އިސްރާއީލުގެ އެންމެ ބޮޑު ވާގިވެރިޔާ އެމެރިކާއިން ބޭނުންވާ ގޮތަށް އިސްރާއީލު-ހަމާސްގެ 8 މަސް ދުވަސްވީ ހަނގުރާމަހުއްޓުވުމުގެ އެންމެ ފަހުގެ ފިޔަވަޅަކަށް ޔޫ. އެން. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށްވެސް ކިޔަމަށް ނުވާނެކަމަށް ނަތަންޔާހޫ ބުނެފިއެވެ.
އެގޮތުން ހަނގުރާމަ ނުހުއްޓާ ކުރިއަށް ގެންދާނެކަމަށްއިސްރާއީލުގެ ބޮޑުވަޒީރު ގަންދީ ހުވާކޮށްފައި ޢިއުލާން ވެސް ކޮށްފިއެވެ. އަދި އޭނާ ބުނެފައިވަނީ ޙަމާސްއާއި އެކު މަޝްވަރާގެ މޭޒަށް ދިއުމަކީ ބޭކާރު ކަމެއް ކަމަށެވެ.
ޔޫ. އެން. ގައި ހުންނަ އިސްރާއީލުގެ ސަފީރު ރެއުޓް ޝަޕިރް ބެން-ނަފްތަލީ ހޯމަދުވަހުގެ ގަރާރާއި ބެހޭގޮތުން ވާހަކަދައްކަމުން ގޮތްދޫނުކޮށް ބުނަމުން ގެންދިޔައީގައްޒާއަކީ އިސްރާއީލަށް އޮތް ބިރަކަށް ވެގެން ނުވާނެ ކަމަށެވެ.
ޙަމާސްއިން ހިފާއްޓާފައިވާ ހުރިހާ ރަހީނުންނާއި އޭގެ ތެރެއިން މަރުވެފައިވާ މީހުންގެ ގަބުރުތައް އަނބުރާ އިސްރާއީލަށް ޙަވާލުކޮށް ޙަމާސްއިން އިސްރާއީލަށް ޙަމަލާއެއް ދީފާނެ ހުރިހާ ގާބިލުކަމެއް ނެތިކޮށް ލެވުމަށްފަހު ގައި ނޫނީ ޙަމާސްއާއެކު އިސްރާއީލުން މަޝްވަރާގެ މޭޒަށް ނުދާނެ ކަމަށެވެ.
ތިން މަރުޙަލާއަކަށް ރާވައިފައިވާ ހަނގުރާމަ ހުއްޓުމުގެ އެހުށައެޅުމަކީ މޭ މަހުގެ 31 ވަނަ ދުވަހު ރައީސް ބައިޑްން އެކުލަވާލި ހުށައެޅުމެކެވެ. އެ ހުށައެޅުމަށް ދުނިޔޭގެ ގައުމުތަކުގެ ތާއީދުގެ ސިއްކަ ޖެހުމަށްޓަކައި ދުނިޔޭގައި އޮތް އެންމެ ބާރުގަދަކަމަށް ބުނާ މުއައްސަސާ ޔޫ. އެން. ގެ ސަލާމަތީ މަޖިލީހަށް އެމެރިކާއިން ހުށައެޅީއެވެ.
އެ ހުށައެޅުމަށް އެ މަޖިލީހުގެ 14 މެމްބަރުން ތާއިދު ކުރިއެވެ. ރަޝިޔާއިން ވޯޓުދޭން ބޭނުން ނުވީއެވެ. އެހެންނަމަވެސް ރަޝިޔާއިން ވީޓޯގެ ބާރު ބޭނުމެއް ނުކުރެއެވެ. އިސްރާއީލަކީ ސަލާމަތީ މަޖިލީހުގެ މެމްބަރަކަށް ނުވާތީ ވޯޓުގައި ބައިވެރި ވުމުގެ ފުރުސަތު ނުލިބުނީއެވެ.
