ގާހިރާއިން މިއަދު ހެނދުނު ރޮއިޓާރސް އިން ދީފައިވާ ޚަބަރުތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އިސްރާއީލް-ގައްޒާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ޔޫ. އެން. އަށް ހުށައެޅި ގަރާރު ސެކިއުރިޓީ ކައުންސިލުން ފާސްކުރުމުން ޙަމާސްއާއި ޕެލަސްޓައިން އޮތޯރިޓީންވެސް (މަހުމޫދު އައްބަސް ފެކްޝަން) އެކަމަށް މަރްޙަބާކިޔާކަން ހާމަކުރި ޚަބަރެވެ.
ހަމާސް އިން ބުނެފައިވަނީ އެ ގަރާރުގައި އެކަށައަޅާފައިވާގޮތަށް ކަންތައް ފުރިހަމަ ކުރުމަށްޓަކައި އިޚްތިޔާރުކުރެވޭ މެދުވެރިންނަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ.
މިދިޔަ ހޯމަދުވަހު އެމެރިކާގެ މިތުރު އިސްރާއީލުގެ ބޮޑުވަޒީރު ގޮތްދޫނުކޮށް ހަނގުރާމަ ކުރުން ނުހުއްޓާނެކަން ޢިއުލާން ކުރުމާއި ގުޅިގެން ޙަމާސްއިން ބުނެފައިވަނީ ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި އެއީ ރައްކާތެރި ޝަހަރަކަށް ވުމުން މެނުވީ އެ ގަރާރު ގަބޫލު ނުކުރާނެ ކަމަށެވެ.
ޙަމާސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން ހުށައެޅި ގަރާރުގައި ހިމެނޭ:
ހ. ދާއިމަށް ހަނގުރާމް ހުއްޓާލުމާއި
ށ. އިސްރާއީލުގެ ސިފައިން އެއްކޮށް ގައްޒާއިން ބޭލުމާއި
ނ. ޖަލުގައި ބަންދު ކޮށްފައި ތިބި މީހުން މިނިވަންކުރުމާއި
ރ. ގައްޒާ އަލުން އިމާރާތްކޮށް އާރާސްތުކުރުމާއި
ބ. ވިއްސި ވިހާލި ކޮށްލާފައިވާ ގައްޒާގެ އާބާދީ އެމީހުންގެ ވަޒަނަށް ގެނައުމާއި
ޅ. ގައްޒާގެ ސަރަހައްދީ ޗާޓަށް އެއްވެސް އުނިކަމެއް ނުގެނައުމާއި
ކ. ގައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތަކަށް ހުރަސް ނޭޅުން.
މިކަންތައްތައް އެއްވެސް ޝަރުތެއްނެތި ގަބޫލު ކުރާނެ ކަމަށާއި އަދި މިއީ ޙަމާސްއިން ބޭނުން ވެގެން އުޅޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައް ކަމަށެވެ.
ޔޫ. އެން. އިން ފާސްކުރި މިގަރާރަކީ އެމެރިކާގެ ރައީސް ބައިޑްން މިހުސްވި މަހުގެ ތެރޭގައި ވަކި މަރުހަލާތަކަކަށް ބަހާލައިގެން މައްސަލަތައް ހައްލުކުރަން ގޮވާލައި ހަނގުރާމަ ހުއްޓާލަން އެކުލަވާލި ގަރާރެކެވެ. އިސްރާއީލުން ބުނެފައިވަނީ ޙަމާސް ނެތިގެން ދާންދެން ހަނގުރާމ ަކުރުން ހުއްޓާ ނުލާނެ ކަމަށާއި އަދި އެނޫންގޮތަކަށް ފާސްކުރާ އެއްވެސް ގަރާރަކަށް އިސްރާއީލުން ބޯ ނުލަނބާނެ ކަމަށެވެ. އިސްރާއިލަށް ރައްދު ދީ ޙަމާސްއިން ބުނެފައިވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ކުރުން ހުއްޓާލުން ކަނޑައަޅާ ދުވަހަކާ ހަމަޔަށް ހަމާސް އިންވެސް އެއްބަސް ނުވާނެ ކަމަށެވެ.
އެމެރިކާއިން ހުށައެޅި ގަރާރު ފާސްކުރުމާ ގުޅިގެން ހަމާސްއިން ބުނެފައިވަނީ އެ ގަރާރު ތަންފީޒުކުރެވޭނެކަމަށް އުންމީދުކުރާ ކަމަށާއި އަދި އެކަމުގައި ހަމާސް އިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ވެސްޓްބޭންކުން ޕެލަސްޓިން އޮތޯރިޓީގެ ސަރުކާރުން ބުނެފައިވަނީ ފަލަސްތީނުގެ ބިންތައް މިނިވަންކުރަން ބައިނަލް އަގްވާމީ ދުނިޔެއިން ގޮވާލާ ކޮންމެ ގޮވާލުކަމަށްއި ފާސްކުރާ ކޮންމެ ގަރާރަކަށް ތާއީދުކުރާނެ ކަމަށެވެ.
އެމެރިކާއިން ހުށައެޅި ގަރާރަށް ސަލާމަތީ ކައުންސިލްގެ 14 މެމްބަރުންގެ ރުހުން ލިބުނެވެ. ވޯޓު ދެއްވަން ބޭނުންފުޅު ނުވީ ރަޝިޔާގެ ސަފީރެވެ.