންކުރުން“ އެއީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާ މާއްދާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް