އެމެރިކާގެ ކުރީގެ ރައީސް އަދި މިއަންނަ ނޮވެމްބަރު މަހު އެމެރިކަގައި ބޭއްވޭ ރިޕަބްލިކަންގެ ރިޔާސީ ކެންޑިޑޭޓް ޓްރަމްޕުގެ ޙަޔާތަށް ބަލާލާއިރު ފެނި ހާމަވެގެންދާ ޙަގީގަތަކީ މުދަލާއި ފައިސާ އަދި ޖާހަށްޓަކައި އިންސާނާ ނުކުޅެދިފައިވާ މިންވަރެވެ. އެމެރިކާގެ ވެރިކަން ލިބުމުންވެސް ޢިއްޒަތާއި ޖާހުގެ ލައްޒަތު ފުދުނު ކަމަކަށް ނުވިއެވެ. އިތުރަށް އަދި މާބޮޑަށް ބޭނުންވީއެވެ.
މިލިނުން ގުނާނެ ފައިސާ ލިބުމުން ފައިސާގެ އަލާކެނޑޭގޮތެއް ނުވިއެވެ. ބިޔަ އިމާރާތްތަކާއި ދަނޑު ފަނގު މިލްކު ކުރެވުމުން ހިތް ފުރޭވަރެއް ނުވިއެވެ. ޒުވާން އުމުރުފުގައި ނިސްބަތުން ރީތި ފިލްމްސްޓާރަކަށް ވެވި މުއްސަނދި ކަމާއި ތަނަވަސްކަން ލިބުމުން ބޭނުންވި ކޮންމެ އަންހެނަކާއި އިނުމުގެ ފުރުސަތު ތަނަވަސްވެފައި އޮތުމުންވެސް ވިޔަފާރިއަށް ވިކޭ އަންހެނުން ކައިރިއަށް ނުގޮސް ނިދިއަންނަ ކަމަކަށް ނުވިއެވެ.
އެންމެފަހުން މީހާ ދަރަނިވެރިވެ ބޭޒާރު ވުމާއި ކުރިމަތިލާން ޖެހުނީއެވެ. ދަރަނި އަދާކުރުމަށް ޓަކައި އަތުގައި ހުރި ހަރުމުދާ ވިއްކަން ބެލިއިރު ގަންނާނެ މީހަކު ނެތެވެ.
މިއީ ފަހުގެ ތާރީޚުގައި ޚާއްސަކޮށް ސިޔާސީ ދަހިވެތި ކަމުގައި ގައުމުގެ ރައްޔިތުންގެ ކަރަށް ފައިން އަރަންވެސް ޖެހިލުން ނުވާ ވެރިންނަށް އިބްރަތްތެރި ފިލާވަޅެކެވެ. އެހެނަސް މި ޢިބުރަތް ލިބިގަންނާނީ ކާކުތޯއެވެ!
އެމެރިކާގެ ކޯޓުގައި މިހާރު ހިނގަމުންދާ ރައީސް ޓްރަމްޕުގެ ޝަރީއަތުގެ އުސް އަލިތަކަށް ބަލާލުން ރަނގަޅެވެ. ދިވެހި ސިޔާސީ ބޭފުޅުން ފިލާވަޅު ލިބިގަތުމަށްޓްރަމްގެ މި ޙާލަތު ދެނެގަތުން ވަރަށް ބޭނުންތެރިއެވެ.
އެއީ ދިވެހި ސިޔާސީ ބޭފުޅުންވެސް ހަމަބިމަށް ތިރިކުރުމަށްޓަކައި ރައްޔިތުންގެ މަސްއޫލިއްޔަތު ދެނެގަތުމަށެވެ. ބޭނުން ނެތުމުން ރައްޓެހި ރަޙްމަތްތެރިން ދުޝްމިނުންނަށް ވުމުގެ ހިތި ތަޖްރިބާއާއި ކުރިމަތިލާން ޖެހިދާނެތީއެވެ.
އަޅުގަނޑުމެންގެ ހަރުބަހެއްގައި ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ނެތުނިއްޔާ ބުނާ އުސޫލުންނެވެ. އަޅުގަނޑުމެންގެ ތެރޭން މިހާރުވެސް މިކަހަލަ މިސާލުތައް ފެންނަމުން ދާތީއެވެ.
ރައީސް ޓްރަމްޕުގެ ޝަރީއަތުގެ މަޖިލީހުން ފެނުނު އެންމެ ފާހަގަކުރެވުނު މަންޒަރަކީ ރައީސް ޓްރަމްޕުގެ ގާނޫނީ ޓީމުގައި ހިމެނުނު މައިކަލް ކޯހެންގެ ހެކިބަސް ދިނުމެވެ.
އޭނާގެ ހެކިބަސް ދިނުން ފަށަމުން އިޢުތިރާފު ވެފައިވަނީ އޭނާ ޢަމަލުކުރަމުން ގެންދިޔައީ ޓްރަމްޕުގެ އެންގެވުމާއި އޭނާގެ ފައިދާގެ މައްޗަށެވެ.
ޕްރޮސެކިއުޓަރުންގެ ސުވާލަށް މައިކަލް ކޯހެން ދިން ޖަވާބަކީ 2016 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އޭނާގެ އަމިއްލަ ޖީބުން މަޝްހޫރު ޕޯރން ސްޓާރ ސްޓޯރމީ ޑެނިއަލްގެ އަނގަ ބަންދުކޮށްފާ ބެހެއްޓުމަށްޓަކައި 130000 އެމެރިކާ ޑޮލަރު ދިންކަމަށެވެ. އެއީ އޭނާއާއި ޓްރަމްޕުގެ ނާޖާއިޒު ގުޅުންތައް ސިއްރު ކޮށްފާ ބެހެއްޓުމުގެ ބޭނުމުގައެވެ. އެ ފައިސާ މިހާރު ވަނީ ޓްރަމްޕް އޭނާއަށްދީ ޚަލާސްކޮށްފައި ކަމުގައެވެ.
ޕްރޮސެކިއުޓަރުންގެ ޒުވާބަކީ އެ ފައިސާއަކީ ޓްރަމްޕުގެ އެކިއެކި ޣައިރުގާނޫނީ ޖިނާއީ ޙަރަކާތްތަކުގެ 34 ޙާދިސާއެއްގެ ލިއެކިއުންތައް ބަދަލުކުރަން ދިން އުޖޫރައެއް ކަމަށެވެ.
2016 ވަނައަހަރު އިންތިޚާބީ ކެމްޕޭނުގައި ޕޯރން ސްޓާރ (ކަސްބީ އަންހެނާ) ސްޓޯރމީ ޑެނިއަލްއާއި ގުޅުން ހުރި ކަންތައްތަކުގައި ފައިސާގެ މުޢާމަލާތް ތަކުގައި ގާނޫނާ ޚިލާފު ވެފައިވާތީ 2018 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ފެޑެރަލް ކޯޓުން މައިކަލް ކޯހެން 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ޙުކުމް ކުރިއެވެ.
ޝަރީޢަތުގައި ޓްރަމްޕް އޯގަނައިޒޭޝަންގައި މައިކަލް ކޯހެންގެ ދައުރަކީ ކޮބައިތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން އޭނާ ޖަވާބު ދެއްވީ އެހެން މީހުންނެކޭވެސް އެއްފަދައިން އޭނާއަށްވެސް ޖެހޭނީ ރައީސް ޓްރަމްޕް އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. ޓްރަމްޕް ހިތްހަމަޖެހޭ ގޮތަށް ކަންތައްކުރުން ނޫން އެހެން ގޮތެއް ނޯވެއެވެ.
ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޓްރަމްޕް ވިދާޅުވެފައިވަނީ ޕޯރން ސްޓާރ ސްޓޯރމީ ޑެނިއަލް އަކީ އަންހެނުންގެ ވޯޓު ހޯދުމުގައި ވަރަށް ބޮޑު ނުރައްކަލަކަށް ވެދާނެކަމަށް ކޯހެން ކޯޓުގައި ދެންނެވިއެވެ.
ކޯހެންގެ ބަޔާނާއި ގުޅިގެން ޓްރަމްޕުގެ ގާނޫނީ ވަކީލުން ކޯޓުގައި ދެންނެވިކަމަށްބުނެފާވަނީ ކޯހެންއަކީ އިތުބާރު ނުކުރެވޭތީ ވަޒީފާއިން ވަކިކޮށްފައިވާ މީހަކަށްވީމާ އޭނާގެ ހެކިބަހަކީ ތެދުކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
2016 ގެ އިންތިޚާބަށް ތައްޔާރުވަމުންދިޔަ ދުވަސްވަރުގައި ކުރީގެ ނޭޝަނަލް އިންކްވަޔަރަރގެ ޕަބްލިޝަރ ޑެވިޑް ޕެކަރ އާއި އޭނާގާތުގައި ގިނަ އަންހެނުންގެ މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އެކަމަށް ތައްޔާރަށް ތިބުމަށް ޓްރަމްޕް އެންގެވި ކަމަށެވެ.
އަދި އެ ކަސްބީ އަންހެނާގެ މައްސަލަ ފެންމަތި ވުމުގެ ކުރިން 2 މައްސަލައެއް ވަޅުޖައްސާލި ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ޓްރަމްޕް ޓަވަރގެ ސެކިއުރިޓީއަކު ޓްރަމްޕް ކުރީގެ ޕްލޭބޯއި މޮޑެލް ކާރެން މެކްޑޯގަލް އާއިއެކު ދިހަވަރަކަށް މަސްދުވަސްވާންދެން ގުޅުން ހިންގައި ނަޙަލާލަށް ބަލިވެ ބޭންދި ކަމަށްބުނެ ފަތުރަމުން ގެންދިޔަ ވާހަކަތަކެއް ކަމަށްވެސް ކޯހެން ކޯޓަށް ބަޔާން ދިނެވެ.
މި ޙާދިސާގެ ވާހަކަ ކާރެން މެކްޑޯގަލް ފަތުރަމުން ގެންދާކަން ޓްރަމްޕަށް އެނގިވަޑައި ގަތުމާއެކު ކޮންމެގޮތެއް ހަދާފައިވެސް އެވާހަކަތައް އޮއްބާލުމަށް އަމުރުކުރެއްވިއެވެ. އެކަމާގުޅޭގޮތުން ޓްރަމްޕާއެކު ކޮށްފައިވާ ބައެއް މުޢާމަލާތު ތަކުގެ ރެކޯރޑިންގވެސް ކޯޓަށް ހުށައެޅިއެވެ.
ޑޭވިޑް ޕެކަރއަށް ޓްރަމްޕް އެންގެވީ ކާރެން މެކްޑޯގަލްގެ ވަކީލު މެދުވެރިކޮށް ކާރެންއަށް ދޮޅުލައްކަ ޑޮލަރު ދީފައި މައްސަލަ ނިންމާލުމަށެވެ. ޕެކަރ އެފައިސާ ހަމަޖެއްސި ނަމަވެސް އަދިވެސް ޓްރަމްޕް އެފައިސާ އަނބުރާ ޑޭވިޑް ޕެކަރަށް ނުދޭކަން އެނގިފައިވާ ކަމަށެވެ.
އެމެރިކާގެ ކޯޓުތަކުގައި ހިނަގަމުންދާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ މައްސަލަތަކުގައި ކޯޓަށް ދައްކަންޖެހޭ ފީ ދައްކާނެ ފައިސާ ނެތިގެން އަތުގައި އޮތް 10 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓްވެސް މިހާރު ވިއްކާލައިފިއެވެ.
ރައީސް ޓްރަމްޕުގެ އެކިއެކި މައްސަލަތަކުގެ ކޯޓުފީއަށް މިހާތަނަށް 500 މިލިއަން ޑޮލަރ ދައްކަންޖެހެއެވެ.
ފެޑެރަލް އޭވިއޭޝަންގެ ރެކޯރޑް ތަކުން ޑޮނާލްޑް ޓްރަމްޕްގެ 1997 ގެ ސެސްނާޖެޓްގެ ރަޖިސްޓްރީ މިހާރު އޮތީ ޓެކްސަސްގެ އެމް އެމް ފްލީޓް ހޯލްޑިންގްސް އަށް ބަދަލު ކޮށްފައެވެ.
އިވޯ ޖެޓްސްއިން ބުނެފައިވާގޮތުގައި ޓްރަމްޕްގެ ޖެޓްގެ މާރކެޓް އަގަކީވެސް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރެވެ.
ޓެކްސަސްގެ އެމް އެމް ފްލީޓް ހޯލްޑިންގްސް އަކީ ޢިމާރާތް ކުރުމުގައި މަޝްހޫރު އެމެރިކަން -އީރާނިއަން މެހެރްދާދް މުޢާޔެދީގެ ކުންފުންޏެކެވެ. ސްޓޭޓުގެ ލިއެކިއުންތަކުން އެނގޭގޮތުގައި މުޢާޔެދީ ދިރިއުޅެނީ ޑަލަސް ކައިރީގައެވެ. ސެންޓޫރިއަން އެމެރިކަން ކަސްޓަމް ހޯމްސް އަކީވެސް އޭނާގެ ވިޔަފާރިއެކެވެ.
ކުރީގެ ރައީސް ޓްރަމްޕަކީ ތިންފަހަރެއްގެ މަތީން ބޭންކްރަޕްސީ ވެފައިވާ ބޭފުޅެއް ނަމަވެސް އެމެރިކާގެ މުއްސަނދިންގެ ތެރޭގައި މިހާރުވެސް ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އެކަމަށް ފަޚްރުވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކާފައި ވެއެވެ.
އެހެންނަމަވެސް އެބޭފުޅާގެ ރިޔާސަތުގައި ކުރެއްވިފައިހުރި ނުރަނގަޅު ކަންތަކަކާއި އޭގެފަހުން އައި ރިޔާސީ އިންތިޚާބުގައި ގެންގުޅުއްވި ނޭއްގާނި ސިޔާސަތު ތަކެއްގެ ސަބަބުން ކުރިމަތިލާން ޖެހިވަޑައިގެންނެވި ގިނަ ޖިނާއީ އަދި މަދަނީ މައްސަލަތަކާހުރެ މުޅި މިލްކިއްޔާތު މިވަނީ ވަރަށް ބޮޑަށް އަރިއަޅާލާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ޓްރަމްޕް ޓަވަރުވެސް ވިއްކާލަން ޖެހިފައިވެއެވެ.
ފޯރބްސް މެގެޒިން އިން އަންދާޒާ ކޮށްފައިވަނީ ޓްރަމްޕްގެ މިލްކިއްޔާތަކީ 2.6 ބިލިއަން އެމެރިކާ ޑޮލަރ ކަމަށެވެ. އެއީ ނަގުދު ގާތްގަނޑަކަށް 426 މިލިއަން ޑޮލަރާއި ހަރުމުދާ ގާތްގަނޑަކަށް 2.1 ބިލިއަން އެމެރިކާ ޑޮލަރެވެ.
ޓްރަމްޕުގެ ހުރިހާ ހަރުމުދާ ވިއްކާލެވިއްޖެނަމަ ކޯޓަށް ދައްކަންޖެހޭ ޖުރިމަނާތަކާއި ވަކީލުންގެ ފީއާއި މައްސަލަތަކާއި ގުޅިގެން އެކިއެކި ފަރުދުންނަށް އަދާ ކުރަންޖެހޭ ދަރަނި އަދާކުރެވޭނެވަރު ވާނއެވެ.
ޑޮނާލްޑް ޓްރަމްޕުގެ ގާނޫނީ ފީގެ އިތުރުން ފައިސާގެ މައްސަލަތަކުގައި ތެދު މަޢުލޫމާތު ސިއްރުކުރުމުން 350 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ކޯޓަށް ދައްކަން ދާދިފަހުން ވަނީ އަމުރުކޮށްފައެވެ.
ޑޮނާލްޑް ޓްރަމްޕް އަކީ އެމެރިކާގެ ގިނަ ރައީސުންނަށް ވުރެން ބޮޑަށް މުސްލިމުންނަށް ނަފްރަތު ކުރެއްވި ބޭފުޅެކެވެ.
2 Responses
ތާކުން ތާކުނުޖެހޭ ވާހަކައެއް ޓުރަންޕް އަތުގަ ފައިސާނެތަސް ހުއްޓަސް އެސެޓް ހުންނާނެ ފައިސާދެވޭ ވަރައް. އޭނަޔަށް ސަޕޯޓް ކޮއްގެން ލިޔުނު ކޮމެންޓެއްނޫން މިއީ
ގަލަން… ލިއުން އެއްކޮށް ކިޔާލާފާ ކޮމެންޓް ކުރިނަމަ މައުލޫމާތު ހުރިކަމަށް އެހެން ކިއުންތެރިން ގަބޫލުކުރީސް. ޓްރަމްޕަގެ މިލްކުގައި 2.1 ބިލިއަން ޑޮލަރުގެ ހަރުމުދާ ހުރިވާހަކަ މި ލިއުން ނިމުނު ހިސާބުގައިވެސް އެބައޮތް ދޯ.
ސަންދާނުގެ މި ލިއުމުގައި ނެތަސް ބައިނަލް އަގްވާމީ މީޑިޔާގައި ޓްރަމްޕުގެ ހަރުމުދާ ވިއްކުމަށްވެސް ހުރަސް އެޅިފައިހުރިކަން އެނގޭ. ޖިނާއީ ދައުވާތަކެއްގެ ތެރޭގައި އުޅޭ މީހަކަށް އެހީ ވެދިނުމަށްވެ ބައެއް މީހުން ދެފަހަރު ވިސްނާނެ.