ރައީސްގެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ފޮރިން މިނިސްޓަރު

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީ, ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިއްޔެ ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.

އެ ދައުވަތު ގަބޫލުފުޅު ކުރައްވައި ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރޭގެ ވަގުތެއްގައި ރައީސް ޑރ.މުޢިއްޒުގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވަނީ އިންޑިއާއަށް ފުރާވަޑައިގެންފައެވެ.

ރައީސްގެ މި ދަތުރުފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސްގެ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޒަމީރު މިހެން ވިދާޅުވެފައިވާއިރު, އިންޑިއާ ސަފީރާއެކު އިއްޔެ ރައީސް ޑރ.މުޢިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭ ކަމުގައި ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު މަގާމުގެ ހުވާކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއްކަމުގައި ވެސް ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް