އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި އިންޑިއާއިން ތައްޔާރުކޮށްފައިވާ ބޮންތަކެއް ބޭނުންކުރަމުން ގެންދާކަން ހާމަވެއްޖެއެވެ.
މިގޮތުން، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގައި ހުރި ޔޫއެން ޝެލްޓަރ އަކަށް ވައްޓާލި ބޮމެއް ގޮވުމަށްފަހު އޭގެ ބައިތަކުން “މޭޑް އިން އިންޑިއާ” ތައްގަނޑުވަނީ ފެނިފައެވެ.
ސޯޝަލްމީޑިއާގައި ވައިރަލްވި ވީޑިއޯއަކުން ބޮން ގޮއްވާލި ސަރަހައްދު ފެންނައިރު، ނުސެއިރަތުގައި ހުރި މިއިމާރާތް ބިމާއި ހަމަވެފައިވާތަން ފެނެއެވެ. މިއީ ޔޫއެންއާރްޑަބްލިއުއޭ އިން ނުސެއިރަތުގައި ހަދާފައި ހުންނަ ސްކޫލެއް ނަމަވެސް، އެތަން ބޭނުންކުރަމުންދިޔައީ 6000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންނަށް ހިޔާވެހިކަންދޭ ޝެލްޓަރ އެއްގެ ގޮތުގައެވެ.
މެއިމަހުގެ ރެކޯޑުތަކުން ދައްކާގޮތުގައި، އިންޑިއާގެ ދިފާޢީ ވުޒާރާގެ ސީދާ ލަފާގެ މަތީން ކުންފުންޏެއް ކަމުގައިވާ މިއުނިޝަންސް އިންޑިއާ ލިމިޓެޑް (އެމްއައިއެލް) އަށް ވަނީ އިޒްރޭލަށް ހަތިޔާރު ބޭރުކުރުމުގެ ހުއްދަ ދީފައެވެ. ހަމައެގޮތުން، އިންޑިއާގެ ޕްރައިވެޓް ކުންފުންޏެއްކަމުގައިވާ ޕްރިމިއާރ އެކްސްޕްލޯސިވްސް ލިމިޓެޑް (ޕީއީއެލް) އަށްވަނީ ގޮވާ ޒާތުގެ ތަކެއްޗާއި އެހެނިހެން ގުޅޭ ހަތިޔާރު އިޒްރޭލަށް ފޮނުވުމުގެ ހުއްދަ ދީފައެވެ.
މީގެއިތުރުން، 2019 ޗަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދު އިންޑިއާގެ ބޮޑު ވިޔަފާރިވެރިޔާ، ގޯތަމް އަދާނީގެ އަދާނީ ޑިފެންސް އެންޑް އެރޯސްޕޭސްއާއި އިޒްރޭލުގެ އެލްބިޓް ސިސްޓަމްއިން ގުޅިގެން މަދުވެގެން 20 އެރްމޭސް 900 ޔޫއޭވީ އިޒްރޭލުގެ އަސްކަރީ ބޭނުންތަކަށް ފޯރުކޮށްދީފައިވެއެވެ
.