މައުންޓް އެވަރެސްޓް ސާފު ކުރިއިރު 4 ހަށިގަޑާ އިންސާނެއްގެ ކަށިގަޑު ފެނިފައިވޭ

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓްގެ އެންމެ މަތިން ކުނި ސާފު ކުރުމަށް ނޭޕާލްގެ އަސްކަރިއްޔާއިން ކުރި މަސައްކަތުން މިއަހަރު 11 ޓަނުގެ ކުންޏާ އެކުއެކީ މަރުވެފައިވާ 4 މީހުންގެ ހަށިގަނޑާ އަދި ކުރިން މަރުވެ މަސްފިލާފައިވާ އިންސާނެއްގެ ކަށިގަނޑުވެސް ފެނިފައިވާ ކަމަށް ނޭޕާލް ސަރުކާރުން ބުނެފިއެވެ.

އަހަރަކު އެއްފަހަރު ކުރިޔަށް ގެންދާ އެވަރެސްޓް ސާފު ކުރުމުގެ މަސައްކަތުގައި މިއަހަރު 55 ދުވަސް ހޭދަވީކަމަށް އެފަރާތުން ބުނެފައި ވެއެވެ.

ބެލެވޭ ގޮތުގައި އެވަރެސްޓްއާއެކު ކައިރީގައިވާ އަނެއްދެފަރުބަދަ މަތީގައި 50 ޓަނު ކުންޏާ އަދި ފަރުބަދަޔަށް އަރަން އުޅެނިކޮން ވެއްޓިމަރުވެފައިވާ 200އެއްހާ މީހުންގެ ހަށިގަޑު އަދިވެސް ވާނެއެވެ.

މައުންޓް އެވަރެސްޓް އާއި ކައިރީގައިވާ އުސް ފަރުބަދަތަކަށް އަރާ، ރެކޯޑް ހެދުމަށް މަސައްކަތް ކުރާ މީހުންގެ ފުށުން މުޅި އެހިސާބު ތަޤައްޔަރުވެ އެތަން ސިފަކުރެވެނީ ދުނިޔޭގެ އެންމެ އުހުގައިވާ ކުނިގޮނޑުގެ ގޮތުގައެވެ.

އަހަރަކު އެއްފަހަރު އެވަރެސްޓް ސާފު ކުރުމުގެ މަސައްކަތް ނޭޕާލްގެ އަސްކަރިއްޔާއިން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.ސާފު ކުރުމަކީ ކޮންމެހެން ކުރަން ޖެހިއްޖެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރީ ފަރުބަދަޔަށް އަރަންދާ މީހުންނަށް ކުނީގެ ސަބަބުން ތަކްލީފްތައް ކުރިމަތިވެ ކިއުތައް ދިގުވާގޮތް މެދުވެރިވާން ފެށުމުންނެވެ.

މިހާތަނަށް ހިންގި ސާފުކުރުމުގެ 5 ބުރުގައި 119 ޓަނު ކުންޏާ 14 ހަށިގަނޑާ އަދި ބައެއް ”ސްކެލިޓަން“ ފެނިފައިވާކަމަށް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

ވެއްޓޭމީހުން ގެއްލުން ހުއްޓުވުމަށްޓަކައި ފަރުބަދަޔަށް އަރާމީހުން މިއަހަރުން ފެށިގެން ޓްރެކިންގ ޑިވައިސް އެޅުމަށާ އަދި ކުނީގެ މައްސަލަ ހައްލުކުރުމަށް އަމިއްލަ ނަގިސް ތިރިޔަށް ގެންނަން މަޖްބޫރު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ވެއްޓޭ މީހުން ހޯދުމަށް ”މައުންޓަން ރޭންޖަރސް“ ތަމްރީން ކޮށް އަދި ކުނި ގަންނަ ގޮތަށް ހަދަންވެސް ވަނީ ނިންމާފައެވެ.

މިއަހަރުގެ މޭމަހާ ހަމަޔަށް ނިމުނު ސީޒަންގައި 421 މީހުން ނަށް ފަރުބަދަޔަށް އަރަން ޕަރމިޓް ދޫކޮށްފައި ވެއެވެ. ނޭޕާލްގެ ގައިޑުންނާއެކު ޖުމްލަ 600 އެއްހާ މީހުން މިއަހަރު މިހާތަނަށް މައުންޓް އެވަރެސްޓަށް އަރާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

އަރަން އުޅުމުގެ ތެރޭ މިއަހަރު 8 މީހުން މަރުވެ ނުވަތަ ގެއްލިފައިވާއިރު މިދިޔަ އަހަރު 19 މީހުން މަރުވެފައި ވެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް