ތައިލެންޑުގެ ކުންފުންޏަކުން އުފައްދާ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލެއް ހިމެނޭތީ ސަމާލުވާން އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް އޮތޯރިޓީއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ ތައިލެންޑުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ seven stars pharmaceutical co. ltd އިން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ sorbitol (އެކްސީޕިއެންޓެއް) ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާތީ ތައިލެންޑުގެ ބޭސް ރެގިއުލޭޓުކުރާ އޮތޯރިޓީިން ރިކޯލްކޮށް އެކަން ހިއްސާކޮށްފައިވާ ކަމަށެވެ.
މި ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓުކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށާއި ނަމަވެސް ތައިލެންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލެންޑުން ބޭސް އެތެރެކުރާތީ މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުންދާނެ ކަމަށާއި މިކަމާގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރުން (7200321) ލިބޭނެކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.