އެމެރިކާގެ ގަރާރު ފާސްކުރެވިގެން ދިއުމުން ދުނިޔޭގެ ހަމަތަކުން ބަލާއިރު އެ ގަރާރު ގަބޫލުނުކޮށް އެއްވެސް ގައުމަކުން ގޮތްދޫނުކުރުން އިޚްތިޔާރެއް ނުކުރެވޭނެއެވެ.އެހެނަސް އިސްރާޢީލަކީ އެތަކެއް ފަހަރު ތަކުރާރުކޮށް ޔޫ.އެން ގެ ގަރާރުތަށް ގޮންޖަހައި އިރާލައިފާވާ ހަމަ އެކަނި ގައުމެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެފައި ވަނީ އެމެރިކާގެ ގަރާރުގައި ބުނެފައިވާ ޝަރުތުތަކަށް ޙަމާސް އެއްބަސްވާނަމަ އިސްރާއީލުންވެސް އެއްބަސްވާނެ ކަމުގެ ޔަގީންކަން ލިބި ވަޑައިގެންފައިވާ ކަމަށެވެ. ބްލިންކަން ވިދާޅުވެފައިވަނީ އިސްރާއީލުން އިންތިޒާރު ކުރަމުންގެންދަނީ ޙަމާސްގެ ނިންމުމަކަށެވެ.
އެހެންނަމަވެސް ނަތަންޔާހޫ މުޅިދުނިޔެއަށްވެސް ފާޅުގައި ޢިއުލާންކުރަމުން ގެންދަނީ އެއްވެސް ކަމެއް ކުރެވޭނީ އިސްރާޢީލު ބޭނުންވާ ގޮތަކަށް ކަމުގައެވެ.
ސީ އެން އެން ގެ އެންމެފަހުގެ ޚަބަރުތަކުން އެނގިފައިވަނީ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ޙަމާސްއިން ރުހުން ދިނުމަށާއި މެދުވެރިން ބައިވެރިކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްވަރާ ތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ.
މިހާރު ކުރަންޖެހިފައިވާ ކަމަކީ ޔޫ. އެން. ގެ ގަރާރު ތަންފީޒުކުރުމާއި ގުޅޭގޮތުން އިސްރާއީލް އާއި ޙަމާސް އިން މަޝްވަރާކޮށްގެން ތަފްސީލުތައް ނިންމުމެވެ.
ޔޫ.އެން. ގެ ގަރާރާ ބެހޭގޮތުން އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް ގްރީން ފީލްޑް ވިދާޅުވެފައިވަނީ އެ ގަރާރަށް އިސްރާއީލުން ބޯލަންބާނެކަން އެމެރިކާ ކަށަވަރު ކޮށްދޭ ކަމަށެވެ. ހަމައެފަދައިން މިސްރާއި ގަތަރުން ވިދާޅުވަނީ ޙަމާސްއިން އެ ގަރާރަށް އެއްބަސްކުރުވާނެ ކަމަށެވެ.
ތޯމަސްގެ ވާހަކަ ފުޅުގައި ޔޫ. އެން. ގެ ގަރާރު ތިން މަރުޙަލާއަކަށް ބެހިފައިވާއިރު އެމަރުހަލާތައް ތަރުތީބު ކުރުމުގައި ފަލަސްތީނުގެ ޗާޓަށް އުނިކަމެއް ނުގެނައުމަށް ބާރު އަޅާފައިވަނީ 2 ދައުލަތް އުފެއްދުމުގައި އެކަމަށް ޚާއްސަ ފަރުވާތެރިކަމެއް ބަހައްޓަންޖެހޭނެތީއެވެ.
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެރިކަން ކުރަމުންގެންދާ ޕެލަސްޓީން އޮތޯރިޓީ ސަރުކާރުން ޔޫ. އެން. އަށް ކަނޑައަޅުއްވާފައިވާ ސަފީރު ރިޔާޒް މަންސޫރު ވިދާޅުވެފައިވަނީ ޕެލަސްޓީން އޮތޯރިޓީން ޔޫ. އެން. ގެ ގަރާރަށް މަރުޙަބާ ކިޔާ ކަމަށާއި އިސްރާއީލުން ނިންމާނެގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަހަރެމެން އެންމެ ފުރަތަމް ބޭނުންވަނީ އިސްރާއީލުގެ ޙަމަލާތައް ހުއްޓުވުމެވެ.
ހަނގުރާމައިގާ ގައްޒާ ސުންނާފަތި ކުރަމުން އަހަރެމެންގެ ރައްޔިތުން ގަތުލުއާންމެއްގެ މުސީބާތާއި ކުރިމަތި ކުރުވަމުންގެންދަނީ އިސްރާއިލުންކަން މުޅި ދުނިޔެއަށް މިއޮތީ ހާމަވެފައެވެ.
ސްޓޭޓް ޑިޕާރޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި ޔޫ. އެން. ގައި އެމެރިކާގެ ގަރާރަށް ވޯޓަށް އެހުމުގެކުރިންވެސް ބްލިންކަން ވަނީ އެ ގަރާރުގެ ސަބަބުން އިސްރާއީލަށް ހަމަޖެހުން ލިބި ސަރަހައްދުގެ އެހެން ގައުމުތަކާއެކު ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެނދާނެކަމަށް ނަތަންޔާހޫއަށް ވިސްނާދެއްވަން މަސައްކަތް ކުރައްވާފައެވެ.ޙަމާސްއިން ހިފާއްޓާފައިތިބި ރަހީނުން މިނިވަން ކުރުމުގައިދުނީޔޭގެ ލީޑަރުންގެ ފުރިހަމަ އެއްބާރުލުންވެސް ލިބިގެންދާނެއެވެ.
ޔޫ. އެން. ގެ ގަރާރު ފާސްވުމާއެކު ބްލިންކަން އެންމެ ފުރަތަމަ ގުޅުއްވީ އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްއަށެވެ. އިސްރާއީލުން އެ ގަރާރު ގަބޫލުކުރާނެ ކަމަށާއި ޙަމާސްއަށް އެކަން ވިސްނާ ދިނުމަށް ބްލިންކަންގެ ކިބައިން ގަލަންޓް އެދުނުކަމަށްވެސް ސްޓޭޓް ޑިޕާޓްމެންޓުގެ ބަޔާނުގައި ބުނެފައިވެއެވެ.
ޔޯވް ގަލަންޓުގެ ވާހަކަ މިގޮތަށް ހުރިއިރު އިސްރާއީލުގެ ހަނގުރާމައި ކެބިނެޓްގައި ހިމެނޭ ބެނީ ގާންޒް ވަނީ ސަރުކާރުގެ މި ހަނގުރާމައިގެ ސިޔާސަތަށް ނުރުހިގެން ސަރުކާރުގެ ކޯލިޝަނުން ވަކިވެފައެވެ.
އޭނާ ބޭނުންވަނީ ބާރުގެ ބޭނުންކޮށްގެން ރަހީނުން މިނިވަން ކޮށް ޙަމާސް އިނދަ ޖައްސާލާށެވެ. އެހެންނަމަވެސް އޭނާއަށް ގަބޫލުކުރެވޭ ރަނގަޅު މަގަކުން ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކަށް ސަރުކާރުން ބޭރުގައި ހުރެގެން ނަމަވެސް އޭނާގެ އެއްބާރުލުން ލިބިގެންދާނެކަމަށް ބްލިންކަން އަރިހުގައި ދެންނެވި ކަމަށް ވެއެވެ.
އިސްރާއީލު ކުރަމުންގެދާ ކޮންމެ ހަނގުރާމައެއްގެ އެންމެބޮޑު ވާގިވެރިޔާއަށްވެސް އިސްރާއީލު މަތައެއް ނުކުރެވެއެވެ. ނަމަވެސް ދުނިޔޭގެ އެހެންގައުމެއް ޔޫ.އން. ގެ ރިސޮލިއުޝަނަކާއި ދެކޮޅުހަދައިފިނަމަ އެގައުމެއް ފުނޑާލައި ބިމާއި ހަމަކޮށްލުމުގެ އުފާ އެމެރިކާއިން ލިބިގަނެއެވެ.
One Response
ކިހާބޮޑު ބަލާވެރިކަމެއް އެމެރިކާގެ އިޒްރޭލާއި ހެދި