ކުވޭތުގައި ލޭބަރުން ބޭތިއްބުމަށް ހަދާފައިވާ އިމާރާތެއްގައި އިއްޔެ ރޯވި އަލިފާނުގައި މަރުވި 41މީހުންގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ 40 މީހުންކަން ހާމަވެއްޖެ އެވެ.
އިންޑިޔާ ސަރުކާރުން މިހާރުވަނީ މިމީހުންގެ ހަށިތައް ގެނައުމަށް އެއާފޯސް މަތިންދާބޯޓެއް ފޮނުވާނެކަން އަންގާފައެވެ.
އިންޑިޔާގެ ޔޫނިއަން މިނިސްޓަރ ކިރްތީ ވަރުދަން ސިންގ ވިދާޅުވެފައިވާ ގޮތުގައި މަރުވި ބައެއް މީހުންގެ ހަށިތައް ކޮންބައެއްކަން ވަކި ނުވާވަރަށް ވަނީ އަނދާފައެވެ. އަދި މިހާރު ޑީއެންއޭ ޓެސްޓް ހަދަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާތަނަށް ހެދުނު ޓެސްޓް ތަކުން ހާމަވެފައިވާ ގޮތުގައި 40 މީހުންގެ ތެރެއިން 21 މީހުން ނިސްބަތްވަނީ ކެރަލާ ސްޓޭޓް އަށެވެ.
ކެރަލާ ސަރުކާރުން މިހާރުވަނީ މަރުވި މީހުންގެ އާއިލާތަކަށް 5 ލައްކަ ރުފިޔާގެ އިނާޔަތެއް ދޭނެކަން ހާމަ ކޮށްފައެވެ.
ހާދިސާގައި ފިހުނު މީހުންގެ ފަރުވާގެ ކަންތައް ކުރިޔަށް ދާގޮތް ބެއްލެވުމަށާ މަރުވި މީހުންގެ ހަށިތައް އިންޑިޔާއަށް ގެންދިއުމުގެ ކަންތައް ކޮއޯޑިނޭޓް ކުރެއްވުމަށް ކެރަލާގެ ހެލްޓު މިނިސްޓަރ ވީނާޖޯޖް މިއަދު ކުވޭތަށް ވަޑައިގަންނަވާނެއެވެ.