ދިވެހި ފިލްމީ ސިނާޢަތު އޮޔާދާން ދޫކޮށްލާފައި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ފިލްމް އުފައްދާ މީހުންނާ މެދު ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލުމަކީ ހިތާމަ ކުރަން ޖެހިފައިވާ ކަމެކެވެ. ރާއްޖޭގެ ފިލްމީ ސިނާޢަތުގައި ގިނަ ޒުވާނުން ޙަރަކާތްތެރިވަމުންދާއިރު އެއްވެސް ސަރުކާރަކުން އެ ސިނާޢަތު ކުރިއެރުވުމުގެ ވިސްނުމެއް ނުގެންގުޅުއްވާތީ ފިލްމް އުފައްދާ ފަރާތްތަށް އެވަނީ މާޔޫސްވެފައެވެ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދިވެހި ފިލްމު ބެލުމުގެ ޝައުވެރިކަން އިތުރުވަމުން އަންނައިރު ދިވެހި ފިލްމީ ސިނާޢަތު ކުރިއެރުވުމަށްޓަކާ އެއްވެސް ސަރުކާރަކުން އަޅާނުލާއިރު އުފައްދާ ފިލްމު ތައް އަޅުވާނެ ސިނަމާތަކެއްވެސް ސަރުކާރުން އިތުރުކޮށެއް ނުދެއެވެ.

ފިލްމީ ޑައިރެކްޓަރުންނާއި ފިލްމު އުފައްދާ މީހުނާއި ފިލްމު އުފެއްދުމަށް ޚަރަދު ކުރާ ފަރާތްތަކަށް ވަމުން އަންނަ ގެއްލުންތައް ކުޑަ ކުރެވޭނެ މަގެއްވެސް ސަރުކާރުތަކުން ފަހިކޮށެއް ނުދެއެވެ. އަދި ހަމައެހެންމެ އުފައްދާ ފިލްމުތަކަށް ސްޕޮންސަރ އެއް ދޭނެ ފަރާތެއް ވެސް ނެތުމާއެކު ދިވެހި ފިލްމީ ސިނާޢަތުގައި ޙަރަކާތް ތެރިވާ ޒުވާނު މިވަގުތު ތިބީ ނުހަނު މާޔޫސް ކަން މަތީގައެވެ.

ދޮޅުގަޑިއިރުގެ ފިލްމެއް ތައްޔާރު ކުރުމަށް ދެމިލިއަނާއި ދޮޅު މިލިއަނާ ދެމެދުގެ ޚަރަދެއް ހިނގާއިރު ދަރާވިކިގެން އުފައްދާ ފިލްމަށް ލިބެންޖެހޭ ޕްރޮފިޓް ނުލިބި އެދަނީ ފިލްމު އަޅުވާނޭ ސިނަމާތައް ރާއްޖޭގައި ނެތުމުން ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ބުނަމުން ދެއެވެ. އެގޮތުން މާލޭގައި ހުންނަ އޮލިމްޕަސް ސިނަމާ ނޫން ތަނެއް ސަރުކާރުން ގާއިމްކޮށްދީފައި ނެތުމުން ފިލްމު ބަލަން ޝައުގުވެރިވާ ގިނަބަޔަކަށް އެފިލްމުތައް ބެލުމުގެ ފުރުޞަތެއް ނުލިބެއެވެ.

މިސާލަކަށް އޮލިމްޕަހުގައި އަޅުވާ ފިލްމް ބަލަން ހުޅުމާލޭގައި ދިރިއުޅޭ މީހުން މާލެ އައުމަށް ޢުޒުރުވެރިވެއެވެ. އެހެންކަމުން އެއްމެ ސިނަމާއެއްގައި ފިލްމު އަޅުވައިގެން ޚަރަދުވެސް ސަލާމަތެއް ނުވެއެވެ. އެހެންކަމާއެކު ކޮންމެ ވެރިކަމެއް ފެށުމާއެކު ދިވެހި ފިލްމީ ސިނާއަތުގެ އިސް ބައެއް ބޭފުޅުން އެއިރެއްގައި ހުންނަވާ ރައީސްއާއި ބައްދަލުކޮށް މި ދާއިރާ ކުރިއަރުވަން ސަރުކާރުން މަސައްކަތްކޮށް ދިނުމަށް އެދި އެކިއެކި ހުށަޅުންތައް ހުށަޅަމުން ގެންދާ ކަމަށް ވެއެވެ.

ފިލްމީ ދާއިރާގައި އެންމެ ފުންނާބު އިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ޓެޑްރީއާއި ދަރާ ފަދަބޭފުޅުން އެދަނީ ކެނޑިނޭޅި އަންނަ ކޮންމެ ސަރުކާރަކަށް ސަލާމް ޖަހަމުންނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ފިލްމީ ސިނާޢަތު ކުރިއަރާ ދިއުމަކީ ސަރުކާރު އެކަމަށް ފަޚުރުވެރިވާން ޖެހޭ ފަދަ ކަމެކެވެ.

އެންމެފަހުން ނިމިގެންދިޔަ ވެރިކަމުގައި އެބޭފުޅުންނަށް ރައީސާ ބައްދަލުކުރުމުގެ ފުރުޞަތެއް ލިބުނެވެ. އެހެންކަމާއެކު ރައީސްގެ އެދިވަޑައިގަތުމުގެ ދަށުށް އެބޭފުޅުން ތައްޔާރު ކުރި ކޮންސެޕްޓް ވެރިކަމަށް ދެވަނަ ބުރަކަށް ވަޑައިގަނެވިއްޖެނަމަ ތަންފީޒުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އޭގެތެރޭގައި ރާއްޖޭގެ ސަރަހައްދެއްގައި ސިނަމާ އަޅައިދިނުމާއި ދައުލަތާއި ރައްޔިތުންގެ ކުންފުނިތަކުން ސްޕޮންސަރ ލިބޭނެމަގު ތަނަވަސް ކޮށްދިނުމަށް އެދިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ކޮންމެއަކަސް އެ ސަރުކާރު ނިމުނީއެވެ. އެހެންކަމާއެކު މި ދާއިރާ ބޮލަށް ލައިގެން މި ސަރުކާރުގެ ރައީސްގެ އަރިހަށް ދިއުމަށް މިހާރު ދަތުރަށް ތައްޔާރުވަމުން އަންނަކަމުގެ ޚަބަރުތައް ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް