ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަށް ލިބުނު ޖަވާބުން ބްލިންކަން ކަންބޮޑުވީ ހަމާސްގެ ޖަވާބުން އިސްރާއީލުގެ ނޭއްގާނީ ޖަވާބު ތަކަކުނެއް ނޫން

Loading

Facebook
Twitter
WhatsApp

ސީ އެން އެން ގެ އިއްޔެގެ ޚަބަރަށް ޙަވާލާދީ ރޮއިޓާރސްއިން އިބްރާހީމް އަލް އުމާރީ ބުނެފައިވާ ގޮތުގައި އެމެރިކާއިން ޔޫ. އެން. އަށް ހުށައަޅައިގެން ފާސްކުރި ގަރާރުގެ ދަށުން އެކި މަރުޙަލާތަކުގައި ކަންތައް ކުރަމުން ދާންޖެހޭގޮތަށް އެކުލަވާލަންޖެހޭ އެއްބަސްވުމަށް ޙަމާސްއިން ގިނަ ޝަރުތުތަކެއް ހުށައެޅުމުން ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ކަންބޮޑުވުން ހާމަކުރައްވައިފިއެވެ.

އެހެނަސް މިވީ 8 މަސްދުވަހު އިސްރާޢީލުން ހިންގާ ގަތުލުއާންމްގައި އެމެރިކާއާއި މުޅިދުނިޔެ ކަހަލަގޮތަކަށް ހަނގުރާމަ ވަގުތީގޮތުން ނަމަވެސް ހުށްޓާލަން ނަތަންޔާހޫގެ ކިބައިން އެދިފައިވާ އެދުންތަކަށް އިސްރާއީލުން ދީފައިވާ ޖަވާބުތަކަށް ބްލިންކަން ޙައިރާންވެ އެއްވެސް ކަންބޮދުވުމެއް ނެތެވެ.

ނަމަވެސް ޙަމާސްގެ ފަރާތުން މި ދިން ޖަވާބުގެ ސަބަބުން ހަނގުރާމަ އަވަހަށް ހުއްޓުވިދާނެ ކަމާއި ދޭތެރޭވެސް ސުވާލު އުފެދެން ފަށައިފިކަމަށް އޭނާ ބުނެފިއެވެ. އެމެރިކާގެ ފުރިހަމަ ތާއިދުނެތި ޒައަނިސްޓް ނަތަންޔާހޫއަށް ގަޒާގައި ގަތުލުއާންމް އެގޮތަށް ނުހިންގޭނޭކަމަށް އެމެރިކާގެ ރައްޔަތުންވެސް އެދަނީ ބުނަމުންނެވެ. އަދި މަގުތަކަށް ނުކުމެ ސަރުކާރާއި ދެކޮޅަށް އެއްވުންތައް ބާއްވާ ފަލަސްތީނުގެ މިނިވަންކަމަށް ގޮވަމުންނެވެ.                               

ބުލިންކަން ވިދާޅުވެފައިވަނީ ޙަމާސްގެ ބައެއް ހުށައެޅުންތައް ގަބޫލުކުރެވިދާނެ ކަމަށާއި އެހެންނަމަވެސް ބައެއް ހުށައެޅުންތައް މީގެކުރިން ޙަމާސް އިން ބުނެފައިވާ “ ހައްދުން ބޭރަށް “ ދާކަމަށެވެ.                    

މީގެކުރިން ސީ އެން އެން ގައި ވާހަކަ ދެއްކި އިސްރާއީލުގެ އޮފިޝަލަކު ބުނެފައިވާ ފަދައިން ޙަމާސްއިން އެމެރިކާގެ ގަރާރު ގަބޫލު ނުކުރަން ބަހަނާ ދައްކަމުން ގެންދާކަމަށް ބްލިންކަން ވިދާޅެއް ނުވެއެވެ.

އެއާޚިލާފަށް ބްލިންކަން ވިދާޅުވަމުން ގެންދަވަނީ ޙަމާސްގެ ތަފާތު ވިސްނުންވެސް “ ފާލަމަށް “ އަރުވައިގެން އެކުގައި ދަތުރު ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް 12 ދުވަސްވަންދެން ޖަވާބު ނުދީ ޙަމާސްއިން ލަސްކުރުން ގަބޫލުކުރުން އުދަނގޫކަމަށް އިޝާރާތް ކުރެއްވިއެވެ.

އޭގެ އިތުރު ތަފްސީލަކަށް ވަޑައިނުގެން ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތި ކަމާދޭތެރޭ ޙަމާސް އިންވެސް ވިސްނަން ޖެހޭނެ ކަމަށެވެ. އަދި ޙަމާސްއަށް އިޝާރާތް ކުރައްވައި އެއްފަހަރު ކަމަކަށް އެއްބަސްވެފާ އަލުން އެކަމަށް ޝަތުރު ކަނޑައެޅުމުން އިޚްލާސްތެރިކަމާއި ދޭތެރޭ ސުވާލު އުފެދޭކަމަށެވެ. އަދި މިއީ ކޮންމެ ގޮތެއް ހަދާފައިވެސް ހަނގުރާމަ ހުއްޓުވަންޖެހޭ ވަގުތުކަން ގަބޫލުކުރަން ޖެހޭނޭކަމަށެވެ.                                       

ދުނިޔޭގެ ކުރިމަތީގައި ނަތަންޔާހޫ ކޮންމެ އެއްޗެކޭ ކިޔަސް އިސްރާއީލުން އެ ގަރާރު ގަބޫލު ކޮށްފިކަން ބްލިންކަން ވަނީ ކަށަވަރު ކޮށްދީފައެވެ.                                                     

މިދިޔަ ބުދަ ދުވަހު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީއާ ބެހޭ މުޝީރު ޖެކް ސުލިވާން ހާމަކޮށްފައިވާ ގޮތުގައި ޙަމާސްގެ ވަރަށްގިނަ ޝަރުތުތަކަކީ ބަލައިގަނެވިދާނެ ކުދިކުދި ކަންތައް ކަމަށާއި ވަރަށް މަދުކަމެއް މެނުވީ ސަލާމަތީ ކައުންސިލްގެ ފާސްކުރުމާ ޚިލާފް ނުވާކަމަށެވެ.                                            

ޔޫ. އެން ގެ ގަރާރުގައި ވާގޮތުން ހަނގުރާމަ ހުއްޓުމާއި ރަހީނުން މިނިވަންކުރުމަށް ތިން މަރުޙަލާއެއް ވަނީ ކަނޑައަޅާފައެވެ.                                                            

ފުރަތަމަ ފިޔަވަޅުގައި ހަނގުރާމައިގެ ހުރިހާ ހަރަކާތެއް ވަގުތުން ހުއްޓަލުމާ ރަހީނުން މިނިވަންކުރުމާއި ގައްޒާގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކުން އިސްރާއީލުގެ ސިފައިން ފޭބުން ހިމެނެއެވެ. ދެވަނަ ފިޔަވަޅުގައި ކަމާބެހޭ ފަރާތްތަކުން އެއްބަސްވުން ކަށަވަރު ކުރުމާއެކު ހަނގުރާމައިގެ ހުރިހާ ހަރަކާތެއް ދާއިމީގޮތެއްގައި ހުއްޓާލެވޭނެއެވެ.

 ހަމައެއާއެކު ގައްޒާގައި ބާކީ ތިބި ރަހީނުން މިނިވަން ކުރުމާއި ގައްޒާގެ ބިމުން އިސްރާއީލުގެ ސިފައިން އެއްކޮށް ފޭބުން ހިމެނެއެވެ.                                                          

ތިންވަނަ ފިޔަވަޅުގައި އެތައް އަހަރަކަށް ދެމިގެންދާނެ ގައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ  ބިޔަ މަޝްރޫއު ފަށާގަތުމާއި އަދި ރަހީނުންގެ ތެރެއިން މަރުވެފައިވާ އިތުރު މީހެއްގެ ގަބުރު ގައްޒާގައި އޮތްނަމަ އެ މީހެއްގެ އާއިލާއަށް ޙަވާލުކުރުން ހިމެނެއެވެ.                                                

މައުލޫމާތު އެނގޭ ސިޔާސީ ބޭފުޅަކު ސީ އެން އެން އަށް ކިޔާދީފައިވަނީ އިސްރާއީލުގެ ސިފައިން އެއްކޮށް ގައްޒާއިން ފައިބަންޖެހޭ މުއްދަތާ ދޭތެރޭ ޙަމާސްއިން ޚިޔާލު ތަފާތު ވެފައިވަނީ ކަމަށެވެ.                

އެމެރިކާގެ ސީނިއަރ އޮފިޝަލަކުވެސް ސީ އެން އެން އަށް ކިޔާދީފައިވާ ގޮތުގައި މިހާރު ފެންނަނީ ގޯލް ދަނޑި ހުރިތަން ބަދަލުވަމުން ދާތަނެވެ. ޙަމާސްއިން ބޭނުންވަނީ އެއްބަސްވުމަކީ އެއިން ދެމާނަ ނުނެގޭނެ އެއްޗަކަށް ވުމަށެވެ. އެބޭފުޅާ ވިދާޅުވީ ފުރަތަމަ މަރުޙަލާ ކަޑައްތު ކުރުމަށްފަހު ދެވަނަ މަރުޙަލާ އޮތީ ވަރަށް ތުނިކޮށެވެ.

ތަންކޮޅެއް ބާރަށް އަތްއެޅިޔަސް ފަޅައިގެން ހިނގައިދާނެއެވެ. ހަމައެއާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމާއިއެކު އިސްރާއީލުގެ ހުރިހާސިފައިން ބާލަން ނަތަންޔާހޫ އެއްބަސް ކުރެވުމަކީވެސް ނުވާނެކަމެކެވެ. ވެދިޔަ 70 އަހަރު ދުވަހުވެސް ޒައަނިސްޓު އިސްރާޢީލުން ދައްކާފައިވަނީ އަޙުދެއް ވެއްޖެނަމަ އެޔާއި ޚިލާފަށް ކަންތައް ކުރާނެ ބައެއްކަމަށެވެ.               

