ކުރާ ހެޔޮ އަމަލު އެނބުރި އައިސް ތިމާޔާ ބައްދަލް ކުރެއެވެ.

Loading

Facebook
Twitter
WhatsApp

  ވިއްސާރަ ބަނަ ދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އަހަރެން ކާރުގަ ނިކުތީ ގަޑިއެއްހާއިރުން ދެވޭ ތަނަކަށް ދިއުމަށެވެ. ކާރު ދުއްވަމުންގޮސް މީހުން އުޅޭ ސަރަހައްދު ފަހަނައަޅާގޮސް ހައިވޭ އަށް އަރަން އުޅެނިކޮން ކުއްލިއަކަށް ކާރު ހުއްޓިއްޖެ އެވެ. އަލުން ސްޓާޓް ކުރަން އުޅެއުޅެ އެކަން ވާގޮތެއް ނުވިއެވެ. އަހަރެން ހަދާނެ ގޮތެއް ނޭނގިގެން ކާރުން ފައިބައިގެން އައިސް ކާރުގެ ފަހަތުގައި މަޑުކޮށްލައިފީމެވެ. އެތާހުންނަތާ ބައިގަޑިއެއްހާއިރު ވީއިރުވެސް އެކަކުވެސް މަޑުކޮށް ވީކިހިނެއްތޯ އަހާވެސް ނުލިއެވެ. އެތައް ކާރު ތަކަކާ ސައިކަލު ތަކެއް ބާރު ބާރަށް ދެކޮޅަށް ވެސް ދަތުރު ކުރަމުން ދެއެވެ.

އެތާ ކޮޅަށް ހުންނަތާ ގަޑިއެއްހާއިރު ފަހުން ކާރެއްގައި ދިޔަ ޒުވާން ފިރިހެން ކުއްޖަކު އަހަރެންގެ ކާރުގެ ފަހަތަށް މަޑުކޮށް ކާރުން ފައިބައިގެން އައިސް މެޑަމް ކިހިނެއްވީތޯ ސުވާލު ކުރިއެވެ. އަހަރެން ވެގެން އުޅޭގޮތް ބުނީމެވެ.

ކުޑަކޮން ވިއްސާރައިގެ އަސަރުވެސް ޖައްވުގައި ހުރުމުން އޭނާގެ ކާރަށް އަރާ އިނުމަށާ ވެފައިވާ ގޮތެއް ބަލާލަދޭނެ ކަމަށް ޒުވާނާ ބުންޏެވެ.

ޒުވާނާ އެކިގޮތް ގޮތަށް ބެލިބެލުމުން އަހަރެންގެ ކާރަށް ދިމާވި މައްސަލަ ފާހަގަވިއެވެ. އަދި ކާރުގެ ކުރީކޮޅު ހުޅުވައިގެން ދާދި އަވަހަށް ކާރު ސްޓާޓްވާގޮތް ހަދައިފިއެވެ.  

އަހަރެން ވަރަށް އުފަލުން ބުނީމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ތިޔަ ކޮށްދިން ކަންތަކަށް އަގެއް ނަގަން ޖެހޭނެއެވެ. ބުނީމަ އޭނަ އެކަމަށް އިންކާރު ކުރިއެވެ. އަދި ބުންނެވެ. އަޅުގަޑު ގަބޫލު ކުރާ ގޮތުގައި ކޮންމެ މީހަކުވެސް ކުރާ ހެޔޮ އަމަލު އަބަދުވެސް އެމީހަކަށް އެބުރި އަންނާނެއެވެ.އެހިސާބުން އަހަރެން ޒުވާނާޔަށް ކިޔަނީ ކޮން ނަމެއްތޯ ސުވާލު ކުރީމެވެ. ބުނީމަ އޭނާގެ ނަމަކީ އަހުމަދު އައިމަން ކަމަށް ބުންޏެވެ.

އަހަރެން ވަރަށް އުފަލުން އަނެއްކާވެސް ދަތުރަށް ފަށައިފީމެވެ. ދަމުން ދަމުން ހިތަށް އެރިއެވެ. ރެސްޓޯރަންޓަކަށް ވަދެ ހޫނު އެއްޗެއް ބޯލަންވީއެވެ. ވަރަށް ފިނި ދުވަހެއް ކަމުން އޭރު ކުޑަކޮން ހީކަރުވަންވެސް ފަށައިފި އެވެ.

ރެސްޓޯރަންޓަށް ވަދެ ހޮޓް ޗޮކްލެޓް އަކަށާ މަފިން އަކަށް އޯޑަރުދިނީމެވެ. އެތަނުން އަހަރެންނާ ބައްދަލުކުރީ ބަނޑު ބޮޑު ވެއިޓަރެކެވެ. ހީވާގޮތުން ބަލިވެ އިނދެ ބަނޑަށް އަށްމަސް ވަރު ކަމަށް ވެދާނެއެވެ. އެހާވެސް ބަނޑު ބޮޑެވެ.

އަހަރެން ހިތަށް އެރިއެވެ. ހާދަހާ ދެރައެވެ. މިއޮއްމޫސުން ގޯސް ފިނި ރޭގައިވެސް ގޭގައި އަރާމު ކުރަން ނީނދެ މަސައްކަތް ކުރަން ޖެހިފައިވާ އަންހެނެކެވެ. އޭނާގެ މައްޗަށް އަހަރެންގެ ހިތުގައި ރަހުމް އުފެދުނެވެ.އަދި ބިލަށް ފައިސާ ދެއްކި ވަގުތު އިތުރަށް 500 ރުފިޔާ ބާއްވާފަ އަވަސް އަވަހަށް އެތަނުން ނިކުތީމެވެ.

ވެއިޓަރު އައިސް ބެލިއިރު ފެނުނީ ފައިސާޔާއެކު ކަސްޓަމަރު ބާއްވާފަ އޮތް ނޯޓެކެވެ. އޭގައި ލިޔެފައި ވެއެވެ. ”ތިޔައީ ބިލުގެ ބާކީއެއްނޫނެވެ.އަހަރެންނަށް ދޭންޖެހޭ އެއްޗެއް ނޫނެވެ. ތިޔައީ އަހަރެންނަށް ތިޔަތަނުން ލިބުނު ރަގަޅު ޚިދުމަތުގެ ބަދަލުގަ ތިޔަފަރާތަށް ދިން ހަދިޔާއެކެވެ. އަހަރެން ވެސް ހަމަ މިއަދު ތިޔަ މަގާމުގައި ހުރީމެވެ. އަހަރެންނަށް މީހަކު އެހީތެރިވިއެވެ. ތިޔައީ އޭގެ ބަދަލު އަހަރެން ދިންގޮތް ކަމަށް ބަލާށެވެ.“

ވެއިޓަރު ޑިއުޓީ ނިމުމުން ވަރުބަލި ކަމާއެކު ގެއަށް ގޮސް ނިދަން އަރަމުން ބަލާލި އިރު ފިރިމީހާޔަށް އޮތީ ނިދިފައެވެ. އޭނާއަށް އިންތިޒާރު ކުރިކަންވެސް އެނގުނެވެ. އެހެން ކަމުން ގައިމަތީ އޮތް ފޮތިގަނޑު ރަގަޅު ކޮށްލުމަށް ފަހު ގައިގަފިރުމާލަމުން މަޑުމަޑުން ބުނެލިއެވެ.“ﷲގެ ރަހުމަތް ފުޅުން ހުރިހާ ކަމެއްވެސް ގަނގަޅުވާނެދޯއެވެ.މަގޭލޯބިވާ އަހުމަދު އައިމަން އެވެ“ މިހެންބުނުމަށްފަހު ކައިރިއަށް އަރާ އޮށޯވެ ހަމަޖެހިލިއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް