އެމްއެމްޕީއާރްސީ ޚިޔާނާތް: މަޖިލީހުގެ ޗީފް އޮފް ބިއުރޯ ނިހާންގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދަނީ

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލުގެ އޮފީހުން ނިންމައިފިއެވެ.

ނިހާންގެ މައްޗަށް ދައުވާ އުފުލީ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރުގައާއި، މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވިއިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަރިހުން ރިޝްވަތަށް އެދި އަދި ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކުރައްވާށްފައިވާކަން ތަހުގީގަށް ހޯދިފައިވުމުންނެވެ.

ނިހާންގެ މައްޗަށް 6 ދައުވާއެއް އުފުލިއެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއާއި, މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ދައުވާއެވެ.

މީގެތެރެއިން އެއް ދައުވާ ކުރިން ވަނީ އަނބުރާ ގެންގޮސްފައެވެ.

ދައުލަތުން މިހާރު ވަނީ ދެން ހުރި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާކަން ނިހާނަށް އަންގައިފައެވެ.

މައްސަލައިގެ ފަސްފަހަތް:

ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އުފުލި ސަބަބު: ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ.

މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާ އުފުލި ސަބަބު: ނިހާން, މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން އަދީބު ދިން ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ނިހާނަށް ޝައްކުކުރެވެންޖެހޭ ހާލަތުގައި އަދީބު މެދުވެރިވެގެން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ އެ ފައިސާއާއި, އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ބައްލަވައިގަތުމުން.

ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 1 ވަނަ ދައުވާ އުފުލި ސަބަބު: 2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާއި ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިވަޑައިގަތުމުން.

ރިޝްވަތު ހިފުމުގެ ކުށުގެ 2 ވަނަ ދައުވާ އުފުލި ސަބަބު: ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ޢަބްދުލްޣަފޫރު ގާތު އެދުމުން، ކ.މާލެ، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ.

ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ވަނަ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ 3 ވަނަ ދައުވާ އުފުލި ސަވަބު: ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު އެދިވަޑައިގަތުމުން, އަދީބު އެ އަދަދަށް ފައިސާ ދެއްވުމުން, އެ ފައިސާ ބަލައިގަތުމުން.

މި ދައުވާތައް އުފުލުމުން ނިހާން ވިދާޅުވެފައިވަނީ ސިޔާސީ ދައުވާތަށް ބަރިބަރިއަށް ކޮށް އަބުރު ކަތިލުމަކުން އެއްބަޔަކަށް ވެސް ލިބޭނެ މޮޅެއް ނެތް ކަމަށެވެ.

އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބަކީ 2013 ވަނަ އަހަރު މާޗުމަހުގައި ޕީޕީއެމްގެ ނައިބު ރައީސްކަމަށް އައްޔަންކޮށް ޕާޓީއަށް ފައިސާ ހޯދުމުގެ ކަންކަން ހަވާލުކުރެއްވި ބޭފުޅާ ކަމަށާއި އެހެންކަމުން އޭނާ އަތުގައި ސިޔާސީ ފައިސާތަކެއް ހުންނާނެކަމީ އޮޅުން އަރަންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް ނިހާން ވިދާޅުވެފައިވެއެވެ.

ނިހާން އިތުރަށް ވިދާޅުވެފައިވަނީ މަޖިލީހުގެ މެންބަރުން ރަށްރަށަށް ކުރައްވާ ދަތުރުތަކަށް ޕާޓީން އޭރު ޚަރަދުކުރާ ކަމަށާއި މެންބަރަކު ކަމަކު ބޭނުންވެވަޑައިގެންފިނަމަ އެދިވަޑައިގަންނަވަން އޭރު އޮންނަނީ އަދީބުގެ އަރިހުން ކަމަށެވެ. އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ އެއްވެސް މެންބަރަކު އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ނުގެންދާކަން ތަކުރާރުކޮށް ވެސް އޭނާއަށް ވިދާޅުވާން ކެރިވަޑައިގަންނަވާ ކަމަށާއި އޭރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ އެއްވެސް މެންބަރަކު ނުހައްގު ފައިސާއެއް އަދި ރިޝްވަތުގައިި ޖެހިވަޑައިނުގަންނަވާ ކަމަށް ވެސް ނިހާން ވިދާޅުވެފައިވެއެވެ.

ނިހާންގެ މައްސަލަ ކުރިއަށް ނުގެންދަން ދައުލަތުން ނިންމާފައިވާއިރު, ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް އޭނާ މިހާރު ވަނީ އައްޔަންކޮށްފައެވެ. އެގޮތުން އިއްޔެ ވަނީ މަސައްކަތަށް ނުކުމެވަޑައިގެންފައެވެ.

Loading

One Response

  1. މމޕރސ ގެ ވައްކަމަކީ އެންމެ ގުޅިގެން ކުރި ވައްކަމެކެވެ. އެކަމުގެ ބައިވެރީން ވެރިކަމަށް އިސްވީމާ ދެން އެ އެންމެންވެސ ހުދުކާފޫރަށް ވާންޖެހޭނެއެވެ. އެއީ މިހާރުގެ ދިވެހި އާދަކާދައެވެ. ވަގުންނަށް ޙިމާޔަތް ލިބޭ އެންމެބޮޑު ގައުމަކީ ދިވެހީންގެ ރާއްޖެކަމާއިމެދު ޝައްކެއް ނެތެވެ. އެންމެން ގުޅިގެން މިވީ 40 އަހަރު ދައުލަތުން ކޮއްފަވާ ވައްކަމުން ރާއްޖޭގެ އެންމެން ބޮންވެރި ކުރުވި ބޯހިޔާވެހިކަންވެސް ލިބި ދެވޭނެއެވެ. އެވަރަށް ދައުލަތުން މިސަރުކާރުތަކުން ވައްކަން ކޮށްފިއެވެ. އެއްވެސް ސަރުކާރަކުން އަނެއް ސަރުކާރުގެ ވައްކަމެއް ނުބަލާނެކަން މިހާރުދެން ޔަގީންވެ ކަށަވަރު ވީއެވެ. ވަރަށް ސަލާމް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް