ސިއްރު ލިއުމެއް އިމްރާން ޚާން އާންމު ކުރިކަމުގެ ޙުކުމް ފަސްކޮށްފި

Loading

Facebook
Twitter
WhatsApp

ބުލޫމްބާރގުން ހާމަކޮށްފައިވާ ޚަބަރުތަކުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އެ ގައުމުގެ ސަލާމަތީ ގާނޫނާ ޚިލާފު ވުމުގެ ސަބަބުން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމް ފަސްކޮށްފިއެވެ. 

އެހެންނަމަވެސް އެމަނިކުފާނު މިނިވަނެއް ނުވާނެއެވެ. ޑިޕްލޯމެޓިކް މެސެޖެއް އާންމު ކުރުމުގެ ކުށުގައި މިދިޔަ އަހަރު ޖަނަވަރީ މަހު ކޮށްފައިވާ ޙުކުމް ޕާކިސްތާނުގެ ޚާއްސަ ކޯޓަކުން ވަގުތީ ގޮތުން އެއްފަރާތް ކޮށްފައިވާކަން އިމްރާން ޚަންގެ ގާނޫނީ ވަކީލު ސައްޔިދު ޒުލްފީ ބުޚާރީ ވަނީ ކަށަވަރުކޮށް ދީފައެވެ. 

ޑިޕްލޯމެޓިކް މެސެޖެއް އާންމު ކުރުމުގެ ކުށުގައި އިމްރާން ޚާންގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން މިދިޔައަހަރު އޯގަސްޓްމަހުން ފެށިގެން އެމަނިކުފާނު ހުންވަނީ ޖަލުގައެވެ.                 

އެ މައްސަލާގައި އެމެރިކާ ސަރުކާރާއި ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފް އަދި ޕާކިސްތާނުގެ މިލިޓްރީން ބައިވެރިވެގެން ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ޚާން ދުރުކުރީ ކަމަށް އެމަނިކުފާނު ގެންދަވަނީ އިލްޒާމް އަޅުވަމުންނެވެ. އެހެންނަމަވެސް އެ ތިން ދާއިރާއިންވެސް އިމްރާންޚާންގެ ވާހަކަތައް ދޮގުކުރެއެވެ.         

މިއަހަރު ފެބްރުއަރީ މަހުގައި ބޭއްވުނު ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ކުރިން އިމްރާން ޚާންގެ މައްޗަށް އިތުރު ތިން ދައުވާއެއް ސާބިތުވެ ޙުކުމް ކޮށްފައިވެއެވެ.އަދި އިތުރު އެތައް ދައުވާއެއް ކޯޓުތަކުގައި ހިނގަމުން ދިއުމުގެ ސަބަބުން އެމަނިކުފާނަށް އިންތިޚާބުގައި ބައިވެރިވުން އޮތީ މަނާކޮށްފައެވެ.                 

އިންތިޚާބުގައި އިމްރާން ޚާނަށް ތާއީދުކުރި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކާމިޔާބު ކުރެއްވިއެވެ. އެހެންނަމަވެސް އެބޭފުޅުންނަށް ތަހްރީކޭ އިންސާފް ޕާރޓީގެ ނަމުގައި އިންތިޚާބަށް ކުރިމަތިލުން މަނާ ކޮށްފައި އޮތުމުގެ ސަބަބުން ވަކިވަކި ފަރުދުންގެ ގޮތުގައި އިންތިޚާބަށް ކުރިމަތި ލައްވަން ޖެހިވޑައިގެންފައި އޮތުމާއިއެކުޕާރޓީއެއްގެ ގޮތުގައި ސަރުކާރެއް އުފެއްދުން ގާނޫނު ހުއްދައެއް ނުކުރެއެވެ.                     

އިމްރާން ޚާން ބޮޑުވަޒީރުގެ މަގާމުން ދުރުކޮށްފައިވަނީ ޕާކިސްތާނުގެ މިލިޓްރީގެ ނުރުހުން އަމާޒުވެފައި ވަނިކޮށް ޕާރލަމެންޓުގައި ނެގި އިތުބާރު ނެތް ކަމުގެ ދެ ވޯޓެއްގެ ތަފާތަކުން 2022 ވަނަ އަހަރު އޭޕްރިލް މަހު ތެރޭގައެވެ. އިމްރާން ޚާންގެ މި ތުޙުމަތުތައް ޕާކިސްތާނުގެ މިލިޓްރީންނާއި މިހާރުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ދޮގުކުރެއެވެ.       

އިމްރާން ޚާނުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކައިރިވެފައި ވަނިކޮށް އެދުވަސްވަރު ވޯޝިންގްޓަނުގައި ހުންނެވި ޕާކިސްތާނުގެ ސަފީރު ފޮނުއްވި އެ މެސެޖް އިމްރާން ޚާން އާންމު ކުރެއްވީއެވެ. 

އެމައްސަލާގައި އިމްރާން ޚާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙުމޫދު ގުރައިޝީ އާއި ވޯޝިންގްޓަންގައި ހުންނެވި ސަފީރު ކުށްވެރި ނުވާކަމަށް ކޯޓުން ވަނީ ނިންމަވާފައެވެ.                                              

ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި ދެކޮޅަށް އިތުރު 170 މައްސަލަ ކޯޓުގައި ހިނގަމުން ދާކަމަށް ޚަބަރުތަކުން އެނގެއެވެ. އިމްރާން ޚާން ވިދާޅުވަމުންގެންދަވަނީ އެ މައްސަލަތަކަކީ ސިޔާސީ އެޖެންޑާއެއްގެ ދަށުން އެމަނިކުފާނު އެނބުރި ސިޔާސީ ވެއްޓަށް އައުން ހުއްޓުވުމަށްޓަކައި ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށެވެ.           

Loading

2 Responses

  1. އިސްލާމީ ގައުމުތަކުގެ ޙާލަކީ މިއީއެވެ. ވެރިކަން ފޭރިގަންނަން ނުހަދާނެ ދޮގެއް މަކަރެއް ސުމާރެއް ނެތެވެ. ދެން އިމްރާން ވެސް އިޖިޕްޓްގެ ކުރީގެ ރައިސްހެން ޖަލުގައި ވިހަދީ މަރާލާނީ ކަންވެސް ނޭންގެއެވެ. ޙާލަކީ މިއީއެވެ. ދެން ކިހިނެއް މުސްލިމުން ކުރިއަރައި މިއުޅޭ ޔުަހޫދީ ނުލަފާ ނަސޯރާގެ މީހުން އަތްދަށުން ސަލާމަތްވާނީ؟

  2. މުޅި ތާރީޚުގައިވެސް ޕާކިސްތާނުގައި ހަމަޖެހިލައިގެން ސަރުކާރެއް ހިންގުމުގެ ފުރުސަތު ލިބިފައެއް ނެތެ. މުސްލިމުންގެ އާރާއި ބާރު ތަމްސީލު ކޮށްދޭންޖެހޭ ގައުމު މި ފެންވަރަށް ދިޔައިމާ ދެން ކޮމެންޓް ލިޔަންވެސް އުދަނގޫ ވަނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް