ތުރުކީން ބްރިކްސް ޖަމާއަތުގައި ބައިވެރިވުމުގެ ވިސްނުމަށް ރަޝިޔާއިން މަރުހަބާ ކިޔައިފިކަން ހާމަކޮށްފިއެވެ. ތުރުކީން ބްރިކްސްގައި ބައިވެރިވުން އެ ޖަމާއަތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ހިމެނޭނެކަމަށް ކްރެމްލިންގެ ސްޕޯކްސްމަން ދިމިތުރީ ޕެސްކޯވް ވަނީ މިދިޔަ އަންގާރަ ދުވަހު ހާމަކޮށްފައެވެ.
ބްރިކްސްގެ އެންމެ އިސްވެރިންގެ ސަމިޓް އޮންނާނީ މިއަންނަ ޖުލައި މަހުގެ ތެރޭގައެވެ.
ދިމިތުރީ ޕެސްކޯވް ގެ ބަޔާނުގައި އެހެން ގައުމުތަކަކުންވެސް ބްރިކްސް ގައި ބައިވެރި ވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށް އެ ޖަމާއަތަށް ހުށައަޅާފައެވެ. އެހެންނަމަވެސް މި ފަހަރުގެ ސަމިޓްގައި އެ ހުރިހާ ގައުމެއްގެ ހުށައެޅުމަށް ގޮތެއް ނުނިންމުން އެކަށީގެން ވެއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ބެއިޖިންއަށް ވަޑައިގަތުމުގެ ރަސްމީ ދަތުރު ފުޅެއްގައި މިދިޔަ ހޯމަ ދުވަހު ފައްޓަވައިފިއެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ތުރުކީގެ އެފަދަ މަގާމެއްގެ ބޭފުޅަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ފިދާން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އާއި ޗައިނާ ސަރުކާރުގެ ބައެއް އެހެން އިސް ވެރިންނާއި އެކު ރަސްމީ މަޝްވަރާ ތަކެއް ކުރައްވާނެއެވެ.
ބްރިކްސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ތުރުކީން ގެންގުޅޭތޯ ސުވާލު ދެންނެވުމުން ފިދާން ޖަވާބު ދެއްވީ އާއެކޭ އެވެ. އެހެންނަމަވެސް އިތުރު ތަފްސީލަކަށް ވަޑައިގަންނަވަަން ބޭނުންފުޅެއް ނުވިއެވެ.
ތުރުކީގެ ރަސްމީ ނިއުސް އޭޖެންސީ އަނާޑްލޯ އިން ސުވާލު ދެންނެވުމުން ފިދާން ވިދާޅުވީ މިއަންނަ ހަފުތާގައި ބްރިކްސް ޖަމާއަތުން ބޭއްވުމަށް ތާވަލުކޮށްފައިވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަން ގަސްދުކުރައްވާ ކަމަށެވެ.
މިހާތަނަށް ބްރިކްސްގައި ބައިވެރި ވުމަށް ރަސްމީގޮތުން އަންކާރާއިން ހުށައަޅާފައެއް ނުވެއެވެ.
ނޭޓޯގެ މެމްބަރެއްގެ ގޮތުގައި ހިމެނޭ ތުރުކީއިން ރަޝިޔާއާއި ކައިރިއަށް ޖެހެމުން ދިއުން ހުޅަނގުގެ ގައުމުތަކުން ގެންދަނީ ނުރުހުމުގެ ލޮލަކުން ބަލަމުންނެވެ. އެހެންނަމަވެސް ވެރިރަށް އަންކާރާއިން ބުނަމުން ގެންދަނީ ނޭޓޯގެ މެމްބަރެއްގެ ގޮތުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު ތުރުކީން ބަރާބަރަށް އުފުލަމުން ގެންދާ ކަމަށެވެ.