ގއ.ދިޔަދޫ އަކީ އަދިވެސް ފަޅުރަށެއް ނޫނެވެ.

Loading

Facebook
Twitter
WhatsApp

ގއ.ދިޔަދޫގެ ރައްޔިތުން ރާއްޖޭގެ އެކި ރަށްރަށަށް ބަދަލުކުރިތާ 16 އަހަރު ވެގެން ދިޔަ އިރު އަދިވެސް އެރަށަކީ ފަޅުރަށެއް ނޫނެވެ. ދިޔަދޫ އަކީ ބުނެވޭ ގޮތުގައި 18 ވަނަ ގަރުނުގައި އާބާދީ ބޮޑުރަށެކެވެ. އެ ރަށު ރައްޔިތުން މައިގަނޑު ގޮތެއްގައި އޭރުގެ ކޮށް އުޅުނު މަސައްކަތަކީ މަސްވެރިކަމެވެ.

ދިޔަދޫއަކީ ދިގުމިނުގައި މޭލެއް، އަދި އެންމެ ފުޅާދިމާގައި ބައިމޭލު ހުރި ރަށެކެވެ. އެ ރަށުގެ ޖަންގައްޔަށް ބަލާލުމުން އެރަށަކީ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރި އުޅުނު ރަށެއްކަން އެނގެއެވެ. ޖަންގަލީގެ ކޮންމެ ދިމާއަކުންވެސް ފެންނަނީ ގަދީމީ ޢިމާރާތްތަކުގެ އަސަރުތަކާއި ވަޅުވަޅާއި ގާފޮޅުތަކެވެ. އެރަށުގައި ދިރިއުޅުނު ވަރަށް މުސްކުޅި ޢުމުރުގެ މީހަކު ސިފަކޮށްދިން ގޮތުގައި އޭނާގެ ހަނދާނުގައި ވެސް އެރަށުގައި ދެޖިންސްގެ ފަސްސަތޭކައެއްހައި ރައްޔިތުން ދިރި އުޅުނެވެ.

މިދެންނެވި ޢުމުރުންދޮށީ މީހާ އޭނާގެ މުނިކާފަޔާ ޙަވާލާދީ ބުނީ އެރަށުގެ 7 މިސްކިތެއްގައި ހުކުރު ކުރި ކަމަށެވެ. އެޒަމާނުގައި ހުކުރުކޮށް އުޅެނީ 40 ފިރިހެނުން ހަމަވާނަމައެވެ. އެޒަމާނަކީ ބައްޔެއްވެއްޖެނަމަ ޙަކީމީ ބޭސް ފަރުވާދީގެން ރައްޔިތުންނަށް ޖެހޭ ބަލިތައް ރަނގަޅު ކުރި ޒަމާނެވެ. އެހެނަސް ދިޔަދޫގައި ތިބި ޙަކީމުން މަރުވެ ގޮސް އެކި ރަށްރަށުން ޙަކީމުން ގެނެސްގެން ބޭސްފަރުވާ ހޯދި ދުވަސްވަރު ރަށުގެ އާބާދީ މަދުވަމުން ގޮސްފައިވެއެވެ.

ޢުމުރުން ދުވަސްވީ މިދެންނެވި ބެއްޔާއަކީ ފަންޑިތަ ހަދައިގެން ރައްޔިތުންނަށް ޖެހޭ ބަލިތައް ފަސޭހަކޮށްދޭ އެރަށުގެ ރައްޔިތުންގެ ލޯތްބާއި އިޙުތިރާމު ލިބިފައިވާ ފަންޑިތަ ވެރިއެކެވެ. އޭނާ ކިޔައިދިން ގޮތުގައި އެރަށުން ކޮންމެ މަހަކު މަދުވެގެން ހަތް އަންހެން ކުދިން މީހުނާ ކައިވެނި ކުރެއެވެ.

އޭރު މީހުނާ ކައިވެނި ކޮށްދިނުމުގެ ކުރިން ކުރާ އެހެން ސަގާފަތެއް އޮވެއެވެ. އެއީ ލިބާސް ލައްވާ ވަގުތު އެ އަންހެންކުއްޖާއާއި ކައިވެނިކުރަން ހަމަޖެހިފައިވާ މީހާ އަންހެން ކުއްޖާ ލައްވާ ލިބާހުގެ އުނގުތެރެއަށް މަސްއަރިއެއް ލާނެއެވެ. އެހެނަސް ކައިވެނި ކުރަނީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ.

އަޅުގަނޑު ދަންނަވަން މިއުޅެނީ މިވާހަކަ ތަކެއް ނޫނެވެ. ދިޔަދޫ ފަޅުވާން ދިމާވި ގޮތުގެ ކުރު ޚުލާޞާއެކެވެ.

1950ގެ އަހަރުތަކަކީ ދެވަނަ ބޮޑުހަނގުރާމަ ނިމި މުޅިރާއްޖެ ބަނޑަށްޖެހިގެންދިޔަ ހިތާމަވެރި ކަރުނައިން ލޯތައް ތެމިގެން ދިޔަ ދުވަސްވަރެކެވެ. ރާއްޖޭގެ ރައްޔިތުންނަަށް ކާޑުގެ ބާވަތްތައް ނުލިބުމުގެ ސަބަބުން ގިނަބަޔަކު މިދުނިޔެ ދޫކުރަން ޖެހުނު މިދެންނެވި މާޟީގައި ދިޔަދޫ އިންވެސް ގިނަބަޔަކު ވަނީ މަރުވެގޮސްފައެވެ.

އެއީ މަގޫފަތާއި ކެޔޮދަޅިއާއި ބަނބުކެޔޮތޮޅި ކައިގެން ބަނޑުފުރާނަ މުއްތިކުރި ކަރުނައިގެ ދުވަސްވަރެކެވެ. އެދުވަސްވަރު މަސްވެރިކަން ވެސް އޮތީ ވަރަށް ދަށުގައެވެ. އެހެނަސް ދިޔަދޫއަކީ ރުއްގަސް ގިނަ ރަށަކަށްވާތީ ދިޔަދޫގެ ރައްޔިތުން އެހާވަރަށް ބަނޑަކަށް ނުޖެހެއެވެ. ހަކުރާއި ކާށްޓާއި ބަނބުކެޔޮ އަދި ބަރަބޮލާއި ޒުވާރިއާއި ދޮނަޅައާއި ކައްޓަލައިގެ އިތުރުން އޮޅުއަލަވެސް ދިޔަދޫގައި ހައްދަމުން ދިޔައެވެ.

އެހެންކަމާއެކު އެދުވަސްވަރު ވެސް ދިޔަދޫ ރައްޔިތުން މަގޫ ފަތް ކާކަށް ނުޖެހުނެވެ. ދިޔަދުއަކީ ފަރުމަހުގެ މަސްވެރިން ގިނަ ރަށެކެވެ. އެހެންކަމުން ދިޔަދު އަށް އަތޮޅުގެ ރަށްތަކުން އެހީތެރިކަމަށް އެދިގެން އައިސް އުޅުނު ކަމަށް ދިޔަދޫގެ މުސްކުޅިން ބުނެއެވެ.

(ނުނިމޭ)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް