ކުރިއަށް އޮތް އަޟްހާ އީދުގައި ދީނީ މިންގަނޑުތަކާ ހިލާފު ނުވާ ގޮތަށް އީދުގެ ހަރަކާތްތައް ރާވާ ހިންގަން ލޯކަލް ކައުންސިލްތަކަށް ލޯކަލް ގަވަނަންސް މިނިސްޓްރީން އަންގައިފިއެވެ.
އެގޮތުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި ސިޓީ އަދި ރަށު ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ.
އެހެންކަމުން އީދުގެ އެންމެހާ ހަރަކާތްތައް ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ފުށު އަރާ އެއްވެސް ކަމެއް އެ ސިޓީއެއް އަދި އެ ރަށެއްގައި ހިންގާ އީދު ހަރަކާތްތަކުގައި ނުހިންގުމަށް އެ ސާކިއުލާގައި ވަނީ އަންގާފައެވެ.
އީދުގެ ކަންކަން ކުރިއަށް ގެންދާއިރު ރާއްޖޭގެ ދީނީ ކަންކަން ހިމާޔަތްކުރުމުގެ ޤާނޫނަށް ރިއާޔަތް ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށާއި އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ރަމްޒުވާ ތަކެތި ނުގެންގުޅުމާއި އެފަދަ ކަންކަމަށް މަގުފަހި ނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށް ވެސް އެ ސާކިއުލާގައި މިނިސްޓްރީން އަންގާފައި ވެއެވެ.
މިގޮތުން ސިޓީތަކާއި ރަށްރަށުގައި އީދު ފާހަގަކުރުމުގައި މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ އިލްތިމާސްކޮށްފައެވެ.