ބޮޑުވަޒީރު ނަތަންޔާހޫގެ ސިޔާސީ މަންފާއަށްޓަކައި އިސްރާއީލް- ފަލަސްތީނުގެ ހަނގުރާމަ ދިގު ދަންމަނީ ކަމަށްބުނެ ދީފައިވާ ބަސްދީގަތުމަކަށް ރައީސް ބައިޑްންވެސް އެއްބަސްވާކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައި ވާތީ ސޯޝަލް މީޑިއާގައި ކޮންޒަރވޭޓިވް ލީޑަރުންގެ ފާޑުކިއުން ރައީސް ބައިޑްންއަށް އަމާޒުވަމުން އެބަދެއެވެ.
އިސްރާއީލުގެ ބައެއް ސިޔާސީ ފަރާތްތަކުން މި ވިސްނުން ގެންގުޅޭކަން އެނގިފައިވާކަމަށް ޓައިމްސް މަޖައްލާއިންވެސް “ އެއީ ތެދެއްކަމަށް މަނިކުފާނު ގަބޫލު ކުރައްވަމު ތޯ “ ރައީސް ބައިޑްން އަށް ވަނީ މި ސުވާލު ކުރިމަތި ކޮށްފައެވެ.
ޖަވާބުގައި ވިދާޅުވެފައިވަނީ ހަނގުރާމަ ފެށުމުގެ ކުރިން އަހަރެންވެސް އެކަމަށް އެއްބަސް ވާނަމެވެ. އެކަމަކު ފަހުން މިވީ ގޮތަކީ އިސްރާއީލުގެ މިލިޓްރީން ގާނޫނު އަސާސީ އާއި ކޯޓުތަކުގެ ބާރާއި ބަދަލުކުރަން ބޭނުން ވީއެވެ. އެހިސާބުން ދާޚިލީ ބޮޑު ކުރިމަތިލުން ތަކެއް ސަރުކާރަށް މެދުވެރިވީއެވެ. މިހާރު ކަންތައް މިދާގޮތުން އެއްވެސް އެއްޗެއް ބުނާކަށް ނޭގެއެވެ.
ރައީސް ބައިޑްންގެ މިޖަވާބު ވަރަށް ގިނަ ބައިނަލް އަގްވާމީ މީޑިއާއިންވެސް ސިފަކޮށްފައި ވަނީ ތަންދޮރު ނޭންގޭ މީހަކު ދައްކާ ވާހަކައެއްގެ ގޮތުގައެވެ.
ދަ ސްޕެކްޓޭޓަރުގެ އެޑިޓަރ ސްޓެފަން އެލް. މިލަރ އެކްސް ގައި ލިއެފައިވާ ލިއުމެއްގައި ބުނެފައި ވެއެވެ. “ އިސްރާއީލުން ބުނަނީ ރަފާޙް ގައި ތިބި ރަހީނުން މިނިވަންކުރަން އެ ޝަހަރަށް އަރައިގަންނަނީ ކަމަށެވެ.
ރައީސް ބައިޑަން އަންގަވަނީ މަޑުކުރާށެވެ. ދެންފެނުނީ ގައްޒާގައި ޙަލާކުވެފައިވާ ޖެޓީއެއްގެ މަރާމާތު ކުރުމުގެ މައްސަލާގައި ޚާރިޖީ ވަޒީރު ބްލިންކަން މިސްރަށާއި ގަތަރަށް ފޮނުވި ތަނެވެ.
އެންމެފަހުން އިސްރާއީލަށް މުޚާތަބުކޮށް އެބުނީ ކަލޭމެން ނުވެސް ފަށާ ހަނގުރާމައެއް ދިގުދަންމަން ތިޔަ މަސައްކަތް ކުރަނީއެވެ. ފަހެ މިއީ ތަނެއް ދޮރެއްނޭންގޭ އަދި އަނެކުންގެ ޙާލަތު ބޮލަށް ނުވަންނަ އަނިޔާވެރި ސިޔާސީ ސޯޝިއޯޕެތިކް އެއް ( އެމީހަކު ދެކޭގޮތްނޫން އެހެން ވިސްނުމެއް ބޮލަށް ނުވަންނަ މަރުމޯލެއް ) ހެއްޔެވެ؟
އެމެރިކާގެ ސިޔާސީ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ރައީސް ބައިޑްން ކަންތައް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނަށް މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެ ހުރިހާ މަގެއް އިޚްތިޔާރު ކުރައްވަމުންނެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމުގައި އިސްރާއީލުގެ ދައުރަކީ އެއްއިރެއްގައިވެސްސިއްރެއް ނޫނެވެ.
ރިޕަބްލިކަން ސެނޭޓަރ ޓެޑް ކުރޫޒް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ރައީސް ބައިޑްން އިސްރާއީލަށް ވެދޭ އެހީތައް ނުފުދޭތީ ދޮގުވެރިއެކޭ ބުނެ ބަހުގެ ޙަމަލާތަކެއް ދީފައިވެއެވެ.
ސިޔާސީ ވެށީގައި އެމެރިކާގެ ރިޔާސަތު ކާމިޔާބު ކުރުމުގެ މަގު މިއިން ހާމެވެގެން ދެއެވެ. ޓެޑް ކްރޫޒް އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ތެރޭގައިވެސް ހިމެނޭ އޮމްރީ ސެރެން ބުނެފައިވަނީ ރައީސް ބައިޑްން އަކީ ހަމަ ރަނގަޅަށްވެސް ތަންދޮރު ނުދަންނަ ދެބަންދިހާރެއް ކަމަށެވެ.
އެމެރިކާގެ މީޑިއާއަށް ބަލާލާއިރުވެސް ފެންނަނީ ހަމަ މިކަހަލަ މަންޒަރެކެވެ. ފޮކްސް ނިއުސްގެ އިސްމީހުން ދެކޭގޮތުގައި ރައީސް ބައިޑްން މަސައްކަތް ކުރައްވަމުންގެންދަވަނީ އިސްރާއީލް- ފަލަސްތީނުގެ ހަނގުރާމަ ހުއްޓުވައިގެން ރިޔާސީ އިންތިޚާބުގެ ކުރިން ބައިނަލް އަގްވާމީ ހީރޯ އަކަށް ވާށެވެ.
ރައީސް ބައިޑްންގެ ވާހަކަފުޅުގައި ހަގުރާމަ ނުހުއްޓުވުމުގެ ހުރިހާ ބަދުނާމެއް އަޅުވަނީ ނަތަންޔާހޫ ބޮލުގައެވެ. އެހަނގުރާމަޔަށް ބޭނުންވާ ހުރިހާ ހަކަތައެއް ބޮމެއް ފައިސާގެ ބޮޑުބައެއް ދެމުންގެންދަނީ އެމެރިކާއިންނެވެ. އެމެރިކާއިން ބޭނުންވެއްޖެ ހިނދެއްގައި ގާޒާގެ ގަތުލު އާނމު ހުށްޓުވޭނެއެވެ.