ތިމާވެށީގެ ދުވަހާއި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ”ފެނުން ދިރުން“ ނަމުގައި ކުރެހުމުގެ މުބާރާތެއްއިފްތިތާހުކޮށްފިއެވެ.
މި މުބާރާތް ކުރިއަށް ގެންދާނީ އެމްޑަބްލިޔުއެސްސީއާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް، އެންސީއޭ ގުޅިގެންނެވެ.
އެގޮތުން ރޭ ސަލްޓަން ފާކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
އެމްޑަބްލިޔުއެސީން ބުނީ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު 18 އަހަރުން މަތީ ކޮންމެ ބޭފުޅަކަށްވެސް ހުޅުވާލާފައިވާ ކަމަށާއި މި މުބާރާތުގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓާ ކޮށް އަދި މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަކަށް ފައިސާގެ އިނާމެއް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.
އެގޮތުން އެއް ވަނަ އަށް ހޮވޭ ފަރާތަށް 50,000 ރުފިޔާ، ކަނޑައަޅާފައި ވާއިރު ދެ ވަނަ އަށް ހޮވޭ ފަރާތަށް 35،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވޭ ފަރާތަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ.
އެމްޑަބްލިޔުއެސީން ބުނީ އެއްވަނަ ދެވަނަ ތިންވަނައިގެ އިތުރުން އެންމެ މޮޅު ފަސް ކުރެހުމެއް ހޮވައި އެ ކުރުހުންތަކަށްވެސް ފައިސާގެ އިނާމު ދޭން ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން އެ ފަސް ކުރެހުން ހޮވާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ފަސް ކުރެހުމަށް ބެލުމަށް ފަހުގައި ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން އެމްޑަބްލިޔުއެސީން ބުނީ މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް އާންމުންނަށް ދައްކާލުމަށްޓަކައި ނެޝަނަލް އާޓްސް ގެލަރީގައި ހާއްސަ މައުރަޒެއް ޖުލައި މަހުގެ 27 އިން 30 އަށް ބާއްވާނެ ކަމަށާއި މި މުބާރާތުގައި ބައިވެރި ކުރެވޭ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައި ކުރެހުންތައް ވިއްކުމުގެ ފުރުސަތުވެސް އެގްޒިބިޝަންގައި އޮންނާނެ ކަމަށެވެ.
ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15 ޕަސަންޓު ލިބޭނެ ކަމަށާއި ބާކީ 85 ޕަސަންޓު ބޭނުން ކުރާނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށް ކަމަށްވެސް އެމްޑަބްލިޔުއެސީން ހާމަކުރެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި ކުރެހުމުގެ މުބާރާތް އިންސާފު ކުރުމަށް ހަމަޖެހިފައިވަނީ އެންސީއޭ އިން އެކުލަވާލައިފައިވާ ކުރެހުމުގެ ދާއިރާއިން ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލަކުން ކަމަށެވެ.