ޖަރުމަނުގެ ޑްރެސްޑެންގައި ވާހަކަފުޅުދައްކަވަމުން ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން ވިދާޅުވެފައިވަނީ އެމެރިކާއާއި ޗައިނާއާއި ވަކިން ޔޫރަޕުގެ ގައުމިއްޔަތެއް ތައާރުފް ވެފައި އޮންނަން ޖެހޭނެ ކަމަށެވެ.
ޑްރެސްޑެން ސިޓީގެ ޗާރޗް އޮފް އަވަރ ލޭޑީ ގެ ކުރިމަތީގައި ހުންނަވާފައި މެކްރޯން ވިދާޅުވީ ޔޫރަޕުގައި ވަރުގަދަ ގައުމީ ޝަޚްސިއްޔަތެއް އޮންނަން ޖެހޭނެކަމަށާއި ޔޫރަޕަކީ ސުލްޙައާއި ރައްޔިތުންނަށް ޓަކައި ވެރިކަން ކުރުމުގެ ނަމޫނާއެއްކަން ދުނިޔެއަށް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިވަގުތު ޔޫރަޕުގެ މިހުރިހާ ސިފަތަކެއް މިއޮތީ ހަތަރު އަގޮޅިއަކަށް ނެރެފައި ކަމަށެވެ. ޔޫރަޕަކީ މުޅިދުނިޔެއަށް ސުލްޙަ މަސަލަސްކަން ކަށަވަރު ކޮށްދޭންޖެހޭ ވެރިންނެވެ.
އެކަމަކު މިއަދުގެ ޙާލަތަކީ ޔޫރަޕުގެ ގައުމުތައްވެސް އެއްބަޔަކު އަނެއްބަޔަކާއިދެކޮޅަށް ހަނގުރާމަ ކުރުމެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމަށް އިޝާރާތް ކުރައްވަމުން މެކްރޯން ވިދާޅުވީ ގައުމުތަކުގެ ދިފާއާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޔޫރަޕުގެ އަމިއްލަ ފޯރމިއުލާއެއް އެކަށައަޅާފައި އޮންނަން ޖެހޭނެ ކަމަށާއި ނޭޓޯގެ ތެރޭގައި ޔޫރަޕުން ޙަރަކާތްތެރި ވާންޖެހޭނީ ބައިވެރިއެއްގެ ޙައިސިއްޔަތުން ކަމަށެވެ.
ޔޫރަޕުގެ އިގްތިސާދުވެސް ބިނާކުރެވިފައި އޮންނަންޖެހޭނީ ޔޫރަޕުގެ ގައުމީ ޝަޚްސިއްޔަތުގެ މައްޗަށް ބިނާކުރެވި އެމެރިކާއާއި ޗައިނާއިން މިނިވަންވެފައިވާ އިގްތިސާދެއްގެ ގޮތުގައެވެ.
އިގްތިސާދައި ޖައްވު ރައްކާތެރި ކުރުމުގައި ޔޫރަޕުގެ ފިޔަވަޅުތައް ވާންޖެހޭނީ އެހެން ގައުމު ތަކަށް ނަމޫނާ އަކަށެވެ.
ޔޫރަޕިއަން ޔޫނިއަންގެ އިންތިޚާބުގެ ކުރިން ޖަރުމަނަށް ކުރެއްވި މި ދަތުރުފުޅުގައި ޔޫރަޕުގައިވެސް ފާރ-ރައިޓްގެ ވިސްނުން އަށަގަންނަމުން ދިއުމުގެ ބިރުވެރި އިންޒާރު މެކްރޯން ވަނީ ދެއްވާފައެވެ.
އޭގެ މިސާލެއްގެ ގޮތުން ހަންގޭރީގެ ސަރުކާރަށް އެމަނިކުފާނުގެ ފާޑުކިއުއްވުން އަމާޒު ކުރެއްވިއެވެ. ހަމައެއާއި އެކު ޖަރުމަނުގެ ފާރ-ރައިޓް ވިސްނުން ނެތިކުރުމަށްޓަކައި ޑްރެސްޑަންއަކީ ވަރުގަދަ އައްޑަނައެއް ކަމުގައި ސިފަ ކުރެއްވިއެވެ.
ފާރ-ރައޓްގެ ނުބައި ވިހަ ޔޫރަޕުގެ ގައުމުތަކުގައިވެސް ފެތުރިގެން ނުދާނެއެކޭ ނުބުނެވޭނެއެވެ. އަހަރެމެންގެ ވާޖިބަކަށްވާނީ އެކަން ފެތުރިގެދިއުމުގެ މަގުތައް ބަންދުކުރުމެވެ.
ޔޫރަޕިއަން ޔުނިއަންގެ އިންތިޚާބުގައި ފަރަންސޭސި ރައީސްގެ އިޖްތިމާޢީހަމަހަމަކަމަށް ވަކާލާތުކުރާ ޕާރޓީގެ ފަހަތުން ފާރ-ރައިޓް ( ހައްދުފަހަނަޅާފައިވާ ވިސްނުމުގެ ) ޕާރޓީން ފައިހަމަކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށް އިޝާރާތް ކުރެއްވިއެވެ. ފަހަރެއްގައި އެމީހުންނަށް 3 ވަނަ ޙާސިލުކުރެވުން ވަރަށް ގާތެވެ. ރައީސް މެކްރޯންގެ ވާހަކަފުޅު ނިންމަވާ ލެއްވިތަނާހެން ސަތޭކަވަރަކަށް ފާރ-ރައިޓް މެމްބަރުން އެތަނަށް ޙާޒިރުވިއެވެ.
މެކްރޯންގެ މި ދަތުރުފުޅަކީ ފާއިތުވެގެންމިދާ ފަންސަވީހަކަށް އަހަރުގެ ތެރޭގައި ފަރަންސޭސި ވިލާތުގެ ރައީސަކު ޖަރުމަނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޖަރުމަނުގެ ޗާންސެލަރ އޯލަފްޝޮލްޒުގެ ކޯލިޝަނުންވެސް މަސައްކަތް ކުރަމުން ގެންދަނީ އެންޓި-އިމިގްރޭޝަން ޕާރޓީގެ ގިނަ ބޭޒާރުވުން ތަކަކާއި އެކުގައިވެސް ފާރ-ރައިޓް ޕާރޓީ ތަކުގެ ވަކިތަކުން ސަލާމަތްވެ އިންތިޚާބު ކާމިޔާބު ކުރުމަށެވެ.
ޔޫރަޕުގައި ހުރިހާ ގައުމަކުން ތަބާވާން ޖެހޭ އެއް ގާނޫނެއް އޮތުމުގެ ބަދަލުގައި ކޮންމެ ގައުމެއްގެ އަގުވެސް ހިފޭއްޓޭން ވަކި ގާނޫނަކާއި ހަމަތަކެއް އޮންނަން ޖެހޭނެކަމަށްވެސް މެކްރޯން ވިދާޅުވިއެވެ.
އެ ގާނޫނުތަކާއި ހަމަތައް ނެގެހެއްޓުމުގައި އެންމެންގެ އެއްބާރުލުން ލިބުން ބޭނުންވާނެއެވެ. މި މައުޟޫއުގައި ވާހަކަފުޅުދައް ކަވަމުން ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުން ލިބޭ ފިލާވަޅުގެ މައްޗަށް މެކްރޯން އަލި އަޅުވާލެއްވިއެވެ.
އަހަރެމެންގެ މުޅި ޔޫރަޕަކީ އަހަރެމެންގެ ގައުމުކަން ބަލާގަންނަން ޖެހޭނެއެވެ.ޔޫކްރެއިނަށް ބޭނުންވާ އެހީ ފޯރުކޮށްނުދީ ރަޝިޔާއިން ބޭނުންވާ ގޮތަށް އަޑުގަދަމީހާގެ ރުށް ގިނަވާ ފަލްސަފާ އަހަރެމެން ޖެހޭނީ ހުއްޓުވާށެވެ. ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އަހަރެމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅި ލާމެހިފައެވެ.
މެކްރޯންގެ ވާހަކަފުޅަށްފަހު ރަޝިޔާއިން ޔޫކްރެއިންނަށް އަރާގަތުމުން ޔޫރަޕު ސިފަވެގެން ގޮސްފައިވަނީ “ ގަބުރެއް “ ގެ ގޮތުގައިކަމަށް ވިދާޅުވެ މެކްރޯންއާއި ޝޮލްޒް އިންޒާރު ދެއްވިކަމަށް ފައިނޭންޝަލް ޓައިމްސްގައި ބުނެފައި ވެއެވެ.
މިޒަމާނުގެ ދުނިޔޭގައި ޔޫރަޕް ތަމްސީލު ކުރަން ބޭނުންވާނަމަ އަހަރެމެންގެ ކާބަފައިން ޔޫރަޕު އިމާރާތްކުރި ބިންގާވެސް ޖެހޭނީ ޒަމާނާއި އެއްގޮތަށް ވަރުގަދަ ކުރާށެވެ.
މެކްރޯންގެ ދަތުރުފުޅުގައި ޖަރުމަނު ވިލާތުގެ ޗާންސެލަރުގެ ދެމަފިރިކަނބަލުންނާއި އެކު މެކްރޯންގެ ދެމަފިރިކަނބަލުން ބަރލިންގައި ހުންނަ ނާޒީން މަރާލިކަމަށްބުނާ 6 މިލިއަން ޔަހޫދީންގެ ހޮލޯކާސްޓް މެމޯރިއަލަށް ޒިޔާރަތް ކުރެއްވިއެވެ.
އެބޭފުޅުންނާއި އެކު ނާޒީ ހަންޓަރ ސާރޖް ކްލާރސްފެލްޑް އާއި އޭނާގެ ޖަރުމަން އަނބިކަނބަލުންވެސް ބައިވެރިވިއެވެ. އިސްރާއީލް-ގައްޒާގެ ހަނގުރާމައަށް އިޝާރާތްކޮށް ދެ ރައީސުންގެ ޒިޔާރަތާއި ބެހޭގޮތުން ކްލާރސްފެލްޑް ބުނެފައިވަނީ ޔަހޫދީންގެ މޮނިއުމެންޓަށް ދެ ބޭފުޅުން އެކުގައި ވަޑައިގަތުމަށް މިއީ ވަރަށް މުނާސަބު ދުވަސްވަރެއް ކަމަށެވެ.
ފަރަންސޭސި ރިޔާސަތަށް ކުރިމަތިލައްވައި ނާކާމިޔާބު ލިބުނު ފާރ-ރައިޓް ލީޑަރ މެރީ ލޭ ޕެންއަށް ތައުރީފް ކުރެއްވުމުން ކްލާރސްފެލްޑް ވަނީ މެކްރޯންގެ ނުރުހުމާވެސް ކުރިމަތިލާން ޖެހިފައެވެ.
މެކްރޯން ވިދާޅުވެފައިވަނީ ލެ ޕެންގެ ނޭޝަނަލް ރެލީއަކީ ޔޫރަޕަށް ދިމާވެފާއޮތް ނުރައްކަލެއް ކަމަށެވެ. އަދި އެއީ ސިޔާސީ ޕާރޓީއެއް ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.
ކްލާރސްފެލްޑް ކުރިކަންތައް ހަދާނުގައި ހުރިނަމަވެސް ބަރލިންގައި ހުންނަ ފަރަންސޭސި އެމްބަސީއަށް ޢިއްޒަތުގައި އޭނާގެނެސް ނާޒީންގެ ދުވަސްވަރު ހިނގާފައިވާ އަނިޔާވެރިކަން ދުނިޔެއަށް ހާމަކޮށްދިނުމަށް އޭނާ ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަން ކުރެއްވުން އޮތެވެ.
މިދަތުރުފުޅުގައި ފަރަންސޭސި ރައީސް ހުޅަނގު ޖަރުމަނުގެ މުއެންސްޓަރަށް ވަޑައިގެން ވެސްޓްފާލިއަން ސުލްޙައިގެ އިނާމު ލިބިވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ. އެއަށްފަހު ފްރެންކޯ ޖަރމަން މިނިސްޓަރުންގެ ބައްދަލު ކުރެއްވުމުގައި ބަރލިން ކައިރީގައި އޮންނަ މެސެބާރގްގައި ޝޮލްޒް އާއި ބައްދަލު ކުރެއްވިއެވެ. ފަހަކަށްއައިސް ޔޫރަޕުގެ ގުޅުންތަކާއި ޔޫކްރެއިންގެ މައްސަލާގައި ދެބޭފުޅުންގެ ވިސްނުން ވަނީ މިސްރާބުން ކައްސާލާފައެވެ.
2 Responses
މެކްރޯން އެބުނީ ރަނގަޅުވާހަކައެކެވެ. އެމެރިކާގެ ވަކިތަކުން ޔޫރަޕް ސަލާމަތްވާން އެބެ ޖެހެއެވެ. ޗައިނާގެ ވާހަކަ އެބުނީ އެމެރިކާގެ ނަން އެކަނި ބުނެފާ ރުޅިގަދަ ނުކުރަން ކަމަށް ފެނޭ 🙂
އައްޑޫ އަހްމަދު ތިޔަ ވިދާޅުވީ ތެދެއް. އަޅުގަނޑުމެންގެ މަސްވެރިން ބުނެއުޅޭ ފަދައިން ކަޅުވެނުގެ އަގައިގެ ތެރެއަށް ދިއުމަށްފަހު ސަލާމަތްވުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުން ކުރަން ޖެހޭނެ. އެއީ ވަރަށް އުދަނގޫ ކަމެއް. އެމެރިކާގެ އަތްދަށުން ސަލާމަތް ވުމަކީ ފަސޭހަ ކަަމަކަށް ނުވާނެ.