ޚާރިޖީ ވަޒީރު ބްލިންކަންގެ ބަސްމަގުހުރީ ނުވަތަ ވިސްނުމަކީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވުރެން ބޮޑަށް ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓުވުމެވެ. ފުރަތަމަ މަރުޙަލާއަށް ފަހު ދެން ކުރިއަށް ދާންވީ ގޮތުގެ ތަފްސީލު މިއަންނަ ހަފްތާގައި އެމެރިކާއިން އިއުލާންކުރާނެއެވެ.

އޭގެ ތެރޭގައި ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާއި ވަގުތީގޮތުން ސަރުކާރު ހިންގުމާއި މިފަދަ ހުރިހާކަމެއްވެސް ހިމެނިގެންދާނެއެވެ. ހަމަމިގޮތަށް ބުނެފާވާއިރު މިއަދަކީ އިސްރާޢީލުގެ ޢުދުވާނު ފަލަސްތީނުގެ މައްޗަށް ދިހަގުނަ އިތުރުކޮށްފައިވާ ދުވަހެކެވެ.                                   

އެމެރިކާގެ ޖާސޫސީ އިދާރާއިން ދެކޭގޮތުގައި ޙަމާސްގެ ލީޑަރ ސިނަވާރުގެ ވިސްނުންފުޅު ހުރީ އިސްރާއީލުގެ ސިފައިންނަށް ޙަމާސްއިން އަމާންދޭ ގޮތަކަށް ނޫނެވެ. އަދި އެ ބޭފުޅާ ދެކިވަޑައިގަންނަވާވގޮތުގައި ޔޫ. އެން. ގެ ގަރާރާ ގުޅިގެން ނިންމަންޖެހޭ ކަންތައްތަކަށް މަޝްވަރާ ކުރުމުގައިވެސް ޙަމާސް އިން އިސްދަށަށް ޖަހައިގެން ތިބޭކަށް ނުޖެހޭނެއެވެ.

ބައިޑްން ސަރުކާރުގެ ވަރަށް އިސް އޮފިޝަލަކުވެސް ބުނެފައިވަނީ ސިންވާރުގެ ވިސްނުމުގައި ޙަމާސްއަށް ދަނީ ކާމިޔާބު ލިބެމުންނެވެ. އެހެނީ މުޅިދުޔެ މިހާރު އިސްރާޢީލުގެ ގަތުލު އާންމް އާއިދެކޮޅެވެ. އެކެން ހުރިހާ ގައުމަކުން ވަރަށް ފާޅުގޮތެއްގައި އެދަނީ ދައްކަމުންނެވވެ.

ޙަމާސްގެ އިސް ބޭފުޅުންނަށް ސިންވާރު ވިދާޅުވެފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާރނަލުން ބުނެފައިވަނީ “ އަހަރެމެންގެ ކުދިބޮޑު އަންހެން ފިރިހެން ގިނަ ބަޔަކު ޝަހީދު ވެގެން ދިއުމުގެ އަގު މިދުނިޔެމަތީގައިވެސް ލިބޭނޭކަމަށެވެ. އަދި މިހާރު އިސްރާއީލުން އެތިބީ ދުނިޔޭގެ ކުރިމަތީގައި އަހަރެމެން ބޭނުންވިތަނަށް ފައްތާފައެވެ“. އެމެރިކާގެ ޖާސޫސުން ގެންދަނީ ސިނަވާރަށާއި މުޙައްމަދު ދާއިފް އަށް ފާރަލަމުންނެވެ. އެދެބޭފުޅުން އަވަހަށް ޝަހީދުކޮށްލުމުން ޙަމާސް ގޮތްހުސްވެ އަވަހަށް ޒައްނިސްޓް ޢަދުއްވުންނަށް ބޯލަބާނޭ ކަމަށެވެ.

Loading

One Response

  1. ހަމާސް އިން ބޭނުންވަނީ އެމެރިކާގެ ގަރާރުގައި ބުނާ މަރުހަލަހާ ތަކުގައި އެކަން ކޮށް ނިންމާނެ ކަމުގެ ގަރަންޓީއެއް ލިއުމަކުން. ބްލިންކަން ވިދާޅުވަނީ އިސްރާއީލުން އެގަރާރު ގަބޫލުކޮށްފި ކަމަށް. ނަތަންޔާހޫ ބުނަނީ ހަމާސް ދުނިޔެމަތިން ފޮހެވެންދެން ހަނގުރާމަ ނުހުއްޓާނެކަމަށް. މި ނިކުމެވުނީ ހަތަރު އަނގޮޅިއަކަށްވެސް ނޫން. ކަނު އަނދިރި ސަހަރާއަކަށް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް