އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް, ބައިނަލްއަގުވާމީ ފަރާތްތަކަށް ޚުތުބާގައި ގޮވައިލައިފި

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންގެންދާ އުދުވާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް, އެ އަނިޔާވެރި އުދުވާނީ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް, ބައިނަލްއަގުވާމީ ފަރާތްތަކަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވައިލައިފިއެވެ.

ޚުތުބާގައި ބުނެފައިވަނީ މިއަދު އިސްލާމީ އުންމަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްތީނުގެ އަޑު ކަމަށާއި
ފަލަސްތީނަކީ ޝާމްކަރައިގެ ބައެއް ކަމަށެވެ. އަދި އެއީ އިސްލާމީ ހިދާޔަތާއި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ދައުވަތާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑު ކަމަށާއި އެއީ އިސްލާމީ އުންމަތުގެ އިއްޒަތާއި ކަރާމާތާ ގުޅިފައިވާ ފަސްގަނޑެއް ކަމަށެވެ.

އަދި އިސްރާއާއި މިއުރާޖުގެ މުއުޖިޒާތަކީ ކީރިތި ރަސޫލާގެ ނުބުއްވަތުގެ ތެދުކަން ކަށަވަރު ކުރެއްވުމަށާއި އިތުރު އެކަލޭގެފާނުންގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށް އެކަލޭގެފާނަށް ދެއްވި ވަރަށް މަތިވެރި މުއުޖިޒާތެއް ކަމަށާއި
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން ބުނެދެނީ ދުވަހަކު ވެސް އިސްލާމީ އުންމަތާއި ފަލަސްތީނު ވަކިވެނުދާނެކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ނަމަވެސް އަލްއަޤްސާ މިސްކިތް ސަޙްޔޫނީ އިސްތިއުމާރުގެ ދަށަށް ދިޔަކަމީ މި އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމަ ކަމަށާއި އަލްއަޤްސާ މިސްކިތް މިނިވަންކުރުމަށްޓަކައި މަސައްކަތް ކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ ފަލަސްތީނުގެ އަވަށްތަކުގައި ސަޙްޔޫނީން ހިންގަމުންގެންދާ އުދުވާނީ އަމަލުތަކަކީ ފަލަސްތީނުގެ ނަސްލު ނައްތައިލުމަށްޓަކައި ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތައް ކަމަށާއި މި ހުރިހައި ޖަރީމާއެއް ހިންގަމުން އެގެންދަނީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާފުގެ ހަމަތަކާ ޚިލާފަށް ކަމަށެވެ.

“މި އުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާަސް ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ. ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއް ނެތިއެވެ. އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މި އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މި އަނިޔާވެރި އުދުވާނީ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވައިލަމެވެ.“

ޚުތުބާގައި ވަނީ ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމާއި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހެޔޮދުއާ ކުރުމާއި އިންސާނީ ގޮތުން އެހީތެރިވުމަށް އެންމެން އަތުގުޅައިލަންޖެހޭކަމަށް ވެސް ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް