ރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ލޭ ހަދިޔާ ކުރާނަމަ، ބޭނުންވާ މިންވަރަށް ލޭ ލިބޭނެ: ހެލްތު މިނިސްޓްރީ

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ލޭ ހަދިޔާ ކުރާނަމަ، ބޭނުންވާ މިންވަރަށް ލޭ ލިބޭނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއާ ހަވާލާދީ ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.

މިއަހަރުގެ ބައިނަލް އަގުވާމީ ލޭ ހަދިޔާ ކުރާ ދުވަހާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމެއް ކަމަށާއި ރާއްޖޭގައި ލޭ ބޭނުންވާ މިންވަރުވެސް އެހެން ގައުމުތަކާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ.

“ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ އިން އަންދާޒާ ކުރާ ގޮތުން، އާންމު ގޮތެއްގައި އެ ގައުމެއްގެ އާބާދީގެ 1 އިންސައްތަ މީހުން ގަވައިދުން ދަރުމައަށް އެދި ލޭ ހަދިޔާ ކުރާނަމަ، އެ ގައުމަކަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނެ. އެހެންނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ރާއްޖެއަށް މިނިސްބަތް ވަނީ 3 އިންސައްތައަށް މަތިކޮށްފައި.“ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި ރާއްޖޭގައި ބޭނުންކުރެވޭ ލޭގެ ގާތްގަޑަކަށް 70 އިންސައްތަ ބޭނުންކުރެވެނީ ތެލެސީމިއާ ޕޭޝަންޓުންނަށެވެ. 

ލޭ ހަދިޔާކުރާ މީހުން މައިގަނޑު ގޮތެއްގައި ބަހާލެވެނީ 3 ބަޔަކަށެވެ. އެއީ:

ހިލޭސާބަހަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރާ ޑޯނަރުން

ވަކި މީހަކަށް ދިނުމުގެ ގޮތުން ލޭ ހަދިޔާ ކުރާ ޑޯނަރުން

އެކި މުއައްސަސާތަކުން ހިންގާ ލޭ ހަދިޔާކުރުމުގެ ކޭންޕްތަކުގައި ލޭ ހަދިޔާ ކުރާ ޑޯނަރުން

މީގެއިތުރުން މިނިސްޓްރީން ބުނީ މިއަހަރަކީ މޯލްޑިވައަން ބްލަޑް ސަރވިސަސްގައި ނެގޭ ބްލަޑް އިތުރު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވި އަހަރަކަށްވުމާއެކު އަދި ޚާއްސަކޮށް ލޭ އިތުރުކުރުމަށް ހިންގޭ ހަރަކާތް އިތުރުކުރުމަށް ކެބިނެޓުން ފާސްކޮށްފައިވާތީ، މި މަސައްކަތް އިތުރަށް ހަރުދަނާ ކުރެވުނު ކަމަށެވެ. އެގޮތުން ސިވިލް ސޮސައިޓީތަކާއި ޖަމާއަތްތަކާއި ކްލަބްތައް ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މިއަހަރު ފުރަތަމަ 5 މަސްދުވަހުގެ ތެރޭގައި 27 ބްލަޑް ކޭމްޕް ބޭއްވިފައިވާ ކަމަށާއި މިދިޔަ އަހަރު ފުރަތަމަ 5 މަސްދުވަހުގެ ތެރޭގައި ބޭއްވިފައިވަނީ 22 ބްލަޑް ކޭމްޕް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ 5 ސަރަހައްދެއްގައި ބްލަޑް ބޭންކް ގާއިމުކުރުމަށް މަސައްކަތް ކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ހދ.ކުޅުދުއްފުށި އަދި ރ.އުނގޫފާރުގައި މިއަހަރު ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން މިނިސްޓްރީން ބުންޏެވެ.

ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14 ވަނަ ދުވަސް ފާހަގަކުރެވެނީ ބައިނަލް އަގުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ.

މި ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވުމުގެ ބޭނުމަކީ މީހުންގެތެރޭގައި ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރުމެވެ. 

މިއަހަރު ބައިނަލް އަގުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ “Share life Give blood” އެވެ.

Loading

2 Responses

  1. މިހުރިހާ މީޙުން ތައްޔަތުންގެ ފައިސާއިން ދެބަނޑަށް ކައިގެން ބޮއިގެން ލައިގެން އުޅޭ މީހުންތައް:
    މިނިސްޓަރުން. ސްޓޭޓް މިނިސްޓަރުން؛ ޑިޕިއުޓީ މިނިސްޓަރުން: ކޯޑިނޭޓަރުން: ޕޮލިޓަކަށް ޑައިރެކްޓަރ، ސީނިއަރ ޕޮލޮޓިކަލް ޑައިރެކްޓަރު. ޑައިރެކްޓަރު ދެން މިހެންގޮސް ކިޔާނެ ކަމެއްނެތް މިބައިވަރުގަނޑު ކޮންމެ ތިންމަހަކުން އެއް މަހު ލޭދިނަސް ބޭނުންވާވަރަށް ލޭ ބޭންކް ބަރާބަރަށް ހިންގާފައި ވިއްކަންވެސް ލިބޭނެއެވެ. އަޅެ ގޮތްބަލާލަން އެމީހުންތަކަށް އަންގަވާށެވެ. 3 މަހުރ އެއްފަހަރު ލޭދޭން ޖެހޭނެކަމަށް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް