ޒީ… 1

Loading

Facebook
Twitter
WhatsApp

”ދުއިސައްތަ ރުފިޔާ.“ ފައިވާން ހިފައިގެން ކައުންޓަރުދޮށަށް އައި ކަސްޓަމަރުގާތުގައި އަހަރެން ބުނީމެވެ.

”ޓްރާންސްފަރ ކޮށްލާނީ.“ އެވަގުތު އަހަރެންނަށް ސިއްސައިގެންގޮސް އެ މޫނަށް ބަލައިލެވުނެވެ. 

”ޒީ!“ ހައިރާންކަމާއެކު ދެމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

”މިއޮތީ ނަމްބަރު!“ އަހަރެން ދައްކާލީ ޓްރާންފަރ ކުރަންވީ ނަމްބަރާއި ވައިބަރ ކުރަންވީ ނަމްބަރެވެ. 

ސްލިޕް ފޮނުވާފައި އޮންނާނެއޭ ބުނެފައި ހިނިތުންވުމެއް އަހަރެންނަށް ހަދިޔާކުރުމަށްފަހު އޭނާ ނުކުމެގެން ހިނގައްޖެއެވެ. ބަހެއްވެސް ބުނާނެ ކުޅަދާނަކަމެއް އަހަރެންނަކަށް ނުލިބުނެވެ. ގަނޑުވެފައި އެތައް އިރަކު އިނދެވުނެވެ. 

އަހަރެންނަށް ހޭވެރިކަންވީ ވައިބަރުން މެސެޖެއް ލިބުމުންނެވެ. ކުއްލިއަކަށް ޚިޔާލަށް އައީ ދެންމެ ވައިބަރކުރި ސްލިޕުގައި ޒީގެ ނަމްބަރު އޮންނާނެ ކަމެވެ. ނަމްބަރު ބަލައިލުމަށްފަހު އަހަރެންގެ ފޯނުގައި އެ ނަމްބަރު ސޭވް ކޮށްލުމަށް ފިތާލި ވަގުތު އަހަރެންގެ ހިތް ވަގުތުކޮޅަކަށް ހުއްޓުނު ކަހަލައެވެ. އޭނާގެ އަސްލު ނަމަކީ ނާޒިމާއެވެ. ނަމަވެސް ވައިބަރުގައި ޖަހާފައި އޮތީ އަހަރެން އޭނާއަށް ލޯބިން ކިޔައިއުޅޭ ނަމެވެ. ”ޒީ“އެވެ. ފޮޓޯއަކަށް ލާފައި އޮތީ އޭނާ އަހަރެންނަށް ދިން ހަމައެކަނި ފޮޓޯއެވެ. ކުޑައިރުގެ ފޮޓޯއެކެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ދަތި ގޮތަކަށް ހިން ދިރުވާލެވުނެވެ. ޒީ އަދިވެސް އަހަރެންގެ ހަނދާން ކުރަނީ ހެއްޔެވެ؟ އެ ހަޔާތަށް އެހެން މީހަކު ނާންނަނީ ބާވައެވެ؟ އޭނާ ލޯބިވަނީ އަދިވެސް އަހަރެންދެކެ ބާވައެވެ؟

”އޭ ކިހިނެއްވެފަ؟“ އަހަރެންނަށް ޚިޔާލީ ދުނިޔޭން ނުކުމެވުނީ އިއްބެ އައިސް އަހަރެންގެ ކޮނޑުގައި ޖަހައިލުމުންނެވެ.

”ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ.“ ނިތްކުރިމަތީގައި ފިރުމައިލަމުން އަހަރެން ބުނީމެވެ.

އަރާމުކޮށްލަން ގެއަށް ދާށޭ އިއްބެ ބުނުމުން އަހަރެން ދިޔައީ ގެއަށެވެ. އިއްބެ ނުބުންޏަސް އަހަރެންނަށް ގެއަށް ދެވުނީހެވެ. އަހަރެންގެ ބައްޕައާއި ދޮންބައްޕަގެ ވިޔަފާރިއެއްވިއްޔާއެވެ. އެ ފިހާރައިގެ ކަންކަން ބަލަހައްޓަން އަހަރެންނާ ހަވާލުކޮށްފައި އޮތަސް އަހަރެން މަސައްކަތްކުރަނީ އެހެން މުވައްޒަފުންނެކޭ އެއްފަދައިންނެވެ. ތަން ފޮޅައި ސާފުކުރުމުން ފެށިގެން އެތަނުގައި އަހަރެން ނުކުރާ އެއްވެސް މަސައްކަތެއްނޯންނާނެއެވެ. 

ގެއަށް ދިޔައިރު މުޅި ގޭތެރެ އޮތީ ފަޅުކޮށެވެ. ރީނާގެ ކޮއްކޮ ހަނާވެސް ގެއަކު ނެތެވެ. އޭނާ ވާނީ ވަޒީފާ އަދާކުރާ ފިހާރައަށް ގޮހެވެ. އެންމެން ގެއަށް އައިސް ހަމަވާނީ މެންދުރުން އަނބުރައި ތިނެއްޖަހާ އެހާކަންކާއިރެވެ. ބަދިގެއަށް ވަދެ ފިނި ޖޫސްތައްޓެއް ހަދައިލައިގެން ސޯފާގައި އިށީނދެލީމެވެ. ހަމަހިމޭންކަން ކަނޑުވައިލުމަށް ޓީވީ ހުޅުވައިލީމެވެ. ހަމަޖެހިލައިގެން އިށީނދެ ޒީއަށް ވައިބަރުން މެސެޖެއް ކޮށްލީމެވެ.

”ޒީ! ކިހިނެއްތަ ހާލު؟“ ހަމަ ފޮނުވުމާއެކު މެސެޖު ކިޔައިފިއެވެ.

”ރަނގަޅު! ރީހާން ކިހިނެއް؟“ ވައިބަރުގައިވާ އަހަރެންގެ ކުޑައިރުގެ ފޮޓޯއާއި ނަމުން އަހަރެން މީ ކާކުކަން ޒީ ދެނެގަތެވެ.

އެދުވަހު ދެމީހުން ދެގަޑިއެއްހާއިރު ޗެޓުކުރީމެވެ. ވަރަށް ގިނަ ވާހަކަތައް އެކަކު އަނެކަކަށް ހިއްސާކުރީމެވެ. ނަމަވެސް ހަޔާތުގެ އެންމެ މުހިންމު ވާހަކަތައް ފަހަށް ބެހެއްޓީ ބައްދަލުވާ ދުވަހަކުން ކިޔައިދިނުމަށް ވައުދުވެފައެވެ.

”ކޮން އިރަކުން ދިމާވާނީ އެހެންވީމަ؟“ އިސްވެ ސުވާލުކުރީ ރީހާނެވެ.

”މިގެއަށް އަންނަންވީނު މިރޭ! އޯކޭތަ؟ އެގަޑީގަ މިގޭ ދައްތަވެސް ނޫޅޭނެ ގެއަކު. މިގޭގަ އުޅޭހާވެސް ބަޔަކީ ޒީއާ ދައްތައާ.“ ޒީ ބުންޏެވެ.

އަހަރެން އާނއެކޭ ބުނީ ޖެހިލުންވެ ހުރެއެވެ. އެކަމަކުވެސް އެއީ އެންމެ ރަނގަޅު ގޮތޭ ހިތަށްއެރިއެވެ. ކޮފީ ޝޮޕަކަށް ގޮސް އިންދައި ފެންނަންނުވާ ކަހަލަ މީހަކަށް ފެނިއްޖިއްޔާ އަރާނީ ހިތަށްވެސް ނާރާ ކަހަލަ އަޑުތަކެކެވެ. ގެއެއްގެ ތެރޭގައި އިނިއްޔާ ފެންނާނީ އެގެއަށް ވަދެނުކުމެވާ ބަޔަކަށްތާއެވެ.

އަހަރެން ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ގަޑި ބަލައިލީމެވެ. އެގާރަގަޑިބައި ވީއެވެ. މެންދުރު ނަމާދަށް ދިއުމަށްޓަކައި އަހަރެން ވަނީ ފެންވަރާށެވެ.

މުޅި އެދުވަހުގެ ހަތަރުދަމުވެސް އަހަރެންނަށް އެކި މީހުންގެ ފަރާތުން އަމާޒުވީ އެއް ސުވާލެކެވެ. އަހަރެންނަށް ހުރީ ކިހިނެއްވެފައި ތޯއެވެ. އަހަރެންނަށް އަމިއްލަ ނަފުސާވެސް ސުވާލު ކޮށްލެވުނެވެ. އަހަރެންނަށް ހަގީގަތުގައިވެސް އެހާ ބޮޑު ބަދަލެއް އައީ ހެއްޔެވެ؟ ތުންތުންމަތިން ޚަބަރު ގޮސްގެން ބައްޕަ އަހަރެންގެ ހާލު ބަލަން އައެވެ.“މަންމަ“ ވެސް ގުޅިއެވެ. އަހަރެންނަށް ކިރިޔާ ކަމެއް ވާއިރަށް އެންމެ ދެރަވާނީ މަންމައެވެ. އަހަރެންގެ އުފަން މަންމަ ނޫނަސް އެއީ މިހާރު އަހަރެން މަންމަ ކަމަށް ދެކޭ މީހާއެވެ. އެއީ އަހަރެން ގެންގުޅެ ބޮޑުކުރި ދޮންބައްޕަގެ ދޮށީ އަނބިމީހާއެވެ. އަހަރެންގެ މަންމަ މަރުވުމުން އަހަރެންނަށް މަންމައެއްގެ ލޯބި ދިން މީހަކީ އެއީއެވެ. އެ ދެމަފިރިންގެދަރިންނާއި އަދި އަހަރެންގެ މަންމައާއި ދޮންބައްޕައަށް ލިބިފައިވާ އަހަރެންގެ ކޮއްކޮއާ އަހަރެން އެއްވެސް ތަފާތެއް ނުކޮށެވެ. 

ރައްޓެއްސަކާ ބައްދަލުކޮށްލަން ކަމަށް ރީނާ ގާތުގައި ބުނެފައި އަހަރެން ގޭން ނުކުތީމެވެ. ކަނޑައެޅި ގަޑިއަށް ޒީ އުޅޭ ގެއަށް އަހަރެން ދިޔައިމެވެ. ދެވަނަ ފަންގިފިލާގެ ރަނގަބީލު ޖަހައިލުމުން ދޮރުހުޅުވައިދިނެވެ. އަހަރެން ވަނީމެވެ.

Loading

One Response

  1. ތަފާތު ކޮށްލީ ދޯ. ކިޔާލަން ރަނގަޅު ވާކައެކެވެ. ހަމަ ވަރަށް ލައިކް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް